ހުޅުމާލޭގައި ހުންނަ މުޙައްމަދު ޤާސިމް ޕްރީ ސްކޫލަށް ވަންނަން އެދޭ ފޯމް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ މުޙައްމަދު ޤާސިމް ޕްރީ ސްކޫލްގެ އެލްކޭޖީ އާއި ޔޫކޭޖީއަށް ވަންނަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.
އަމިއްލަ ފަރާތަކުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ސްކޫލް ހުޅުވަން އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައި ވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ. އެ ސްކޫލަށް ވަންނަން ބޭނުންވާ ކުދިންގެ ފޯމް ހުށަހަޅަން ކުރިން އިއުލާން ކޮށްފައި ވަނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. އެހެން ނަމަވެސް މިއަދު ކުރި އިއުލާނުގައި ވަކި މުއްދަތެއް ދީފައެއް ނުވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ކުރިން ބުނެފައި ވަނީ، ދަރިވަރުންގެ ޔުނީފޯމުގެ ގޮތުގައި، މިހާރު ދަރިވަރު ހުރި ސްކޫލުގެ ޔުނީފޯމު ޑިސެންބަރު މަހުގެ ނިޔަލަށް ބޭނުން ކުރެވިދާނެ ކަމަށެވެ. އަދި ބެލެނިވެރިން ބޭނުންނަމަ، ސްކޫލު ފެށޭއިރު ސްކޫލުގެ ޔުނީފޯމު ވެސް ބޭނުންކުރެވިދާނެ ކަމަށެވެ.
ސްކޫލުގެ ދަންފަޅިތައް ހަމަޖެހިގެންދާނީ ގްރޭޑުތަކަށް ދަރިވަރުން ރަޖިސްޓްރީވާ ނިސްބަތަށް ބެލުމަށްފަހު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
މުޙައްމަދު ޤާސިމް ޕްރީ ސްކޫލް ހިންގާނެ ބައެއް ހޯދަން ދެތިން ފަހަރެއްގެ މަތިން އިއުލާން ވެސް ކުރިއެވެ. ނަމަވެސް ތަފާތު ސަބަބުތަކާހުރެ ބިޑްތައް ކެންސަލްކޮށް އެޑިއުކޭޝަން މިނިސްޓްރީން މިހާރު ނިންމާފައި ވަނީ އެ ސްކޫލް ސަރުކާރުން ހިންގާގޮތަށެވެ.
advertisment
ހިޔާލު