އިރުޝާދުދޭ ލިޔުމަކުން އިރުޝާދުދޭ ލިޔުން ލިޔާނެ ގޮތް

ޒައިން ޙަސަން މުޙައްމަދު

އިރުޝާދުދޭ ލިޔުމަކީ ނުހަނު ފަސޭހަކަމާ އެކު ދަރިވަރުންނަށް ރަނގަޅު މާކުހެއް ހޯދޭނެ ކުރު ލިޔުމެކެވެ. އިރުޝާދުދޭ ލިޔުން ޢާއްމު ގޮތެއްގައި މި ލިޔަނީ ކަމެއްކުރާން ގޮތް ބުނެދިނުމަށެވެ. ވަކި ގޮތަކަށް އުޅުން ބައްޓަންކުރާނެ ގޮތް އަންގައިދިނުމަށެވެ. ވަކި ހާއްސަ މަގުސަދެއް ހާސިލުކުރުމަށް ހަރަކާތްތެރިވާނެ ގޮތް ކިޔައިދިނުމަށެވެ. މިހެންވެ، މި ލިޔުމަކީ ލިޔުންތެރިކަމުގެ ބައިން ރަނގަޅު ނަތީޖާއެއް ހޯދުމަށް ޓަކައި މުހިއްމު ލިޔުމެކެވެ. އެހެންކަމުން، އޮއްޓަރު ހުރި އިރުޝާދުދޭ ލިޔުމެއް ޢިބާރާތްކުރާނެ ގޮތާ މެދު ހުރިހައި ދަރިވަރުން ވެސް ސަމާލުވާން ޖެހެެއެވެ. މިކަން ކުރުމަށް ދަރިވަރުންނަށް ޢަމަލުކުރެވިދާނެ ގޮތުގެ މުހިއްމު ބައެއް އިރުޝާދު ހިއްސާކުރަމެވެ.

އޮއްޓަރު ހުރި އިރުޝާދުދޭ ލިޔުމެއް ޢިބާރާތްކުރުމަށް ޓަކައި ހަރުދަނާ ފެށުމެއް ގެންނަން ސަމާލުކަންދޭށެވެ. އެގޮތުން، ފެށުމުގައި މައުޟޫޢުގެ ފަސްމަންޒަރެއް ހިމަނާށެވެ. މިކަން ކުރުމަށް ޓަކައި އިންސާފުކުރެވޭ މައުޟޫޢުގެ ކުރު ތައާރަފަކާއި ކަން އޮތް ގޮތް ސުވާލަށް އަމާޒުކޮށްގެން ގެންނާށެވެ. މީގެއިތުރުން، ލިޔުމުގައި އޯޑިއަންސެއް އޮތް ނަމަ، އޯޑިއަންސަށް ރިއާޔަތްކޮށް ލިޔުމުގެ ބޭނުން ބުނެދޭށެވެ. ހަމައެހެންމެ، ފެށުން ނިންމައިލުމުގެ ގޮތުން އިރުޝާދުދޭކަން ބަޔާންކުރާ ޖުމުލައެއް ޢިބާރާތްކުރާށެވެ. މި ޖުމުލައިގައި "އިރުޝާދު" މި ލަފުޒު އޮންނަންވާނެކަން ހަނދާންނައްތައިނުލާށެވެ. އަދި މި ޖުމުލަ ފެށުމަށް ޓަކައި "މި ލިޔުމުގައި އަލި އަޅުވައިލާނީ"، "މި ލިޔުމުގައި ވާހަދައްކާނީ" ފަދަ ޢިބާރާތްތައް ބޭނުންނުކުރާށެވެ. އޭރުން، ލިޔުމުގެ ފެށުން ހަރުދަނާވެ، ޝައުގުވެރި ފެށުމެއް ލިޔުމަށް މަގުފަހިވެގެންދާނެއެވެ.

މައުލޫމާތު މުއްސަނދި މައިގަނޑުގެ ޕެރަގުރާފުތަކެއް ގެނައުމަކީ އޮއްޓަރު ހުރި އިރުޝާދުދޭ ލިޔުމެއް ލިޔުމަށް ޓަކައި ކުރެވިދާނެކަމަކަށްވާތީވެ، އެކަން ކުރުމަށް ފަރުވާތެރިވާށެވެ. އެގޮތުން، މައިގަނޑުގައި ޖުމުލަ 3 ޕެރަގުރާފު ހިމަނާށެވެ. އަދި މައިގަނޑުގެ ކޮންމެ ޕެރަގުރާފެއްގައި ވެސް މައިގަނޑު އެއް ހިޔާލު ގެންގުޅޭށެވެ. މިގޮތުން، މައިގަނޑު ހިޔާލުގެ މައްޗަށް މައިގަނޑު އިރުޝާދެއް ޢިބާރާތްކުރާށެވެ. އެއަށް ފަހު އެ މައިގަނޑު އިރުޝާދު ހާސިލުކުރުމަށް ޓަކައި ޢަމަލުކުރާންވީ ގޮތުގެ 3 ނުވަތަ 4 އިރުޝާދު ބުނެދޭށެވެ. އެއީ ބާރުދޭ އިރުޝާދުތައްކަން ހަނދާނުގައި ބަހައްޓާށެވެ. އެއަށް ފަހު، މައިގަނޑު އިރުޝާދަށް ޢަަމަލުކުރުމުން ނުކުންނާނެ ނަތީޖާ ބުނެދޭށެވެ. އަދި ކޮންމެ ޕެރަގުރާފެއްގައި ވެސް ނަތީޖާގެ ގޮތުގައި ގެންނަންވާނީ ސުރުޚީއާ ގުޅޭ ނުކުތާއެއްކަން ހަނދާނުގައި ބަހައްޓާށެވެ. ނަތީޖާ ބުނެދޭ އިރު، "އޭރުން"، "ނަތީޖާއެއްގެ ގޮތުން"، "މިހެން ހެދުމުން"، "މި ގޮތަށް ޢަމަލުކުރުމުން" ފަދަ ބަސްކޯޅިތައް ބޭނުންކުރާށެވެ. މިކަންކަން ކުރުމުގެ ސަބަބުން ލިޔުމުގެ އޮއްޓަރުގެ ބައިން ރަނގަޅު ނަތީޖާއެއް ލިބި، ހުށަހެޅުން ރަނގަޅުވެގެން ދިއުމެވެ.

