ޔުނިވަރސަލް ފައުންޑޭޝަންގެ މެޑިކަލް ސްކޮލަރޝިޕް މި އަހަރު ލިބުނުފަރާތްތަކާ ސްކޮލަރޝިޕް ހަވާލުކޮށްފިއެވެ. ސްކޮލަރޝިޕްތައް ހަވާލުކުރުމަށް ބޭއްވި ރަސްމީ ރަސްމިއްޔާތު އޮގަސްޓް މަހުގެ 13 ވަނަ ދުވަހުއެވެ. މި އަހަރު ތަފާތު ހަތަރު ދާއިރާއަކުން ސްކޮލަރޝިޕް ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.

މި އަހަރު ސްކޮލަރޝިޕް ލިބުނު ފަރާތްތަކާއި ދާއިރާތަކަކީ:
- އާއިޝަތު ޒަހާ – މާސްޓަރސް އިން ނިއުރޯސަރޖަރީ
- މުއީޒް މުޙައްމަދު – އެމް.އެސް އިން ޕީޑިއަޓްރިކް ސަރޖަރީ
- މުޙައްމަދު އިފްހާމް – އެމް.ޑީ ކްރިޓިކަލް ކެއަރ މެޑިސިން
- އިސްމާޢީލް އީޖާޒް އިސްމާޢީލް – ފެލޯޝިޕް އިން ޕީޑިއަޓްރިކް ރެސްޕިރޭޓަރީ މެޑިސިން

2013 ވަނަ އަހަރު އުފެދުނު ޔުނިވަރސަލް ފައުންޑޭޝަނަކީ ޔުނިވަރސަލް އެންޓަރޕްރައިސަސްގެ އިޖުތިމާޢީ ޒިންމާގެ ދަށުން ހިންގާ ހަރަކާތްތައް ފުޅާކުރުމަށް ގާއިމުކޮށްފައިވާ އިދާރާއެކެވެ. މިހާތަނަށް އެންޑަކްރިނޮލޮޖީ، ރޭޑިއޮލޮޖީ، އިންޓަރނަލް މެޑިސިން، ރޫމަޓޮލޮޖީ، އަދި އަންހެނުންގެ ބަލިތަކާ ބެހޭ ދާއިރާ ފަދަ އެކި ދާއިރާތަކުން 60 އަށްވުރެ ގިނަ ޑޮކްޓަރުން ވަނީ ތައުލީމު ހާސިލުކޮށްފައެވެ. ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުކުރުމަށް ކުރާ މަސައްކަތުގައި މި ސްކޮލަރޝިޕްތަކަކީ ޔުނިވަރސަލް ފައުންޑޭޝަނުން އިސްކަންދޭ މުހިންމު ދާއިރާއެކެވެ.
މެޑިކަލް ސްކޮލަރޝިޕްތަކަކީ އެ ފައުންޑޭޝަނުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ބައެކެވެ. މީގެ މައިގަނޑު މަގުސަދަކީ މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އިން ކަނޑައަޅާފައިވާ ތަމްރީނު ބޭނުންވާ ދާއިރާތަކަށް އަމާޒުކޮށްގެން، ރާއްޖޭގައި މީހުން ބިނާކުރުމަށް ހުރި ދަތިތަކަށް ހައްލެއް ހޯދައިދިނުމެވެ.
މިހާތަނަށް މި ފައުންޑޭޝަނުން ވަނީ އިންފޮމޭޝަން ޓެކްނޮލޮޖީ، އެކައުންޓިންގ، ބިޒްނަސް މެނޭޖްމަންޓް، އަދި ފަތުރުވެރިކަމުގެ ދާއިރާ ހިމެނޭހެން ތަފާތު ރޮނގުތަކުން 100 އަށްވުރެ ގިނަ ސްކޮލަރޝިޕް ދީފައެވެ. މީގެ އިތުރުން، އިޖުތިމާޢީ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތަކަކީވެސް ފައުންޑޭޝަނުގެ މަސައްކަތުގެ މުހިންމު ބައެކެވެ. އެގޮތުން، މަދަނީ ޖަމިއްޔާތަކާ ގުޅިގެން މުޖުތަމައަށް ފައިދާކުރަނިވި ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އޭގެ ތެރޭގައި މޯލްޑިވްސް ރެޑް ކްރެސެންޓްގެ 'ޕާޓްނާސް ފޯ ހިއުމެނިޓީ' ޕްރޮގްރާމާއި، މަމްސް އެއިޑްގެ 'ހިޔާވެހި 2026′ ޕްރޮގްރާމް ހިމެނެއެވެ. އަދި ކުޑަކުދިންގެ ހައްގުތަކަށާއި ތަރައްގީއަށް މަސައްކަތްކުރާ ޖަމިއްޔާތަކާ ގުޅިގެން 'ލިޓްލް ސްމައިލްސް' ގެ ނަމުގައި ފަންޑު ހޯދުމުގެ ހަރަކާތެއް ފެށުމަށްވެސް ވަނީ ރޭވިފައެވެ.
ތިމާވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތުގެ ދަށުން، (މޯޕާ) އާ ގުޅިގެން ޕްލާސްޓިކް ރިސައިކަލް ކުރުމާއި ސާފުތާހިރު ތިމާވެއްޓެއް ބިނާކުރުމުގެ ހަރަކާތްތައް ދަނީ ހިންގަމުންނެވެ.
ފައުންޑޭޝަނުން ހިންގާ އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތަކީ ވާސާ ހޮސްޕިޓާލިޓީ އަދި ވިލާ ކޮލެޖާ ގުޅިގެން ހިންގާ 'ޑިސްކަވަރ ހޮސްޕިޓާލިޓީ' ޕްރޮގްރާމެވެ. ނިމިދިޔަ ޖުލައި މަހު، ސީ-3 ހޮސްޕިޓާލިޓީ ޕްރޮގްރާމްގެ އަށްވަނަ ބެޗާއި، ސީ-3 ކިއުލިނަރީ އާޓްސް ޕްރޮގްރާމްގެ ދެވަނަ ބެޗް ވަނީ ކާމިޔާބީއާއެކު ނިންމާލާފައެވެ.
ޔުނިވަރސަލް ފައުންޑޭޝަނުން އަބަދުވެސް ދެމިއޮންނާނީ ސްކޮލަރޝިޕާއި، އިންޓާންޝިޕް ފުރުސަތުތަކާއި، އިޖުތިމާޢީ ތަރައްގީގެ މަޝްރޫއުތައް މެދުވެރިކޮށް އާންމުން ބާރުވެރިކުރުވައި، ރާއްޖޭގެ މުސްތަގުބަލަށް ފައިދާހުރި މަސައްކަތްތައް ކުރުމުގައިކަން އެ ފައުންޑޭޝަނުން ބުނެއެވެ.
advertisment
ހިޔާލު