މަހަކު 8،000 ރުފިޔާ އާއި 10،000 ރުފިޔާއާ ދެމެދުގެ އެލަވަންސެއް ހަމަޖައްސައި، އެމްއެމްއޭއިން އިންޓާންޝިޕަށް ހުޅުވާލައިފި

މަހަކު 8،000 ރުފިޔާ އާއި 10،000 ރުފިޔާއާ ދެމެދުގެ އެލަވަންސެއް ހަމަޖައްސައި، ދެ ހަފްތާއާއި އެއް އަހަރާ ދެމެދުގެ މުއްދަތެއް އިންޓާންޝިޕަށް ދީފައިވާއިރު، ހުޅުވާލާފައި ވަނީ 10 ފުރުޞަތަށް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އިންޓާންޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މި އިންޓާންޝިޕްގެ ބޭނުމަކީ، ދިވެހި ދަރިވަރުންނަށާއި ދަސްވެނިންނަށް އަމަލީ ތަޖުރިބާ ހޯދައިދިނުން ކަމަށް އެމްއެމްއޭއިން ބުނެއެވެ.

އެމްއެމްއޭއިން ކުރި އިއުލާނުގައި ބުނެފައިވަނީ، އިންޓާންޝިޕް ޕްރޮގްރާމުގެ ދަށުން މިހާރު ހުޅުވާލާފައިވާ 10 ފުރުޞަތުގެ މުއްދަތު ހަމަވާނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.

އެމްއެމްއޭއިން ބުނީ، 2 ހަފުތާއާއި 1 އަހަރުގެ މުއްދަތަށް ކުރިއަށް ގެންދާ މި އިންޓާޝިޕްގައި ބައިވެރިވެވެނީ އޯލެލެވެލްއިން ފެށިގެން މާސްޓަރސް ލެވެލްގެ ފަރާތްތަކަށެވެ.

އެމްއެމްއޭގެ އިއުލާނުގައި ބުނެފައިވާގޮތުން، އިންޓާންޝިޕް ޕްރޮގްރާމުގައި އިކޮނޮމިކްސް، އައިޓީ، މީޑިއާ އެންޑް ކޮމިއުނިކޭޝަންއާއި ގާނޫނީ ދާއިރާއާއި ބޭންކިންގ އާއި އެކައުންޓިންގެ އިތުރުން އެޑްމިނިސްޓްރޭޝަން ފަދަ ތަފާތު ދާއިރާތަކުން ތަޖުރިބާ ހޯދުމުގެ ފުރުސަތު ދޭނެއެވެ.

އިންޓާންޝިޕްގެ މަސައްކަތު ގަޑިއަކީ، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 3:00އެވެ. ތައުލީމީ ފެންވަރަށް ބަލައިގެން މުސާރަ ކަނޑައަޅާފައިވާއިރު، އޯލެވެލްއާއި އޭލެވެލް ނިންމާފައިވާ ފަރާތްތަކަށް ކަނޑައަޅާފައި ވަނީ 8،000 ރުފިޔާއެވެ. ޑިގްރީ ނިންމާފައިވާނަމަ 9،000 ރުފިޔާ އަދި މާސްޓާސް ހަދާފައިވާނަމަ 10،000 ރުފިޔާއެވެ.

އެމްއެމްއޭއިން ބުނީ، އިންޓާންޝިޕަށް ޝޯޓްލިސްޓް ކުރާ ފަރާތްތައް ހޮވުމުގައި، މާލީ ދާއިރާއަށް ހުރި ޝައުގުވެރިކަމާއި، ލީޑަރޝިޕް ހުނަރާއި، މުއާމަލާތް ކުރުމުގެ ޤާބިލުކަމަށް ބަލާނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *