މަހަކު އެއް ފަހަރު ކުރިއަށް ގެންދާ ގޮތަށް "މަޖީދީ ޓޯކްސް" ފަށައިފި

މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން، މަހަކު އެއް ފަހަރު ކުރިއަށް ގެންދާ ގޮތަށް "މަޖީދީ ޓޯކްސް" އިއްޔެ ފަށައިފިއެވެ.

މި ސިލްސާ ކުރިއަށް ގެންދަނީ މަޖީދިއްޔާގެ ގޯތިތެރޭގައި ހުންނަ ދާރުލް އުލޫމުގައެވެ.

މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އަޙްމަދު މުޖާހިދު ވިދާޅުވި ގޮތުގައި، މަޖީދީ ޓޯކްސް"ގެ މަޤްޞަދަކީ ކުރީގެ ދަރިވަރުންނާއި މިހާރުގެ ދަރިވަރުން ގުޅުވައިދިނުމެވެ. އޭގެ ބޭނުމަކީ، އެ ސްކޫލުން ކިޔަވަމުންދާ ދަރިވަރުން "އިންސްޕަޔަރކޮށް މޯޓިވޭޓްކުރުވުން. މަޖީދިއްޔާގެ ފަޚުރުވެރި ލެގަސީ މިހާރުގެ ދަރިވަރުންނާ ހަމައަށް ގެނެސްދިނުމެވެ. އަދި އޭރުގެ ދަރުވަރުންގެ ކާމިޔާބީގެ ވާހަކަތަކުން މަޖީދިއްޔާގެ އަގުބޮޑު ތާރީޚްގެ ވާހަކަތަކާއި އެ ހަނދާންތައް ދަރިވަރުންނަށް ބުނެދީ، އެ ވާހަކަތަކުން މުހިންމު ފިލާވަޅުތަކެއް މިހާރުގެ ދަރިވަރުންނަށް ބުނެދިނުމެވެ.

މަޖީދިއްޔާގެ އެހާރާއި މިހާރުގެ ދަރިވަރުން ގުޅުވައިދިނުމަށް ކުރިއަށް ގެންދާ މި ޓޯކް ޝޯވް ގެ ފުރަތަމަ މެހުމާނަކީ މަޖީދިއްޔާ ސްކޫލުގެ އިސްދަރިވަރު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރު ޑރ. މަޙްމޫދު ޝައުޤީއެވެ. ޑރ. ޝައުޤީ މަޖީދިއްޔާ ސްކޫލުން ކިޔެވުން ނިންމާލީ 1983 ވަނަ އަހަރު ގުރޭޑް 10ން ނެވެ.

ޑރ. ޝައުޤީގެ ތައުލީމީ ދަތުރުގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި މަޖީދިއްޔާ ސްކޫލް ސިފަކުރައްވައި ވިދާޅުވީ، ރާއްޖޭގެ މަދަރުސީ ތަޢުލީމީ ނިޒާމު ފެށިގެން އައީ މަޖީދިއްޔާ ސްކޫލުން ކަމަށާއި އެ ނިޒާމް މުޅި ރާއްޖެއަށް ފެތުރިގެން ދިޔައީ މަޖީދިއްޔާ ސްކޫލު ނަމޫނާއަކަށް ބަލައިގެން ކަމަށެވެ. އެހެންވެ މަޖީދިއްޔާ ސްކޫލް އޭނާ ސިފަކުރެއްވީ "ދަންމަރެއް"ގެ ގޮތުގައެވެ.

ޑރ. ޝައުޤީއަކީ މަޖީދިއްޔާ ސްކޫލުގެ ފަޚުރުވެރިވާ ދަރިވަރެކެވެ. ތައުލީމީ ވަޒީރުކަމާއި ފަތުރުވެރިކަމާ ބެހޭ ވަޒީރުކަން ވެސް ޑރ. ޝައުޤީ ކުރައްވާފައިވެއެވެ.

މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހިންގާ ހަރަކާތްތައް މި އަހަރާއި އަންނަ އަހަރުގެ ނިޔަލަށް ކުރިއަށް ގެންދަން އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ. އެ ސްކޫލަށް 100 އަހަރު ފުރޭނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 19 ވަނަ ދުވަހުއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *