އެމްއެންޔޫގެ ދަރިވަރުންގެ ރިސާޗް ސިމްޕޯޒިއަމަށް 19 ދަރިވަރުންގެ ރިސަރޗްތައް

ޤައުމީ ޔުނިވަރސިޓީގެ ރިސަރޗް ކޮންފަރެންސްގެ ތެރެއިން ދިރާސީ ޚިޔާލުތައް ތަރައްޤީކުރާނެ ގޮތާއި، އިލްމީ މަސައްކަތްތައް ހުށަހަޅާނެ ގޮތްތަކުގެ އިތުރުން، ޔުނިވަރސިޓީގެ އިލްމީ މުޖުތަމައުގެ މެންބަރުންނާއެކު މަޝްވަރާކުރުމުގެ ތަޖުރިބާ ދަރިވަރުންނަށް ލިބިގެންދިޔަ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ރިސަރޗް ކޮންފަރެންސްގެ ތެރެއިން އެ ޔުނިވަރސިޓީގެ ދަރިވަރުންނަށް ޚާއްޞަ ކުރި ސިމްޕޯޒިއަމަށް 19 ދަރިވަރުން އިލްމީ ދިރާސާ ކަރުދާސް ހުށައަޅައިފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފުރަތަމަ ޑިގްރީއަށް ކިޔަވާ ދަރިވަރުންގެ އިލްމީ ދިރާސާތައް ހުށައެޅުމަށާއި، ފެކަލްޓީ މެންބަރުންނާއި، އިވެލުއޭޓަރުން އަދި އެހެން ދަރިވަރުންނާ މަޢުލޫމާތު ބަދަލުކުރުމަށް ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ބޭއްވި "އަންޑަރގްރެޖުއޭޓް ސްޓޫޑަންޓް ރިސާޗް ސިމްޕޯޒިއަމް (ޔޫއެސްއާރްއެސް) 2026″ ގެ ދެވަނަ އެޑިޝަން ބޭއްވީ މިއަދު ހެނދުނުއެވެ.

މިއަހަރުގެ ސިމްޕޯޒިއަމަށް ޖުމްލަ 31 އެބްސްޓްރެކްޓް ބަލައިގަނެފައިވާއިރު، އޭގެ ތެރެއިން 19 ދަރިވަރަކު ވަނީ އެކުދިންގެ ދިރާސާތައް މި ބައްދަލުވުމުގައި ހުށަހަޅާފައެވެ. މި ހުށަހެޅުންތައް ބިނާވެފައިވަނީ ތަފާތު އެކި ދާއިރާތަކުގެ މައްޗަށެވެ. މިއީ އެ ޔުނިވަރސިޓީގައި ފުރަތަމަ ޑިގްރީއަށް ކިޔަވާ ދަރިވަރުންގެ ދިރާސީ ޝައުގުވެރިކަމާއި ގާބިލުކަން ހުރި މިންވަރު ހާމަކޮށްދިން ކަމެކެވެ.

މި ސިމްޕޯޒިއަމްގެ ސަބަބުން ދަރިވަރުންނަށް އެކުދިންގެ ދިރާސީ ހޯދުންތައް ހިއްސާކުރުމުގެ ފުރުޞަތު ލިބިގެންދިޔައެވެ. އަދި އިވެލުއޭޓަރުންނާއި އެކަޑަމިކް މުވައްޒަފުންގެ ފަރާތުން އިރުޝާދާއި ޚިޔާލު ހޯދުމުގެ އިތުރުން، އިލްމީ މާހައުލެއްގައި އެ ދަރިވަރެއްގެ ވިސްނުންތައް ހުށަހަޅައިދިނުމުގެ އަގުހުރި ތަޖުރިބާތަކެއް ދަރިވަރުންނަށް ލބިގެންދިޔައެވެ. މީގެ އިތުރުން، މިއީ ދަރިވަރުންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ވަރުގަދަކޮށް، ދިރާސީ މަސައްކަތްތަކާއި އިލްމީ ކަންކަމަށް ހުންނަ ޝައުގުވެރިކަން އިތުރުކުރުމަށް މަގުފަހިކޮށްދިނުމަށް ބާއްވާ ބައްދަލުވުމެކެވެ.

ޔޫއެސްއާރްއެސް އަކީ ދަރިވަރުންގެ މެދުގައި ދިރާސާކުރުމުގެ ވަރުގަދަ ސަގާފަތެއް އާލާކުރުމަށާއި، ތަޢުލީމީ މަރުހަލާގެ ކުރީކޮޅުން ފެށިގެން ދިރާސީ މަސައްކަތްތަކުގައި ދަރިވަރުން ބައިވެރިވުމަށް ބާރުއެޅުމުގެ ގޮތުން ޤައުމީ ޔުނިވަރސިޓީން ކުރިއަށްގެންދާ ސިލްސިލާ ހަރަކާތެކެވެ. މި ސިމްޕޯޒިއަމްގެ ތެރެއިން ދިރާސީ ޚިޔާލުތައް ތަރައްޤީކުރާނެ ގޮތާއި، އިލްމީ މަސައްކަތްތައް ހުށަހަޅާނެ ގޮތްތަކުގެ އިތުރުން، ޔުނިވަރސިޓީގެ އިލްމީ މުޖުތަމައުގެ މެންބަރުންނާއެކު މަޝްވަރާކުރުމުގެ ތަޖުރިބާ ދަރިވަރުންނަށް ލިބިގެންދެއެވެ.

ދިރާސާތައް ހުށަހެޅުމުގެ އިތުރުން، މި ސިމްޕޯޒިއަމް މެދުވެރިކޮށް ދަރިވަރުންނަށް ލެކްޗަރާއިންނާއި އެހެނިހެން ދިރާސާވެރިންނާ ގުޅުން ބަދަހިކުރުމުގެ ފުރުޞަތު ލިބެއެވެ. މިއީ ދަރިވަރުންގެ ކުރިމަގުގެ ތަޢުލީމީ އަދި ފަންނީ ދާއިރާއަށް ބޭނުންވާނެ މުހިންމު ތަޖުރިބާތަކެއް ލިބި، ޔުނިވަރސިޓީގެ ކުރިއަރަމުން އަންނަ ދިރާސީ މުޖުތަމައުގައި ހަރަކާތްތެރި ބައިވެރިންނަށް ވުމަށް ލިބޭ ބާރެކެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ދަރިވަރުންގެ ކިބައިގައި އައު ކަންކަން ހޯދައި ބެލުމުގެ ޝައުގާއި، އީޖާދީ ވިސްނުމާއި، އިލްމީ ފެންވަރު މަތިކުރުމަށް ބޭނުންވާ ފުރުޞަތުތައް ފަހިކޮށްދިނުމަށެވެ. ޔޫ.އެސް.އާރް.އެސް ފަދަ ހަރަކާތްތައް މެދުވެރިކޮށް، އެ ޔުނިވަރސިޓީން ދަނީ ދަރިވަރުން އައު ޚިޔާލުތައް ހޯދުމަށާއި، މާނަހުރި ދިރާސާތައް ކުރުމަށާއި، އިލްމީ ކުރިއެރުމަށް ހިއްސާވުމަށް މެދުނުކެނޑި ހިތްވަރު ދެމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *