ވޭތުވެދިޔަ އެތައް އަހަރެއްގެ ތެރޭގައި، ނަފްސާނީ އިލްމުވެރިންނާއި ނިއުރޯސައިންސްގެ މާހިރުން ގަބޫލުކުރަމުން އައީ އިންސާނުންނާއި ޖަނަވާރުން ވީހާވެސް މަދުން މަސައްކަތްކުރަން އުޅެނީ، އެ މަސައްކަތަކީ އުފާވެރި ކަމަކަށް ނުވާތީ ކަމަށެވެ .ނޫނީ، މީހުން ދުރުހެލިވަނީ ކުރާ މަސައްކަތަކަށް ނޫން ކަމަށާއި، އެއްވެސް ނަތީޖާއެއް ނުލިބޭ ނުވަތަ އެކަމަކުން ލިބޭ މަންފާއަށްވުރެ ކުރަންޖެހޭ މަސައްކަތް ބޮޑުވާ "ބޭކާރު މަސައްކަތްތަކުން" ވުމުން ކަމެވެ. މި ވިސްނުމަކީ ހާވަޑް ޔުނިވާސިޓީގެ ރޯއީ ބައުމީސްޓާ، ޔުނިވާސިޓީ އޮފް ޖެނީވާގެ ގައިޑޯ ގެންޑޮލާ، އަދި ޔުނިވާސިޓީ އޮފް ޕޮއިޓިއާގެ މިޝޭލް އޯޑިފްރެންއާއެކު އަޅުގަނޑު ލިޔެ، 2026 ވަނަ އަހަރު "ނިއުރޯސައިންސް އެންޑް ބިހޭވިއަރަލް ރިވިއުސް" މަޖައްލާގައި ޝާއިޢުކޮށްފައިވާ ދިރާސީ ރިޕޯޓެއްގައި ތަފްސީލުކޮށްފައިވާ ކަމެކެވެ.
މީހުން ދުރުހެލިވަނީ ބޭކާރު މަސައްކަތްތަކުންކަން އަޅުގަނޑުމެން ދެނެގަތީ ކިހިނެއް ހެއްޔެވެ؟
މި ނަޒަރިއްޔާއަށް ބާރުދިނުމުގެ ގޮތުން، ސައިންޓިފިކް ލިޔުންތަކުގެ ދެ ދިމާއަކުން ބަލާލަން ޖެހެއެވެ. ފުރަތަމަ ކަމަކަށް، ކުޑަކުދިންގެ ތަރައްޤީއަށެވެ. މަސައްކަތް ކުރުމަކީ ފިތުރަތުގައިވެސް ނުތަނަވަސްކަންދޭ ކަމެއްނަމަ، ކުދިން ބޮޑުވަމުން އަންނަ އެންމެ ކުރީ މަރުހަލާގައިވެސް މަސައްކަތް ކުރުމަށް ނުރުހުންތެރިކަން ފެންނާނެއެވެ.
ނަމަވެސް، ތުއްތު ކުދިންނާއި ކުޑަކުދިންގެ ކިބަޔަކުން މަސައްކަތް ކުރުމަށް އެއްވެސް ކަހަލަ ނުރުހުންތެރިކަމެއް އަމިއްލައަކަށް ނުފެނެއެވެ. އެކުދިން އަމިއްލަ އިޚްތިޔާރުގައި ބުރަ މަސައްކަތްތައް ކުރެއެވެ. އަދި މަސައްކަތުން ލިބޭ ކާމިޔާބީއާ އުފާވެރިކަން ގުޅުވައެވެ. މަސައްކަތުން ދުރުހެލިވާން އެކުދިން ދަސްކުރަނީ މަޑުމަޑުންނެވެ. 10 މަހުގެ ތުއްތު ކުދިންގެ މިސާލަކީ ވަރަށް ފާހަގަކޮށްލެވޭ ކަމެކެވެ. ބޮޑު މީހަކު އުނދަގޫ ކަމެއް ކުރުމުގައި ދެމިހުންނަތަން ފެނުމުން، އެކުދިންވެސް އަމިއްލައަށް މައްސަލައެއް ހައްލުކުރުމަށް ކުރާ މަސައްކަތް ދެގުނަ އިތުރުކުރެއެވެ.
އޭގެ ފަހުން، ގާތްގަނޑަކަށް 6 އަހަރުގައި، ފަސޭހަ ކަމެއް ކުރުމަށްވުރެ އުނދަގޫ ކަމެއް ކާމިޔާބުވުމުން ކުދިން ބޮޑަށް ހިނިތުންވެއެވެ. އެއީ އެކަމުގައި ހުރި އުނދަގޫތަކުގެ ސަބަބުން އެ ކާމިޔާބީގެ އަގު ބޮޑުވާތީއެވެ. މަސައްކަތް ކުރުމަކީ ފިތުރަތުގައިވެސް އުނދަގޫ ކަމެއްނަމަ، މިފަދަ ކަންކަމެއް ނުފެނުނީހެވެ.
ދެވަނަ ކަމަކީ، ޖަނަވާރުންނާއި ބޮޑެތި މީހުންގެ މެދުގައި އޮންނަ "އެންމެ ކުޑަ މަސައްކަތެއް ކުރުމުގެ އުސޫލު" އެވެ. މަސައްކަތް ކުޑަ މަގަކުން ކަންކަން ކުރަން އިސްކަންދެނީ، އެކަމުން ލިބޭ ނަތީޖާ އެއްވަރުވާ ހާލަތްތަކުގައި އެކަންޏެވެ. ނަމަވެސް، ލިބޭ މަންފާ ބޮޑުވާނަމަ އެ ބުރަ މަސައްކަތް ކުރުމަށް މީހުން ފަހަކަށް ނުޖެހެއެވެ.
އަދި މިއަށްވުރެ ބޮޑަށް ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި، އެއްވެސް ކަމެއް ނުކޮށް ތިބުމަށްވުރެ ކޮންމެވެސް މަސައްކަތެއްގައި އުޅެން މީހުން ބޭނުންވެއެވެ. އަދި މަސައްކަތެއް ނެތި ހުސްކޮށް ތިބޭ މީހުންނަށްވުރެ، މަސައްކަތުގައި މަޝްޣޫލުވެ އުޅޭ މީހުން، މަސައްކަތް ކުރަން މަޖުބޫރުވި ކަމުގައިވިޔަސް މާ އުފާވެރިއެވެ.
މަސައްކަތެއް ކުރުން މުހިންމުވަނީ ކީއްވެ؟
މި ބަދަލާއެކު އިންސާނާގެ ހިތްވަރާއި ޝައުޤުވެރިކަން ހުންނަ ގޮތް ދެނެގަންނަން މަގުފަހިވެއެވެ. މިއީ ބައެއް މީހުން ބުނާ "މަސައްކަތުގެ ތަޢާރުޟު" (paradox of effort) ހައްލުކޮށްދޭ ކަމެކެވެ. "އެންމެ ކުޑަ މަސައްކަތެއް ކުރުމުގެ" ޤާނޫނެއް އޮންނަނަމަ، އެތައް މިލިއަން މީހުން އަމިއްލަ އިޚްތިޔާރުގައި ބުރަ ކަންކަން (މިސާލަކަށް: ނުރައްކާތެރި ކުޅިވަރުތައް، މިއުޒިކް އާލާތްތައް ދަސްކުރުން، ނުވަތަ ގިނަ ދުވަހު ކިޔެވުން) ކުރަނީ ކީއްވެގެން ހެއްޔެވެ؟ އަދި އެކަންކަމުން އެމީހުންނަށް އުފާވެރިކަން ލިބެނީ ކީއްވެ ހެއްޔެވެ؟
މަސައްކަތަކީ ފައިސާ ޚަރަދުކުރުން ފަދަ، ރަނގަޅު ނުވަތަ ނުބައި ނޫން އާދައިގެ ކަމެއްގެ ގޮތުގައި ބަލައިފިނަމަ، އެކަމުން އެކަށީގެންވާ ނަތީޖާއެއް ނުވަތަ އުޖޫރައެއް ލިބޭނަމަ އެ މަސައްކަތް ކުރަން މީހުން އެއްބަސްވުމަކީ ބުއްދިވެރި ކަމެކެވެ.
މި ނަޒަރިއްޔާއިން އިންސާނުންނަކީ ކަންކަން ވަޒަންކޮށް ގޮތް ނިންމުމުގެ ޤާބިލުކަން ހުރި ބައެއްގެ ގޮތުގައި ބަލައެވެ. އެއީ ހަމައެކަނި ކަންކަން ކުރުމުން ދުރުހެލިވާން އުޅޭ ބައެއްގެ ގޮތުގައެއް ނޫނެވެ. މީގެ އިތުރުން، އާދައިގެ ގޮތެއްގައި ކަމަކާ މެދު މާޔޫސްވެގެން މަސައްކަތް ދޫކޮށްލުމާއި، ބަލީގެ ސަބަބުން މަސައްކަތް ކުރުމަށް ނުކުޅެދޭ ހާލަތްތައް ވަކިކޮށްދެއެވެ.
ބަލީގެ ހާލަތްތަކުގައި، މަސައްކަތް ކުރަން ދެކޮޅު ހެދުމަކީ ނާރުގެ ނިޒާމުގެ މައްސަލައެކެވެ. މިއީ ޚާއްޞަކޮށް "ޑޯޕަމީން" (dopamine) މަދުވުމުގެ ސަބަބުން ދިމާވާ ކަމެކެވެ.
މިކަމުގައި ޑޯޕަމީން މުހިންމު ދައުރެއް އަދާކުރެއެވެ. އެއީ ކާމިޔާބީގެ އިހުސާސް ވަރުގަދަކޮށްދީ، ލަނޑުދަނޑިތަކާ ހަމައަށް ވާޞިލުވުމަށް ހިތްވަރުދޭ އެއްޗެކެވެ. ޑޯޕަމީން މަދުވުމުން، މަސައްކަތް ކުރުމަކީ ހަޤީޤަތުގައިވެސް އުނދަގޫ ކަމަކަށްވެ، ކަންކަން ކުރުމުގެ ޝައުޤުވެރިކަން ނެތިގެންދެއެވެ.
މި ދިރާސާގައި ދެން ކުރަންވީ ކޮން ކަމެއް ހެއްޔެވެ؟ އަދިވެސް ގިނަ ސުވާލުތަކެއް އެބަހުއްޓެވެ.
ބައެއް މީހުންގެ ކިބައިގައި މަސައްކަތަށް ނުރުހުންތެރިކަން އުފެދެނީ ކޮން ހާލަތްތަކެއްގައި ކަމާއި، އެކަމުގައި ހިމެނޭ ނާރުގެ ނިޒާމުގެ މަސައްކަތްތައް އަދިވެސް މުޅިން ސާފެއް ނުވެއެވެ. ޑޯޕަމީންގެ ވާހަކަ ގިނައިން ދެކެވުނަސް، ދިރާސާތައް ބޮޑަށް ބިނާވެފައިވަނީ ބޭރުން ލިބޭ ހަދިޔާއަކަށް ބަލައިގެން ކުރާ މަސައްކަތްތަކަށެވެ. ނަމަވެސް، ހަމައެކަނި މަސައްކަތުން ލިބޭ ހިތްހަމަޖެހުމަށްޓަކައި މަސައްކަތް ކުރާ މީހުންގެ އަމިއްލަ ޝައުޤުވެރިކަމާ ބެހޭ ދިރާސާތައް މަދެވެ.
އަމަލީ ގޮތުން ކުރެވިދާނެ އެއް ކަމަކީ، ސްކޫލްތަކާއި، އޮފީސްތަކާއި، އަދި ސިއްޙީ ދާއިރާގައި މަސައްކަތްތައް ލުއިކުރުމުގެ ބަދަލުގައި، އެ މަސައްކަތްތަކަކީ އެކަން ކުރާ މީހުންނަށް ބޭނުންތެރި އަދި މުހިންމު ކަންތައްތަކެއްގެ ގޮތުގައި އިހުސާސްކޮށްދިނުމެވެ. މިއީ ވަރަށް ބޮޑު ބަދަލެއް ގެނުވާނެ ކަމެކެވެ.
advertisment
ހިޔާލު