ޔުނެސްކޯ ގްލޯބަލް ރޮބޮޓިކް އެންޑް އޭއައި ޗެލަންޖުގައި "ސްމާޓް ހޭންޑްވޮޝް ރޮބޮޓް" ހުށައެޅި ދަރިވަރުންނަށް އެކްސަލެންސް ރިކޮގްނިޝަން ސެޓިފިކެޓް ލިބިއްޖެއެވެ.
މި މުބާރާތުގައި ރާއްޖެއިން ބައިވެރިވީ ރެހެންދި ސްކޫލުން އެކަންޏެވެ.
ރެހެންދި ސްކޫލުން ހުށައެޅި 11 ޕްރޮޖެކްޓެއްގައި އެ ސްކޫލުގެ 50 ދަރިވަރުން ބައިވެރިވިއެވެ. މި މުބާރާތުގައި ގުރޭޑް 7ން 5 ޕްރޮޖެކްޓެއް، ގުރޭޑް 8ން 6 ޕްރޮޖެކްޓެއް ހުށައެޅިއެވެ.
ރޮބޮޓިކް އެންޑް އޭއައި ޗެލަންޖުގައި އެކްސަލެންސް ރިކޮގްނިޝަން ސެޓިފިކެޓް ލިބުނީ، ގުރޭޑް 7ގައި ކިޔަވަމުންދާ ފަސް ދަރިވަރުން ހިމެނޭ ގުރޫޕަކުން ހުށައެޅި "ސްމާޓް ހޭންޑްވޮޝް ރޮބޮޓް" އަށެވެ. އެ ގުރޫޕުގައި ހިމެނޭ ދަރިވަރުންނަކީ:
- އުއްމު ހާނީ ބިންތް ޔާމިން އިބްނު އުމައިރު
- މަރިޔަމް ހިންނާ ހުސައިން
- ޔަނާ އަޙްމަދު މުއިއްޒު
- އައިޝަތު ލީމް މުޙައްމަދު
- ހަލީމަތު އައިނާ ބިންތް މުހައްމަދު އާދަމް
ޔުނެސްކޯއިން ގްލޯބަލް ރޮބޮޓިކް އެންޑް އޭއައި ޗެލަންޖު ކުރިއަށް ގެންދިޔައީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިއަށް ބިނާކޮށެވެ. ސްމާޓް ހޭންޑްވޮޝް ރޮބޮޓް ރެހެންދި ސްކޫލުގެ ދަރިވަރުން އުފެއްދީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑީގެ ތެރެއިން ދުޅަހެޔޮކަމާއި މަންފާލިބިދިނުމާ ގުޅުވައިގެންނެވެ.
"ސްމާޓް ހޭންޑްވޮޝް ޓައިމަރ" ރޮބޮޓުން، ދަރިވަރުންގެ މެދުގައި ސިއްހީ ރަނގަޅު އާދަތައް އަށަގަންނުވައި، ބަލިތަކުންނާއި ޖަރާސީމުން ރައްކާތެރިވުމަށްޓަކައި މަދުވެގެން 20 ސިކުންތު ވަންދެން އަތްދޮވުމަށް ހިތްވަރުދެއެވެ. ކޮންމެ ދުވަހެއްގެ އާދަކާދައެއްގެ ގޮތުގައި ކުރެވޭ މި މަސައްކަތް ޝައުޤުވެރި ކަމަކަށް ހެދުމަށް ފަރުމާކޮށްފައިވާ މި ރޮބޮޓުގައި މޯޝަން ސެންސަރާއި، ސައްހަ ޓައިމަރެއްގެ އިތުރުން ތަފާތު އަޑުތައް ލެއްވޭނެ ގޮތަށް ސްޕީކަރެއް ހަރުކޮށްފައިވެއެވެ.
މި ރޮބޮޓުން ބޭނުންކުރާ ފަރާތަށް އިރުޝާދުދޭއިރު، ފުރިހަމަ 20 ސިކުންތު ވަންދެން އަތްދޮވުމުން، ކާމިޔާބީގެ އުފާވެރި ރާގަކުން އެކަން ފާހަގަކޮށްދެއެވެ. ބެޓެރިން މަސައްކަތްކުރާ މި ރޮބޮޓަކީ ކޮންމެ ސިންކެއްގައިވެސް ފަސޭހަކަމާއެކު ބޭނުންކުރެވެއެވެ. އެހެންކަމުން މިއީ ސްކޫލްތަކާއި، ގޭބިސީތަކުގެ އިތުރުން އާންމު ހިދުމަތްދޭ ތަންތަނުގައި ސިއްހީ ރަނގަޅު އާދަތައް މުނިފޫހިފިލުވުމާ ގުޅުވައިގެން ކުރިއެރުވުމަށް އެންމެ އެކަށީގެންވާ އުފެއްދުމެކެވެ.
ރެހެންދި ސްކޫލުން ބުނިގޮތުގައި، ޔުނެސްކޯގެ ރޮބެޓިކް ޗެލަންޖެއްގައި އެ ސްކޫލުގެ ދަރިވަރުން ބައިވެރިވީ ދަރިވަރުންގެ އިމްތިހާނު ކައިރިވެފައި އޮތްވައި ކަމަށާއި ދަރިވަރުންގެ ފަރާތުން ފެނުނީ ރޮބޮޓިކްސްއަށް އޮތް ޝައުޤުވެރިކަމެވެ.
advertisment
ހިޔާލު