ދިވެހިރާއްޖޭގެ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށާއި، ޢާއިލާތަކަށް ލިބޭ އާމްދަނީ މަތިކުރުމުގެ އިތުރުން، އިމްޕޯޓްކުރާ ކާބޯތަކެއްޗަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގައި ދަނޑުވެރިކަމަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ދާއިރާއެކެވެ. ނަމަވެސް، ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާޢަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވެއެވެ. އޭގެ ތެރޭގައި ދަނޑުވެރިކަން ކުރާނެ ބިން މަދުވުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ފަސްގަނޑާއި ފެނުގެ ފެންވަރު ދަށްވުމާއި، އުފެއްދުންތެރިކަމުގެ ޚަރަދު ބޮޑުވުމާއި، ފަންނީ ހުނަރު މަދުވުމާއި، ގޮވާން ކަނޑާ ފަހުން ތަކެތި ހަލާކުވުމުގެ މައްސަލަތަކާއި، މާކެޓަށް އުފެއްދުންތައް ނެރުމުގައި ހުރި ދަތިތައް ހިމެނެއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގައި ފެކަލްޓީ އޮފް އެގްރިކަލްޗަރ އެންޑް ފުޑް ސައިންސަސް (އެފް.އޭ.އެފް.އެސް) އުފެއްދުމަކީ، ތަޢުލީމާއި، ޢަމަލީ ތަމްރީނާއި، ދިރާސާކުރުމާއި، އިރުޝާދު ދިނުމާއި، އައު އީޖާދުތަކުގެ އިތުރުން ދަނޑުވެރިންނާއި ދަނޑުވެރިކަމުގެ ވިޔަފާރިތަކާ ގުޅިގެން މި ދެންނެވި ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ.
އެމް.އެން.ޔޫ އިން ފެކަލްޓީ އޮފް އެގްރިކަލްޗަރ އެންޑް ފުޑް ސައިންސަސް ރަސްމީކޮށް އިފްތިތާޙްކޮށްފައިވަނީ 2026 ވަނަ އަހަރުއެވެ. ޔުނިވަރސިޓީން ހާމަކޮށްފައިވާ ގޮތުގައި، މި ފެކަލްޓީގެ މައި މަރުކަޒު ޤާއިމުކުރުމަށް ރޭވިފައިވަނީ އއ. ތޮއްޑޫގައެވެ. މިއީ ދަނޑުވެރިކަމުގެ ޢަމަލީ ތަމްރީނުތައް ފޯރުކޮށްދިނުމަށް ލިބޭނެ ފަހި ފުރުޞަތެކެވެ. މީގެ އިތުރުން، ރާއްޖޭގެ ޖަޒީރާ ރަށްތަކުގެ މާޙައުލާ ގުޅޭނެހެން ފަރުމާކޮށްފައިވާ "އަތޮޅު އެގްރިކަލްޗަރ" ނުވަތަ އަތޮޅުތަކުގެ ދަނޑުވެރިކަމުގެ މަފްހޫމެއް މި ފެކަލްޓީން ވަނީ ކަނޑައަޅާފައެވެ.

ފެކަލްޓީ އޮފް އެގްރިކަލްޗަރ އެންޑް ފުޑް ސައިންސަސްގެ ފުރަތަމަ ޑީން އިބްރާހިމް ޝަބާއު ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ މާހައުލާއި ގުދުރަތީގޮތުން އުފެދިފައިވާ ގޮތުން ރާއްޖޭގައި ދަނޑުވެރިކަން ތަރައްޤީ ކުރެވެނީ އަތޮޅު ދަނޑުވެރިކަމަށް އިސްކަންދީގެންނެވެ.
ދަނޑުވެރިކަމުގެ ދާއިރާއިން ޑިޕޮލޮމާއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް މާސްޓަރސް ޑިގްރީއަށް ކިޔަވާވިދާޅުވެފައިވާ ޝަބާއު ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ދަސްވެނިވާ ދަރިވަރުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި، ތިމާވެށްޓަށް އަންނަ ބަދަލުތަކަށް ހޭނުމާއި، ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރުމުގެ މުހިންމުކަމަށެވެ.
ކުރިއަށް އޮތްތާނގައި އެގްރޯޓޫރިޒަމާއި، އެގްރޯ-އިކޮލޮޖީ ފަދަ އިންޓަރ ޑިސިޕްލިނަރީ ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭނެ ކަމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށާއި، އީޖާދީ ދާއިރާތައް ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ޝަބާއު ދެއްވައެވެ.
އެގްރިކަލްޗަރ ޓްރޭނީއެއްގެ ވަޒީފާއިން ދަނޑުވެރިކަމުގެ މަސއްކަތަށް ނުކުންނެވި ޝަބާއު، އެ މިނިސްޓްރީގެ ސީނިއަރ އެގްރިކަލްޗަރ އޮފިސަރުކަމާއި ޑިރެކްޓަރުކަމާއި ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްކަމާއި ޑައިރެކްޓަރ ޖެނެރަލްކަން ކުރައްވާފައިވެއެވެ. އެންމެ ފަހުން މަސައްކަތް ކުރެއްވީ ރާއްޖެއާއި ސްރީލަންކާގައި ކުރިއަށް ގެންދިޔަ ޔޫއެސްއެއިޑްގެ ކުލައިމެޓް އެޑެޕްޓޭޝަން ޕްރޮޖެކްޓްގެ ގަވަރނަންސް ސްޕެޝަލިސްޓެއްގެ ގޮތުގައެވެ.
އެ ތަޖުރިބާގެ އަލީގައި ދަނޑުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމެ މުހިންމުކަން ވެސް އޭނާ ފާހަގަކުރައްވާފައިވެއެވެ.
އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ.ޢާއިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ، ދަނުޑުވެރިކަމާ ބެހޭ ފެކަލްޓީއިން، ދަނޑުވެރިކަމާއި، ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވަޢުދު ފުއްދައިދޭކަމަށެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ފެކަލްޓީ އޮފް އެގްރިކަލްޗަރ އެންޑް ފުޑް ސައިންސަސް ޤާއިމުކުރުމަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށް ލިބުނު ވަރަށް ބޮޑު ފުރުޞަތެކެވެ. މިހާރުވެސް މި ފެކަލްޓީން ދަނީ ހޯޓިކަލްޗަރ، މަޝްރޫމް ކަލްޓިވޭޝަން، ޕޯލްޓްރީ ފާމިންގ އަދި ފުޑް ސައިންސްގެ ދާއިރާއިން ވަރުގަދަ ބިންގަލެއް އަޅަމުންނެވެ.
ތޮއްޑޫގައި މި ފެކަލްޓީ ތަރައްޤީކުރުމަށް ރޭވިފައިވާ ރޭވުމަކީ "އަތޮޅު އެގްރިކަލްޗަރ" ގެ ޢަމަލީ ނަމޫނާއެއް ދެއްކުމަށް ލިބޭ ރަނގަޅު ފުރުޞަތެކެވެ. ޔުނިވަރސިޓީގެ އަމާޒަކީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި، ދެމެހެއްޓެނިވި ތަރައްޤީއާއި، ސިނާޢަތުގެ ބައިވެރިންނާ ގުޅިގެން މަސައްކަތްކުރުމެވެ.
ދުރު ރާސްތާގެ އަމާޒަކަށް ވާންޖެހޭނީ، ކޮންމެ ރަށެއްގައި ހުރި ދަނޑުވެރިއަކަށްވެސް ބޭނުންވާ ފަންނީ މަޢުލޫމާތާއި، ޢަމަލީ ތަމްރީނާއި، ދިރާސާގެ އެހީތެރިކަމާއި، ވިޔަފާރީގެ އިރުޝާދުގެ އިތުރުން ޒަމާނީ ދަނޑުވެރިކަމުގެ ޓެކްނޮލޮޖީ ފަސޭހައިން ލިބޭނެ ނިޒާމެއް ޤާއިމުކުރުމެވެ.
މިގޮތުން، ފެކަލްޓީ އޮފް އެގްރިކަލްޗަރ އެންޑް ފުޑް ސައިންސަސްއަކީ ހަމައެކަނި ސަނަދު ދޫކުރާ ތަނަކަށްވުމުގެ ބަދަލުގައި، ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާޢަތަކީ އުފެއްދުންތެރި، އީޖާދީ، ދެމެހެއްޓެނިވި އަދި ކާނާގެ ރައްކާތެރިކަން ކަށަވަރުވެފައިވާ ސިނާޢަތަކަށް ހެދުމުގެ މައި ތަނބަށް ވެގެންދާނެއެވެ.
advertisment
ހިޔާލު