ލަންދޫ ސްކޫލް ސްޕޯޓްސް ފިއެސްޓާ ފުޓްސަލް މުބާރާތް ނިންމާލައިފި

ލަންދޫ ސްކޫލުގެ ތިން ހައުސް ކަމަށްވާ ރެހެންދި، ދޮށިމޭނާ އަދި ސިއްތިމާވާ ހައުސްގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާކޮށް، ކުޅިވަރުގެ އަޚްލާގު ދަރިވަރުންގެ ހިތްތަކުގައި އަށަގަންނުވާ އެކުވެރިކަން އާލާކުރުމުގެ މަޤުސަދުގައި ކުރިއަށްގެންދިޔަ "ލަންދޫ ސްކޫލް ސްޕޯޓްސް ފިއެސްޓާ ފުޓްސަލް މުބާރާތް" ކުލަގަދަ ރަސްމިއްޔާތަކާއި އެކު ނިންމާލައިފިއެވެ.

މި މަހުގެ 4 ވަނަ ދުވަހު ކުލަގަދަ ރަސްމިއްޔާތަކުން ފެށި މި މުބާރާތް ކުރިއަށްގެންގޮސްފައިވަނީ 4 އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ އެލްކޭޖީ/ޔޫކޭޖީ، ކީސްޓޭޖް 1، ކީސްޓޭޖް 2، އަދި ކީސްޓޭޖް 3 އަދި 4 ގެ އުމުރުފުރާގެ މެދުގައެވެ

ފައިނަލް މެޗުތަކުގެ ނަތީޖާ:

  • އެލްކޭޖީ / ޔޫކޭޖީ: ރެހެންދި ހައުސް އާއި ސިއްތިމާވާ ހައުސް ބައްދަލުކޮށް ޗެމްޕިއަންކަން ހޯދީ ރެހެންދި ހައުސް އެވެ.
  • ކީ-ސްޓޭޖު 1: ސިއްތިމާވާ އާއި ދޮށިމޭނާ ހައުސް ބައްދަލުކޮށް ޗެމްޕިއަންކަން ހޯދީ ދޮށިމޭނާ ހައުސް އެވެ.
  • ކީ-ސްޓޭޖު 2: ސިއްތިމާވާ އާއި ރެހެންދި ހައުސް ބައްދަލުކޮށް ޗެމްޕިއަންކަން ހޯދީ ރެހެންދި ހައުސް އެވެ.
  • ކީ-ސްޓޭޖު 3 އަދި 4: ރެހެންދި ހައުސް އާއި ސިއްތިމާވާ ހައުސް ބައްދަލުކުރި ފޯރިގަދަ ފައިނަލް މެޗު 4-2 އިން ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ ސިއްތިމާވާ ހައުސް އެވެ.

ދެ ދުވަހަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި މުބާރާތުގެ ފައިނަލް މެޗުތަކާއި އިނާމު ދިނުމުގެ ރަސްމިއްޔާތު އޮތީ ލަންދޫގެ ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ލަންދޫ ކައުންސިލްގެ ރައީސް އަޔާޒު ހުސޭނާއި، ރަށުގެ ތަފާތު މުއައްސަސާތަކުގެ އިސް ބޭފުޅުންނެވެ. އަދި އެންމެ ހާއްސަ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވީ އަންނަ އަހަރުގެ ސްޕޯޓްސް ފިއެސްޓާ ސްޕޮންސާ ކޮށްދެއްވާފައިވާ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުލް މާޖިދު މޫސާ (މާއްކޮ) އެވެ.

ކޮންމެ އުމުރު ފުރާއަކުންވެސް އެންމެ މޮޅު ފަސްކުޅުންތެރިން ހޮވާފައިވާ އިރު މި މުބާރާތުގެ އުމުރުފުރާތަކުގެ ކިންގުންގެ ގޮތުގައި ހޮވިފައިވަނީ:

މުބާރާތުގެ އެކި އުމުރުފުރާތަކުގެ ކިންގުން:

  • އެލްކޭޖީ / ޔޫކޭޖީ: ސްކައި އަހްމަދު އަފްސަލް (ރެހެންދި ހައުސް)
  • ކީ-ސްޓޭޖު 1:  އަޙްމަދު ނަވިލް މުޙައްމަދު ނާއިފް (ދޮށިމޭނާ ހައުސް)
  • ކީ-ސްޓޭޖު 2:  އައިދިން އަބުދުﷲ އާރިފް (ރެހެންދި ހައުސް)
  • ކީ-ސްޓޭޖު 3 އަދި 4: މުހައްމަދު އީމާން ބިން އިސްމާޢިލް (ސިއްތިމާވާ ހައުސް)

މި މުބާރާތުގެ އެންމެ ފޯރިގަދަކޮށް ސަޕޯޓުކުރި ހައުސް ނުވަތަ "ބެސްޓް ސަޕޯޓާސް ހައުސް" ގެ މަގާމު ހޯދާފައިވަނީ ސިއްތިމާވާ ހައުސް އެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *