"ކިޔަވައިދިނުމަކީ އެންމެ ފުރިހަމަ ކިޔަވައިދިނުން ކަމުގައި ކަށަވަރުކޮށް، ދިރާސީ ހޯދުންތަކަކީ އެންމެ ރަނގަޅު އެންމެ ކަމުދާ ދިރާސީ ހޯދުންތައް ކަމަށް ކަށަވަރު ކުރާނަން"
އެމްއެންޔޫގެ ފެކަލްޓީ އޮފް އާޓްސްގެ އައު ޑީންއަކަށް ޑރ އާމިނަތު ރިޔާޒުވަނީ އައްޔަން ކުރައްވާފައެވެ. ޑރ. އާމިނަތު ރިޔާޒު ވަނީ، އެމްއެންޔޫގައި 24 އަހަރު ޚިދުމަތް ކުރައްވާފައެވެ. އެ ޔުނިވަރސިޓީގައި އެންމެ ފުރަތަމަ އޭބާ އާކުރެއްވީ، 1992 ވަނަ އަހަރު ހެލްތްސައިންސަސްގެ ލައިބްރަރޭރިއަންގެ މަޤާމެވެ. 15 އަހަރު އިދާރީ ދާއިރާގައި މަސައްކަތް ކުރެއްވިއެވެ. އޭގެ ފަހުން އަށް އަހަރު އެކަޑަމިކް ސްޓާފެއްގެ ގޮތުން އަށް އަހަރު ޚިދުމަތް ކުރެއްވިއެވެ. އޭނާ ވަނީ
ލެކްޗަރެއްގެ ގޮތުންނާއި ސީނިއަރ ލެކްޗަރާއެއްގެ އިތުރުން އެސިސްޓެންޓް ޕްރޮފްސަރެއްގެ ގޮތުން މަސައްކަތް ކުރައްވާފައެވެ.
ޑރ. އާމިނަތު ރިޔާޒަށް، މުވައްޒަފުންގެ އަގު ވަޒަން ކުރުމުގެ ގޮތުން އެމްއެންޔޫދޭ ބެސްޓް އެކަޑަމިކް އެމްޕްލޯއީ އެވޯޑާއި އެންހޭންސިން ސްޓޫޑެންޓް އެކްސްޕީރިއަންސް އެވޯޑް ލިބިވަޑައިގެންފައިވެއެވެ.

މަޤާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ޑރ. އާމިނަތު ރިޔާޒު ވިދާޅުވީ، އާ ކޯސް އުފެއްދުމާ ފެންވަރު ރަނގަޅު ތައުލީމެއް ކަށަވަރުކުރަންޖެހޭ ކަމަށާއި އޭގެ އިތުރުން އިލްމް އުފެއްދުމުގެ ރޫހު އާލާކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
ފެކަލްޓީ އޮފް އާޓްސްގައި އޭނާގެ ބެއްލެވުމުގެ ދަށުން ކުރިއަށް އޮތް ހަތަރު އަހަރުގެ ތަޞައްވަރުގައި މައިގަނޑު ހަތަރުކަމަކަށް އޭނާ އަމާޒުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
އެއީ އެކްސެލަންސް، އިންކުލޫޝަން، އިނޮވޭޝަން އަދި އިމްޕެކެޓެވެ.
އެކްސެލަންސްގެ ގޮތުގައި ޑރ. އާމިނަތު ރިޔާޒު ވިދާޅުވީ، "އަޅުގަނޑުމެން ކިޔަވައިދޭ ކިޔަވައިދިނުމަކީ އެންމެ ފުރިހަމަ ކިޔަވައިދިނުން ކަމުގައި ކަށަވަރު ކުރަންޖެހޭ. އަޅުގަނޑުމެންގެ ދިރާސީ ހޯދުންތަކަކީ އެންމެ ރަނގަޅު އެންމެ ކަމުދާ ދިރާސީ ހޯދުންތައް ކަމަށް ކަށަވަރު ކުރަންޖެހޭ" ކަމަށެވެ.
އިންކުލޫޝަން ނުވަތަ ޝާމިލުކަމަކީ، ފެކަލްޓީގެ އެންމެހައި މުއްޒަފުންނަށް ޝާމިލުވުމުގެ ފުރުޞަތު އޮންނަ ގޮތަށް ކަންތައްތައް ރޭވުން ކަމަށާއި ދަރިވަރުންނަށް އިންސާފުވެރި ޚިދުމަތްތަކެއް ފޯރުކޮށްދީ، ދަރިވަރުންނަށް ޝާމިލުވެވޭނެ ގޮތަށް ޚިދުމަތްތައް ދެވެންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޓެކްނޮލޮޖީއާއި އިޖްތިމާއީ އިޤްތިޞާދީ ބަދަލުތަކަށް ފައިހަމަކުރަން ޖެހޭއިރު، އެ ބަދަލުތަކަށް ކޯސްތައް ވެސް ބައްޓަންކުރަންޖެހޭ ކަމަށެވެ.
"އެދެނީ އަޅުގަނޑުމެން ކުރާ ކޮންމެ މަސައްކަތަކީ ކުލާހުގެ ހަތަރު ފާރުން ބޭރުވެ ޔުނިވަރސިޓީގެ ގޯތިތެރެއިން ވެސް ބޭރުވެ މުޖްތަމައަށް ޚިދުމަތް ދެވޭ ވަރުގެ މަސައްކަތަކަށްވުން. ދަރިވަރުންނަކީ މަސައްކަތުގެ ތަޖުރިބާއާއެކު އުނގެނިގެން ދަސްވެނިވެގެން ނުކުންނަ ބަޔަކަށްވުން. ހަމަ އެހެންމެ ދިރާސީ އާޓިކަލްތަކާއި އިލްމީ ފޮތްތައް ވެސް އުފެއްދޭ ވަރުގެ ބަޔަކަށް އަޅުގަނޑުމެންގެ ދަރިވަރުންނާ ދާރިސުން ވާންޖެހޭ" ޑރ. އާމިނަތު ރިޔާޒު ވިދާޅުވިއެވެ.
advertisment
ހިޔާލު