އޮއްޓަރު ހުރި ލިޔުމަކަށް ބޭނުންވާނެ އެންމެ މުހިއްމު އެއް ސިފައަކީ މުޅިން ލިޔުން ވަށާޖެހޭ ފަދަ ނިންމުމެއް ގެނައުންކަމަށްވާތީވެ، ވަރުގަދަ ނިންމުމެއް ގެނައުމަށް ދޭ ސަމާލުކަން އިތުރުކުރާށެވެ. އެގޮތުން، މައިގަނޑު ޕެރަގުރާފުތަކުގެ ޚުލާޞާއަކުން ނިންމުން ފަށާށެވެ. މިކަން ކުރުމަށް، މައިގަނޑު އިރުޝާދުތައް ސުރުޚީއާ ގުޅުވައިލައިގެން ލިޔާށެވެ. މައިގަނޑު އިރުޝާދުތައް ވަކިވަކި ޖުމުލަތަކެއްގެ ގޮތުގައި ގެނައުމަށް ފަރުވާބަހައްޓާށެވެ. ޚުލާޞާއަށް ފަހު، އިރުޝާދުތަކަށް ޢަމަލުކުރުމަށް ބާރުއެޅޭ ފަދަ ޖުމުލައެއް (އިރުޝާދެއް) ލިޔާށެވެ. ދެން، ލިޔުމުގެ ޖުމުލަ ނަތީޖާ ބުނެދޭށެވެ. ޖުމުލަ ނަތީޖާގައި ބުނެދޭނީ، ޖުމުލަ ގޮތެއްގައި އިރުޝާދުދިން ކަންތައް ހާސިލުވުމަށް މަގުފަހިވާ ވާހަކަކަން ހަނދާނުގައި ބަހައްޓާށެވެ. މި ގޮތަށް ޢަމަލުކުރުމުން މުޅި ލިޔުން ބަދަހިކަމާ އެކު ވާށާޖެހިގެން ދާނެއެވެ.

އޮއްޓަރު ހެޔޮ އިރުޝާދުދޭ ލިޔުމެއް ޢިބާރާތްކުރުމަށް ޓަކައި ލިޔުމުގެ ހުރިހައި ހިސާބެއްގައި ވެސް ލިޔުމުގެ ތަރީގާއާއި އުސްލޫބު ހިފަހައްޓާށެވެ. މިގޮތުން، ލިޔުމުގައި ހިމަނަން ޖެހޭ އިރުޝާދުތައް ލިޔެވިފައި އޮތީ އިރުޝާދަކަށްވާ ގޮތަށްތޯ ބަލާށެވެ. މިކަން ކުރުމަށް ޓަކައި ލިޔެވިފައިވާ އިރުޝާދުތައް ނިމިފައިވަނީ ހަރަކާތުގެ ލަފުޒު ނުވަތަ ކޮމާންޑިންގ ވާޑްއަށްކަން ޔަގީންކުރާށެވެ. އަދި މުޅި ލިޔުން ބަހުގެ ހަމައާއި ޤަވާއިދާއި ލަފުޒު ދުރުކުރުމުގެ ޤަވާއިދު 2024އަށް ފައްތަން މަސައްކަތްކުރާށެވެ. މީގެއިިތުރުން، ސާފު އަދި ސާދާ އިރުޝާދުތައް ހިމެނުމަށް ސަމާލުކަންދޭށެވެ. ހަމައެހެންމެ، ސުރުޚީއާއި އޯޑިއަންސާ ގުޅުވައިލައިގެން އިރުޝާދުތައް ހުށަހެޅުމަށް ފަރުވާތެރިވާށެވެ. މިކަންތައްތައް ކުރުމުގެ ސަބަބުން  އިރުޝާދުދޭ ލިޔުމެއްގެ ސިފަތައް ލިޔުމުން ފެންނާނެއެވެ.

އޮއްޓަރު ހުރި އިރުޝާދުދޭ ލިޔުމެއް ލިޔުމަށް ދަރިވަރުން ގަދައަޅައި މަސައްކަތްކުރާށެވެ. އެގޮތުން، ހަރުދަނާ ފެށުމެއްގެ ސިފަތައް ހިމެނުމަށް ސަމާލުކަންދޭށެވެ. މިއާ އެކު، މައުލޫމާތު މުއްސަނދި މައިގަނޑުގެ ޕެރަގުރާފުތަކެއް ޢިބާރާތްކުރުމަށް ފަރުވާތެރިވާށެވެ. ހަމައެހެންމެ، ވަށާޖެހޭ ނިންމުމެއް ޢިބާރާތްކުރުމަށް އަހުމިއްޔަތުކަންދޭށެވެ. މި އިރުޝާދުތަކާ އެއްގޮތަށް ހުރިހައި ދަރިވަރުން ވެސް ޢަމަލުކުރާށެވެ. ނަތީޖާއެއްގެ ގޮތުން، އޮއްޓަރު ހުރި އިރުޝާދުދޭ ލިޔުމެއް ލިޔުމުގެ މަގު ތަނަވަސްވެގެން ދާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *