ރުހާމް: ހދ. އޭއީސީން އެއްވަނަ ދަރިވަރަކަށް

ހދ. އަތޮޅު ތައުލީމީ މަރުކަޒު (ހދ. އޭއީސީ)ން އެއްވަނަ އަޙްމަދު ރުހާމް މުޙައްމަދު ހޯދައިފިއެވެ.

2024 ވަނަ އަހަރު ހދ. އޭއީސީގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ، ތައުލީމާއި މަތީ ތައުލީމާ ބެހޭ ވުޒާރާގެ ޕާމަނަންޓް ސެކެރެޓަރީ ޝިފާޒު މުޙައްމަދެވެ.

އެއްވަނަ ހޯދި ރުހާމް ވަނީ އޯލެވެލްގައި ޤައުމީ ގަދަ ދިހައެއްގެ ހަ ވަނަ ހޯދާފައެވެ.

ހދ. އޭއީސީގެ ފަސް ދަރިވަރުން ގަދަ ދިހައެއްގައި ހިމެނިފައިވާއިރު، ފާތިމަތު އީނާޒު އަލީއާއި މުޒްނާ އިސްމާއިލް، އިނގިރޭސި މާއްދާއިން ކެމްބްރިޖް އލާނަރސް އެވޯޑް ހޯދިއެވެ.

ހދ. އޭއީސީގެ ޕްރިންސިޕަލް މުޙައްމަދު މަތީން ވިދާޅުވީ، 2024-2025 ވަނަ ދިރާސީ އަހަރަކީ އެ ސްކޫލަށް ކާމިޔާބު އަހަރެއް ކަމަށެވެ. އެއީ ކުޅިވަރުގެ ގޮތުން ރަންވަނަތަކެއް ހޯދުނުއިރު އިލްމީ ގޮތުން ބައިނަލްއަޤްވާމީ ކާމިޔާބީތަކެއް ހޯދާފައިވުންކަން އޭނާ ފާހަގަކުރެއްވިއެވެ.

މަތީން ވިދާޅުވި ގޮތުގައި، ހދ. އޭއީސީއަކީ ދޮށީ ސްކޫލެއް ނަމަވެސް އެ ސްކޫލުން އޯލެވެލް ނިންމީ އެންމެ ހަތަރު ބެޗް ކަމަށެވެ. އޭގެ ތެރެއިން ވެސް އެންމެ ފަހުން އޯލެވެލް ހެދި ބެޗްގެ ދަރިވަރުންގެ ކާމިޔާބީ ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ.

އިނާމު ހޯދި ރަސްމިއްޔާތުގެ އެންމެ މުހިންމު ކަމަކީ އެ ދަރިވަރުން ކާމިޔާބު ހޯދިގޮތް ދެނެގަތުންކަން ފާހަގަކުރައްވައި، ޕްރިންސިޕަލް މަތީން ވިދާޅުވީ، ތިން ކަމެއް މިދިޔަ ބެޗްގައި ކިޔެވި ކުދިންގެ ފަރާތުން ފާހަގަކުރެވުނު ކަމަށެއެވެ.

"އެއީ، އެއިން އެއްވެސް ކުއްޖެއްގެ އަޚްލާޤީ މައްސަލައެއް ދިމާވެގެން އަޅުގަނޑާ ހަމައަށް ނާދޭ. ކާމިޔާބީ ހޯދަން އެދޭ ކުއްޖެއްގެ އެންމެ މުހިންމު ކަމަކަށް ވާން ޖެހޭނީ ރަނގަޅު އަޚްލާގެއްގެ ވެރިއަކަށްވުން. އެކުދިންނަކީ ޓީޗަރުންގެ ބަސްއަހާ ސްކޫލުގެ ގާވާއިދުތަކަށް ހުރުމަތްތެރިކޮށްހިތާ ބެލެނިވެރިންނަށް ކިޔަމަންތެރި އަޚްލާގު ރަނގަޅު، ދީނަތް ލޯބިކުރާ ޒިންމާ ނަގާ ކުއްޖަކަށް ވުން" ފުރަތަމަ ކަމެއްގެ ގޮތުގައި މަތީން ވިދާޅުވިއެވެ.

ދެވަނަ ކަމެއްގެ ގޮތުގައި މަތީން ފާހަގަކުރީ، ކަންކަމުގައި އެކުދިންގެ އިސްނަގާ މިންވަރެވެ.

"ކަންކަމަށް އިސްނަގާ ކުދިންނަށް ވާންޖެހޭ. އެކަން އެ ކުދިންގެ ފަރާތުން ފެނުނު"

ތިންވަނަ ކަމަކަށް އެކުދިންގެ ފަރާތުން ޓީމްވޯކެއްގެ ގޮތުގައި މަސައްކަތް ކުރިތަން ފެނުނުކަން ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ. ބެންޗްތަކުގައި ތިބެގެން އެކުދިން ގުރޫޕް ސްޓަޑީ ހަދާތައް ކޮންމެ ދުވަހު ފެންނަ ކަމަށާއި އެއީ، އަބަދުވެސް ބަލަން ބޭނުންވާ ހިތްގައިމު މަންޒަރެއް ކަމަށް މަތީން ފާހަގަކުރެއްވިއެވެ.

"އަމިއްލައަށް ޒިންމާނަގައިގެން ކިޔަވަން މަސައްކަތްކުރާ މާހައުލު ފެނިގެން ދިޔަ. މިހާރު އޯލެވެލް ހަދަންތިބި ކުދިންނާއި ދެން އަންނަކުދިން ވެސް އެ ނަމޫނާއަކަށް ބަލައިގެން ކުރިއަށް ދިއުމަށް މަސައްކަތް ކުރަން" އެހެން ކުދިންނަށް ނަސޭހަތެއްގެ ގޮތުގައި ޕްރިންސިޕަލް ވިދާޅުވިއެވެ.

"ކާމިޔާބީގެ ސްޓޭޖަށް ދަރިވަރަކަށް މި އެރެނީ ވަރަށް ބޮޑު ގުރުބާނީތަކެއް ވެގެން. ގިނަ މަސައްކަތްތަކެއް ކޮށްގެން. ކުރަން ބޭނުންވާ ވަރަށް ގިނަ ކަންތައްތައް ދޫކޮށްލައިގެން" ހުރިހާ ކުދިންނަށް ނިސްބަތްކޮށް ޕްރިންސިޕަލް ވިދާޅުވިއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *