"މިޝަން ޝަކްތީސެޓް"ގައި ރާއްޖެއިން ބައިވެރިވުމުގެ ފުރުޞަތު ވީއައިއެޗްއެސްގެ ނޯޔާއަށް

މިއީ މިއަހަރުގެ އޮގަސްޓު މަހު ދިއްލީގައި ބޭއްވުމަށް ހަމަޖެހިފައިވާ "މިޝަން ޝަކްތީސެޓް"ގެ ދެވަނަ ފިޔަވަހީގައި ދިވެހިރާއްޖެ ތަމްސީލުކުރުމުގެ ފުރުޞަތު ވިލާ ހައި އިންޓަރނޭޝަނަލް ސްކޫލުގައި ކިޔަވަމުން އަންނަ އާމިނަތު ނޯޔާ ސަމީހަށް ލިބިއްޖެއެވެ.

އޭނާއަށް މި ފުރުޞަތު ހޯދައިދިނީ، ވުމެން އިން މެނޭޖްމަންޓު (ވިމް) އިންނެވެ. ވިމެން އިން މެނޭޖްމަންޓަކީ އިސްނެގުމާއި، ވިޔަފާރިވެރިކަމާއި، ވަކާލާތުކުރުމުގެ ޒަރީޢާއިން އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތްކުރާ ހަރަކާތްތެރި ބައިނަލްއަޤުވާމީ ޖަމިއްޔާއެކެވެ.

"މިޝަން ޝަކްތީސެޓް"ގެ ދެ ވަނަ ބައި ކުރިއަށް ދާނީ މި މަހުގެ 23 އިން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް އިންޑިޔާގެ ނިއުދިއްލީގައެވެ. މި ހަރަކާތުގައި ބައިވެރިވާ ދަރިވަރުން ވަނީ ފުރަތަމަ ފިޔަވަހީގައި އޯބިޓަލް މެކޭނިކްސް އަދި ސެޓެލައިޓް ޕްރޮޕަލްޝަން ފަދަ ސްޕޭސް އިންޖިނިއަރިންގެ ބައިތައް ދަސްކޮށްފައެވެ. އެ ސެޝަންތައް ކުރިއަށް ގެންދިޔައީ އޮންލައިންކޮށެވެ.

"މިޝަން ޝަކްތީސެޓް"ގެ ބޮޑު ހަރަކާތުގައި ދުނިޔޭގެ 108 ޤައުމަކުން 12،000 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެއެވެ.

ދެވަނަ ފިޔަވަހީގައި، ކޮންމެ ގައުމަކުން ހޮވާލެވޭ ކުއްޖަކަށް އިންޑިއާގައި ސެޓެލައިޓް ރޭވުމާއި އުފެއްދުމުގެ މަސައްކަތުގައި ބައިވެރިވެވޭނެ އެވެ. "މިޝަން ޝަކްތީސެޓް" ލޯންޗްކުރާނީ އަންނަ އޮކްޓޯބަރު 11ވަނަ ދުވަހުއެވެ.

"މިޝަން ޝަކްތީސެޓް" ގައި ބައިވެރިވާން ފުރުޞަތު ލިބުނު ނޯޔާއަކީ ސައިންސާއި ކޮމްޕިއުޓަރ ޓެކްނޮލޮޖީގެ ދާއިރާއަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ހުންނަ ދަރިވަރެކެވެ. އޭނާގެ އުންމީދަކީ ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން ކުރިއަށް ގޮސް، އައު އީޖާދުތަކާއި ފިކުރުތަކުގެ އެހީގައި މުޖުތަމަޢަށް ފައިދާހުރި ބަދަލުތަކެއް ގެނައުމެވެ. މީގެ އިތުރުން، ނޯޔާ އަކީ ވާހަކަދެއްކުންތެރިކަމަށް ލޯބިކުރާ، އަދި ސައިބަރ ބުލީންގްއާއި ސައިބަރ ސޭފްޓީއާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް އެކި ޕްލެޓްފޯމްތަކުގައި އަޑުއުފުލައި، އޮންލައިން ކެމްޕޭންތައް ހިންގަމުންދާ ދަރިވަރެކެވެ.

"މިޝަން ޝަކްތީސެޓް" އަށް ހޮވުމަކީ ނޯޔާއަށް އައު ކަންތައްތަކެއް ދަސްކުރުމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޒުވާނުންނާ ބައްދަލުކުރުމަށް ލިބުނު ރަނގަޅު ފުރުސަތެކެވެ. ހަމައެއާއެކު، މިއީ އަމިއްލަ ނަފްސަށް އޮތް އިތުބާރު ބޮޑުވެ، މިއަށްވުރެ މާ ފޮނި ހުވަފެންތަކެއް ދެކުމަށް އޭނާއަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ.

ނޯޔާ ބުނާގޮތުން، މި ދަތުރުން އޭނާއަށް ދަސްވި އެންމެ މުހިންމު ފިލާވަޅަކީ، ކުރެވިދާނެ ކަމަށް ހީވާ ކަންކަމުން މަތީ އަމާޒުތަކެއް ކަނޑައަޅައި އެކަންކަން ހާސިލުކުރުމަށް ސާބިތުކަމާއެކު މަސައްކަތް ކުރުމެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *