މާލެ ޖޫނިއާ ޗެސް އޯޕަން 2026ގެ ޗެމްޕިއަނުންނަށް އާއިޝް އާއި ލޫކް

މާލެ ޖޫނިއާ ޗެސް އޯޕަން 2026ގެ ޗެމްޕިއަންކަން ިބްރާހީމް އާއިޝް ހަލީމާއި ލޫކް އަލްވިން ޝާފީ ހޯދައިފިއެވެ.

ދޮންމަނިކު އިންވެސްޓްމަންޓުން ސޮޕްންސަރ ކޮށްގެން މި މުބާރާތް އިމްތިޒާމު ކުރީ، މާލެ ޗެސް ކުލަބާއި ކުލަބް ޑާކް ނައިޓް އަދި ކުލަބު ސްޓޯންވޯލް ގުޅިގެންނެވެ.

އޮގަސްޓު މަހުގެ 27 އިން 29 އަށް ދޮން މަނިކު ސްކައި ވިއުގައި ކުރިއަށް ދިޔައި ދެ އުމުރުފުރައަކަށް ބަހާލައިގެންނެވެ. އެއީ 12 އަހަރުން ދަށާއި 18 އަހަރުން ދަށެވެ. މި މުބާރާތުގައި 80 ކުޅުންތެރިން ބައިވެރިވިއެވެ. އެއީ، 12 އަހަރުން ދަށުގެ ކެޓެގަރީގައި ބައިވެރިވި 51 ކުޅުންތެރިންނާއި 18 އަހަރުން ދަށުގެ ކެޓެގަރީގައި ބައިވެރިވި 29 ކުޅުންތެރިންނެވެ.

މުބާރާތުގެ 12 އަހަރުން ދަށުގެ ކެޓެގަރީގެ ޗެމްޕިއަންކަން ހޯދީ އިބްރާހީމް އާއިޝް ހަލީމެވެ. އޭނާ މި މަޤާމު ހޯދީ ކުޅުނު ހަތް ރައުންޑުން ހަ ޕޮއިންޓް ހޯދައިގެންނެވެ. މި ކެޓެގަރީން 2ވަނަ ހޯދީ މާކިން އަތަރު މުހައްމަދެވެ. ތިން ވަނަ ހޯދީ އަދުޔާން މުންތަޒިމެއެވެ.

12 އަހަރުން ދަށުގެ ކެޓަގަރީން އެންމެ މޮޅު އަންހެން ކުޅުންތެރިޔަކަށް ހޮވުނީ އީލާފް އަބްދުﷲ ޝަޒްމީނެވެ. 10 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ޒިވާން ޝަމްސޫން ފުއާދެވެ. އަދި 8 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަހުމަދު ތަނީމް އިރުހާމް މާހިރެވެ.

18 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ ލޫކް އަލްވިން ޝާފީއެވެ. އޭނާ ޗެމްޕިއަންކަން ހޯދީ ހަތް ރައުންޑުން ހަ ޕޮއިންޓް ހޯދައިގެންނެވެ.

18 އަހަރުން ދަށުން 2 ވަނަ ހޯދީ އިބްރާހީމް ޔޫމިން ޝިމާދެވެ. ހޯދިއިރު، ތިން ވަނަ މަޤާމު ހޯދީ އަހުމަދު އާތިކް ހަލީމެވެ. 18 އަހރުން ދަށުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔަކަށް ހޮވުނީ ފާތިމަތު ލުބާނާ މުހައްމަދެވެ. 16 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކީ މުހައްމަދު ޝައިލް ސާމިރެވެ. 14 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކީ އަބްދުﷲ ނާއިޝް ނާއިފެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ކުޅުންތެރިއަކަށް 3،000 ރުފިޔާ، ރަނަރަޕަށް ދިޔަ ކުޅުންތެރިޔާއަށް 2،000 ރުފިޔާ އަދި ތިން ވަނަ އަށް ދިޔަ ކުޅުންތެރިޔާއަށް 1،000 ރުފިޔާ ދީފައިވެއެވެ. މީގެ އިތުރުން އެންމެ މޮޅު އަންހެން ކުޅުންތެރިޔާ އާއި އުމުރުފުރާތަކުން ހޮވުނު އެންމެ މޮޅު ކުޅުންތެރިންނަށް ކޮންމެ ކުޅުންތެރިޔަކަށް 750 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ދީފައި އެވެ. ފައިސާގެ އިނާމުގެ އިތުރުން ދެ ކެޓެގަރީގެ ޗެމްޕިއަނުންނަށް ދޮން މަނިކު ސްކައި ވިއު އިން ތިން މީހުންގެ ރޭގަނޑުގެ ކެއުމުގެ ވައުޗަރެއް ވެސް ވަނީ ދީފައި އެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *