ހިލޭ ޑިގްރީ ސްކީމުން ގިނަ ދަރިވަރުން ކިޔެވީ މެނޭޖްމަންޓާއި އެޑްމިނިސްޓްރޭޓިވް ދާއިރާތަކުން

ހިލޭ ޑިގްރީ ސްކީމުން ގިނަ ދަރިވަރުން ކިޔެވީ މެނޭޖްމަންޓާއި އެޑްމިނިސްޓްރޭޓިވް ދާއިރާތަކުން ކަމަށް ހިލޭ ޑިގްރީ ސްކީމުގެ އޮޑިޓުން ދައްކައިފިއެވެ.

2019 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރު ހިލޭ ޑިގްރީ ސްކީމުގެ ދަށުން ކިޔަވަން 16،388 ދަރިވަރުންނަށް ފުރުޞަތު ދީފައިވާއިރު، އޭގެތެރެއިން މެނޭޖްމަންޓާއި އެޑްމިނިސްޓްރޭޓިވް ދާއިރާތަކުން ކިޔެވި ދަރިވަރުންގެ ނިސްބަތަކީ 38 އިންސައްތައެވެ. މުދައްރިސްކަން 17އިންސައްތަ ދަރިވަރުން ކިޔެވިއިރު، އެކައުންޓިންގ އަދި ޓެކްސޭޝަން ދާއިރާއިން ކިޔެވި ދަރިވަރުންގެ ނިސްބަތަކީ 9 އިންސައްތައެވެ.

ހިލޭ ޑިގްރީ ސްކީމުން ކިޔެވި ދަރިވަރުންގެ ތެރެއިން 65 އިންސައްތަ ދަރިވަރުންނަކީ އަންހެން ދަރިވަރުންނެވެ. 35 އިންސައްތައަކީ ފިރިހެން ދަރިވަރުންނެވެ. އެންމެ ގިނައީ 19-21 އަހަރުގެ ޒުވާނުންނެވެ. އެއީ އެ ސްކީމުން ކިޔެވި ދަރިވަރުންގެ 34 އިންސައްތައެވެ.

މ ސްކީމުން ކިޔެވި ދަރިވަރުންގެ ތެރެއިން ފިރިހެން ދަރިވަރުންގެ ނިސްބަތް ދަންވާން ދިމާވި ސަބަބެއް ކަމަށް ބުނެފައިވަނީ، ފިރިހެން ދަރިވަރުންގެ މެދުގައި ވޮކޭޝަނަލް ޕްރޮގްރާމްތަކަށް މަގުބޫލުކަން ފާހަގަކުރެވިފައިވާއިރު، އެފަދަ ޕްރޮގްރާމްތައް ލެވެލް 7އާ ހަމައަށް ތައާރަފުކޮށްފައި ނުވުމެވެ. ޓެކްނިކަލް ވޮކޭޝަނަލް ދާއިރާތަކުން ކިޔެވި ދަރިވަރުންގެ ތެރޭގައި ގިނައީ ފިރިހެން ދަރިވަރުންނެވެ. އެއީ ހިލޭ ޑިގްރީ ސްކީމުގައި ކިޔެވި ފިރިހެން ދަރިވަރުންގެ 68 އިންސައްތައެވެ.

2019 ވަނަ އަހަރު ފެށި ހިލޭ ޑިގްރީ ސްކީމުން 2024 ވަނަ އަހަރުގެ ނިޔަލަށް 835 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ކިޔަވަން ފަށައި ޕްރޮގްރާމް ފުރިހަމަ ނުކުރާ 790 ދަރިވަރުންނަށް 19 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު އެ ފައިސާ ހޯދާފައިނުވާކަމަށް އޮޑިޓަރ ޖެނެރަލް އޮފީހުން ނެރުނު ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. އަދި ޑިގްރީ ހަދާފައިވާ 271 ދަރިވަރަކަށް މި ސްކީމުގެ ދަށުން ޑިގްރީއަށް ކިޔަވަން 9.4 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

އޮޑިޓަރޖެނެރަލްގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުން، އަމިއްލަ ކޮލެޖްތަޖުގައި ޑިގްރީ ސްކޫމުގެ ދަށުން ކިޔަވަމުންދާއިރު ފީއަށް އައި ބަދަލުތަކާ ހުރެ އަމިއްލައަށް ކުރަން ޖެހޭ ޚަރަދު 15އާއި 46 އިންސައަށް އިތުރުވެފައިވާ ކަމަށެވެ.

ހިލޭ ޑިގްރީ ސްކީމުގެ ދަށުން 16،388 ދަރިވަރުންނަށް ފުރުޞަތު ދީފައިވާއިރު، އޭގެތެރެއިން ޑިގްރީ ޕްރޮގްރާމް ނިންމި ދަރިވަރުންގެ އަދަދު އެނގޭނެ މައުލޫމާތު ބަހައްޓާފައި ނެތްކަން ވަނީ ފާހަގަކޮށްފައެވެ.

2019އިން 2022 އަށް 50 އިންސައްތަ ދަރިވަރުން ޑިގްރީ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާއިރު އެއީ 11641 ދަރިވަރުންނެވެ. މައުލޫމާތު ލިބިފައިނުވާ 24 އިންސައްތަ ދަރިވަރުން ކަމަށްވާ 2779 ދަރިވަރުން ޕްރޮގްރާމް ނިންމި ކަމެއް ނޭނގޭ ކަމަށް ބުނެފައިވެއެވެ. އަދި މިހާރު 18 އިންސައްތަ ދަރިވަރުން ( 2100 ދަރިވަރުން) ކިޔަވަމުން ގެންދާއިރު، ޕްރޮގްރާމް ފުރިހަމަ ނުކުރާ ދަރިވަރުންގެ އަދަދު  7 އިންސައްތައަށް އަރައެވެ. އެއީ 790 ދަރިވަރުންނެވެ.

ހިލޭ ޑިގްރީ ސްކޫމުން ގިނަ ދަރިވަރުން ކިޔެވީ އަމިއްލަ ފަރާތްތަކުން ހިންގާ ކޮލެޖުތަކުންނެވެ. ސަރުކާރުން ހިންގާ ދެ ޔުނިވަރސިޓީތަކުން ކިޔެވީ އެންމެ 27 އިންސައްތަ ދަރިވަރުންނެވެ. އަމިއްލަ ތަންތަނަށް 73 އިންސައްތަ ދަރިވަރުން ކިޔެވަން ވަންކަމަށް ރެކޯޑްތަކުން ދައްކާ ކަމަށް އޮޓިޓަރޖެނެރަލް ނެރުނު ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *