ޕްލާސްޓިކް ޕޮލިއުޝަން ޗެލެންޖްގެ ފައިނަލަށް ރާއްޖޭގެ ތިން ސްކޫލެއް

ތާޖުއްދީން ސުކޫލު
ޕްލާސްޓިކް ފްރީ ތިން ސުކޫލުގެ ތެރެއިން ތާޖުއްދީން ސުކޫލް

ދުނިޔޭގެ ފަތުރުވެރިކަމާބެހޭ ޖަމިއްޔާއިން އިސްނަގައިގެން ކިޔަވާ ކުދިންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ޕްލާސްޓިކްސް ޕޮލިއުޝަން ޗެލެންޖްގެ ފައިނަލަށް ރާއްޖޭގެ ތިން ސްކޫލެއް ހޮވިއްޖެއެވެ.
ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތައް ކުޑަކޮށް އޭގެ ސަބަބުން ދިމާވާ މައްސަލަތަކަށް ދަރިވަރުން ހޭލުންތެރި ކުރުވުމުގެ މަޤްޞަދުގައި އދ. ފަތުރުވެރިކަމާ ބެހޭ ޖަމިއްޔާ "ޔޫއެންޑަބްލިއުޓީއޯ" ކުރިއަށް ފެންދިޔަ ޗެލަންޖްގެ ފައިނަލަށް ރާއްޖޭން ދިޔައީ ތާޖުއްދީން ސްކޫލާއި، އައްޑޫ ސިޓީގެ މަރަދޫ ސްކޫލާއި ބ. އަތޮޅު ސްކޫލެވެ.ދުނިޔޭގެ 45 ގައުމެއްގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި ހާހެންހާ ދަރިވަރުން 155 ޓީމެއްގެ ގޮތުގައި ބައިވެރިވިއެވެ. ޕްލާސްޓިކާ ދެކޮޅަށް ރާއްޖޭގެ ސްކޫލްތަކުން މިހާރުވެސް ޚާއްޞަ ކެމްޕޭންތައް ކުރިއަށް ގެންދާއިރު، ރާއްޖޭގެ ތިން ސްކޫލަކުން ހޯދު ކާމިޔާބީ ދުނިޔޭގެ ފަތުރުވެރިކަމާބެހޭ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.

އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ހިޒް އެކްސެލެންސީ ޒުރާބް ޕޮލޮލިކަޝަވީލީ ފައިނަލަށް ދިޔަ ރާއްޖޭގެ ސްކޫލް ތަކުގެ ދަރިވަރުންނާ ބައްދަލުކުރައްވައި، މަރުޙަބާ ދަންނަވާފައެވެ. އެފަދަ ކާމިޔާބީއެއް ހޯދުމުގެ ފަހަތުގައި ސްކޫލާއި މުދައްރިސުންނާއި ބެލެނިވެރިން މުހިންމު ރޯލެއް ކުޅެފައިވާތީ އެ ފަރާތްތަކަށް އޭނާ ވަނީ ޝުކުރުއަދާކުރައްވާފައެވެ.

ހޯމަ ދުވަހު ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ، ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ޔޫއެންޑަބްލިއުޓީއޯގެ ޕްލާސްޓިކްސް ޕޮލިއުޝަން ޗެލެންޖް މުބާރާތަށް ބަލައި، ފަތުރުވެރިކަމުގެ ރަން އަހަރާ ގުޅުވައިގެން ރީސައިކަލްޑް ކުރާ ތަކެތިން އުފައްދާ ތަކެތީގެ ޚާއްސަ މަޢުރަޒެއް ބޭއްވުމަށް ގަސްދުކުރައްވާކަން އިއުލާން ކުރައްވާފައެވެ.

މި ބައްދަލުވުމުގައި ތާޖުއްދީން ސްކޫލްގެ ޓީމުގެ ފަރާތުން ޕްލާސްޓިކް ފުޅީގެ މަތި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ކުރެހުމެއް ސެކްރެޓަރީ- ޖެނެރަލަށް ހަދިޔާކޮށްފައިވެއެވެ.
ރާއްޖޭގެ ސްކޫލްތަކުން މިހާރުވެސް ދަނީ ޕްލާސްޓިކް އެއްކުރުމަށް ޕާލޭ ޗެލަންޖްގައިވެސް ނަމޫނާ ދައްކަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *