ތެވެލި މަހާސިންތާ މިއަދު ވެފައި ވަނީ، ކަންކަން ހަގީގަތަކަށް ހެދުމަށް މަސައްކަތްކުރާ މުހިންމު މާހައުލަކަށް: މެޑަމް ސާޖިދާ

"އެމްއެންޔޫއިން ބާއްވާ ތެވެލި މަހާސިންތާއަކީ ކަންކަން ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރާ މުހިންމު މާހައުލެއް" ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދިރާސާ މަހާސިންތާއަށް އިޝާރާތް ކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.

އެމްއެންޔޫގެ 9 ވަނަ ތެވެލި ބައިނަލްއަޤުވާމީ ކޮންފަރެންސް ހުޅުވައި ދެއްވާ އެކަމަނާ ވިދާޅުވީ، ތެވެލި ކޮންފަރެންސް މިއަދު ވެފައި ވަނީ ހަމައަކަނި ބާއްވާ ބައްދަލުވުމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި މިއަދު އެ މަހާސިންތާ ވެގެން ދަނީ ކުރެވިދާނެ ކަންތައްތަކާ މެދު ހަމައެކަނި ތަސައްވުރު ކުރުމުގެ ބަދަލުގައި އެކަންކަން ހަގީގަތަކަށް ހެދުމަށް މަސައްކަތްކުރާ ތަނަކަށް ކަމަށެވެ.

"އިލްމީ ބައްދަލުވުމެއް ނޫންކަމަށެވެ. މިއީ ތަފާތު ދާއިރާތަކުގެ ތަޖުރިބާކާރުންނާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން އެއްވެ، އައު ޚިޔާލުތަކާއި ތަޖުރިބާތައް ހިއްސާކޮށް، ކުރެވިދާނެ ކަންކަމާ މެދު ހަމައެކަނި ތަސައްވުރު ކުރުމުގެ ބަދަލުގައި އެކަންކަން ހަގީގަތަކަށް ހެދުމަށް މަސައްކަތްކުރާ މުހިންމު މާހައުލެއް" 330 އަށްވުރެ ގިނަ ދިރާސާ ހުށައަޅާފައިވާ މަހާސިންތާއަށް އިޝާރާތް ކުރައްވައި އެކަމަނާ ވިދާޅުވިއެވެ.

މިއަހަރުގެ ކޮންފަރެންސްގެ ޝިއާރު ކަމަށްވާ "ޓްރާންސްފޮމޭޓިވް އިނޮވޭޝަން އިން ދަ ޓްވެންޓީފަސްޓް ސެންޗަރީ: ސައިންސް، ޓެކްނޮލޮޖީ އެންޑް ސޮސައިޓީ"އަށް އިޝާރާތް ކުރައްވައި ސާޖިދާ ވިދާޅުވީ، ޓެކްނޮލޮޖީގެ ސަބަބުން ދުނިޔެއާމެދު ދެކޭ ދެކުން މިއަދު ބަދަލުވަމުންދާ ކަމަށެވެ. ޑިޖިޓަލް ޓެކްނޮލޮޖީން ހޯދަމުންދާ ކުރިއެރުންތަކުން މީގެ ދިހަ އަހަރު ކުރިން އުއްމީދު ނުކުރާ ފދަ ފުރުޞަތުތަކަށް މިއަދު މަގުފަހިވެފައިވާ ކަމަށެވެ. އެގޮތުން ޓެކްނޮލޮޖީގެ ސަބަބުން އުނގެނުމާއި މުއާމަލާތްކުރުމުގެ ވައްޓަފާޅިއަށް ބޮޑު ބަދަލެއް އައިސްފައިވާކަން ސާޖިދާ ފާހަގަކުރެއްވިއެވެ.

އެކަމަނާ ވިދާޅުވީ، "ޓެކްނޮލޮޖީގެ އީޖާދީ މަސައްކަތްތަކުގެ އަސްލު މާނައަކަށް ވާންޖެހޭނީ، އެކަމުގެ ސަބަބުން ތައުލީމު ކުރިއަރައި، ޞިއްޙީ ޚިދުމަތް ފުޅާވެ، ޒުވާނުންނަށް ފުރުސަތުތައް އިތުރުވެ، އިޖުތިމާއީ ގުޅުންތައް ބަދަހިވެ، ތިމާވެށި ހިމާޔަތްކުރެވި، އާއިލާތަކުގެ ދިރިއުޅުމަށް ލުއިފަސޭހަކަން ލިބުން" ކަމަށެވެ.

އެކަމަނާ ވިދާޅުވީ، ޓެކްނޮލޮޖީގެ އެހީގައި އެ ދުރުމިން ކުޑަކޮށް، ރަށްރަށަށް އިލްމު ފޯރުކޮށްދީ، ޒުވާނުން ދުނިޔެއާ ގުޅުވައިދީ، އިޤްތިޞާދީ އައު ފުރުސަތުތައް ހުޅުވައިދީ، ދިވެހިންގެ ޚިޔާލުތަކާއި ހައްލުތައް ބައިނަލްއަގުވާމީ ފެންވަރުގައި ހުށަހެޅުމުގެ ފުރުސަތު ވަނީ ފަހިވެފައި ކަމަށެވެ.
އެކަމަނާ ވިދާޅުވީ، ޖަޒީރާވަންތަ ރާއްޖޭގެ ރަށްތަކުގެ މެދުގައި ހުރި ދުރުމިނުގެ ސަބަބުން ގުޅުން ބަދަހިކުރުމަށް އޮތް ހުރަސް ޓެކްނޮލޮޖީގެ ވަޞީލަތުން ނައްތާލާފައިވާ ކަމަށެވެ. އޭގެ ސަބަބުން "ރަށްރަށަށް އިލްމު ފޯރުކޮށްދީ، ޒުވާނުން ދުނިޔެއާ ގުޅުވައިދީ، އިޤްތިޞާދީ އައު ފުރުސަތުތައް ހުޅުވައިދީ، ދިވެހިންގެ ޚިޔާލުތަކާއި ހައްލުތައް ބައިނަލްއަގުވާމީ ފެންވަރުގައި ހުށަހެޅުމުގެ ފުރުސަތު މިއަދު ފަހިވެފައިވާކަން" ފާހަގަކުރެއްވިއެވެ.

އީޖާދީ މަސައްކަތްތަކުގައި އެންމެންނަށް ޝާމިލުވެވޭ އަޚުލާގީ މިންގަނޑުތަކަށް ފެތޭ، އަދި އިންސާނީ ގާތްކަމުގެ މައްޗަށް ބިނާވެފައިވާ އެއްޗަކަށް ޓެކްނޮލޮޖީ ވާންޖެހޭ ކަމަށާއި އޭގެ ސަބަބުން އެއްވެސް މީހަކު ބާކީވެގެން ނުވާނެ ކަމަށެވެ. އާޓިފިޝަލް އިންޓެލިޖެންސާއި އައު ޓެކްނޮލޮޖީތަކުގެ ސަބަބުން ތައުލީމާއި، ސިއްހީ ޚިދުމަތާއި، އާންމު ޚިދުމަތްތަކުގެ އިތުރުން އިގްތިސާދަށް ބޮޑެތި ބަދަލުތަކެއް ގެނެވިދާނެކަން ވެސް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ގިނަ އަދަދެއްގެ ދިރާސާވެރިން ބައިވެރިވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ ވިދާޅުވިއެވެ.

އެކަމަނާގެ ވާހަކަފުޅުގައި ޒުވާނުންނަށް ވެސް މުހިންމު ނަސޭހަތްތަކެއް ދެއްވިއެވެ. އެކަމަނާ ވިދާޅުވީ "ހަމައެކަނި ޓެކްނޮލޮޖީ ބޭނުންކުރާ ބައެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި، އައު އީޖާދުތައް ތައާރަފްކޮށް، ދިރާސާވެރި، މައްސަލަތަކަށް ޙައްލު ހޯދާ އަދި ވިޔަފާރީގެ ދާއިރާއިން ކުރިއަރާފައިވާ ބައެއްގެ ގޮތުގައި ޒުވާނުން މަސައްކަތް ކުރަން ޖެހޭ" ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *