އަލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ އައު އިމާރާތުގެ މަސައްކަތް އަންނަ ޑިސެމްބަރު މަހުގެ މެދުތެރެއަށް ނިމޭނެ ކަމަށާއި އަންނަ ދިރާސީ އަހަރު އެ ސްކޫލުގައި ކިޔަވައިދޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ޢަރަބިއްޔާގެ އައު އިމާރާތުގެ މަސައްކަތް ކުރިއަށްދާ ގޮތް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ބައްލަވާލައްވާފައެވެ. އެމަނިކުފާނުގެ އަރިހުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުވެސް ވަޑައިގެންނެވިއެވެ.

ޕީއެސްއެމްނިވްސްއަށް މިނިސްޓަރު ވިދާޅުވީ، އެ ސްކޫލުގެ 70 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި ޑިސެމްބަރުގެ މަހުގެ މެދުތެރެއަށް ދެން ކުރަން ހުރި ހުރިހާ މަސައްކަތް ނިންމައި، އަންނަ ދިރާސީ އަހަރު އެ އިމާރާތުގައި ކިޔަވައިދޭނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޢަރަބިއްޔާ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ.
އެކުވެނީގެ ދަނޑުގެ އިރުދެކުނު ކަންމަތީގައި، 381 ނަމްބަރުކޮށީގައި 10 ފަންގިފިލާއަށް އިމާރާތް ކުރާ އަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގައި 42 ކްލާސް ރޫމާއި، މަލްޓިޕާޕަސް ހޯލަކާއި، 4 ލިފްޓު ހުންނާނެއެވެ. އަންޑަރ ގްރައުންޑް ޕާކިންއާއެކު އެ ސްކޫލް އިމާރާތް ކުރަނީ ހުރިހާ ވަޞީލަތެއް ފުރިހަމަ ސްކޫލެއްގެ ގޮތުގައެވެ.
އަރަބިއްޔާ ސްކޫލް އިމާރާތް ކުރަނީ އާރުސީސިންނެވެ.

މިނިސްޓަރު ވިދާޅުވެފައި ވަނީ، ދެ ދަންފަޅިއަށް އަރަބިއްޔާ ސްކޫލުގައި މިހާރު ކިޔަވައިދިން ނަމަވެސް އައު ސްކޫލުގައި އެއް ދަންފަޅިއަށް ކިޔަވައިދެވޭނެ ކަމަށް ބެލެވޭ ކަމަށެވެ. އެކަން ކުރެވޭނީ އެ ސްކޫލަށް ކުދިން ވަންނަ މިންވަރަކުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
އަރަބިއްޔާ ސްކޫލުގެ އިމާރާތުގައި ރެނދުލުމުގެ ސަބަބުން އެ ސްކޫލުގެ ކިޔެވުން މިހާރު ކުރިއަށް ގެންދަނީ ކުރީގެ ދަރުމަވަންތަ ސްކޫލް ހިންގި އިމާރާތުގައެވެ.
advertisment
ހިޔާލު