ދަރިވަރުންގެ ކިބައިގައި ގިނަވަގުތު އެއް ކަމަކަށް ސަމާލުކަން ހުއްޓައިގެން މަސައްކަތްކުރުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި މުދައްރިސުންނަށް މި ހަ އުކުޅު ބޭނުންކުރެވިދާނެއެވެ.
ކޮންމެ ކްލާސްރޫމަކަށް ވަން ކަމުގައިވިޔަސް އިވޭނީ އެއް ޝަކުވާއެކެވެ. އެއީ ކުރިއާ ހިލާފަށް ކުދިންގެ ކިބައިގައި ކަންކަމަށް ސަމާލުކަން ދިނުމުގެ ގާބިލުކަން ކުޑަވެފައިވާ ވާހަކައެވެ. ސިކުނޑީގެ ދިރާސާތަކުން ވެސް މިކަމަށް ބާރުދެއެވެ. މެދުކެނޑުމެއްނެތި އެއް ކަމަކަށް ސަމާލުކަން ދިނުމަކީ، އަބަދު ގޯނާކުރުންތަކާއި ގިނަ މަސައްކަތްތަކެއް އެއްފަހަރާ ކުރަން ޖެހޭ މި ޒަމާނުގެ މާހައުލުގައި ވަރަށް ބޮޑު ގޮންޖެހުމަކަށް ވަނީ ވެފައެވެ.
ސަމާލުކަން ދިނުން ކުޑަވުމުގެ ސަބަބުން އުނގެނުމުގެ ހުރިހާ ދާއިރާއަކަށް ވެސް އޭގެ ނޭދެވޭ އަސަރު ދަނީ ކުރަމުންނެވެ. އެމެރިކާގެ ނޭޝަނަލް ސެންޓަރ ފޯ އެޑިއުކޭޝަން ސްޓެޓިސްޓިކްސްއިން ހާމަކުރާ ގޮތުގައި، ދަރިވަރުންގެ ސަމާލުކަން ކުޑަވުމަކީ އުނގެނުމަށް އެޅޭ ވަރަށް ބޮޑު ހުރަހެކެވެ. އަދި މިއީ ދަރިވަރުންގެ ތައުލީމީ ކުރިއެރުމަށް ހުރަސްއަޅާ މައިގަނޑު ސަބަބެއްގެ ގޮތުގައި ސްކޫލުތަކުން ފާހަގަކުރެއެވެ.
ނަމަވެސް، އެއީ ސަމާލުކަން ދިނުމުގެ ބާރު ނެތިގެންވާ ކަމެއް ނޫނެވެ. ބަދަލުވީ އެ ބާރު ބިނާކޮށްދޭ ހާލަތްތަކެވެ.

ސަމާލުކަން ދިނުމަކީ ބަދަލުނުކުރެވޭނެ ފިތުރީ ސިފައެއް ނޫނެވެ. ދިރާސާތަކުން ދައްކާގޮތުގައި ސަމާލުކަމަކީ ތަމްރީނުކޮށްގެން ތަރައްގީކުރެވޭނެ ސިކުނޑީގެ ހުނަރެކެވެ. ކިޔުމާއި، ލިޔުމާއި، އަދި މައްސަލަ ހައްލުކުރުމުގެ ހުނަރެކޭ އެއްފަދައިން، ގަސްދުގައި ކުރެވޭ އަމަލީ މަސައްކަތާއި، ސާފު އޮނިގަނޑެއްގެ ތެރެއިން ކުރެވޭ ތަމްރީނުން މި ހުނަރު އިތުރުކުރެވިދާނެއެވެ.
ކުރަންވީ ކަމަކީ ސަމާލުކަން ހޯދަން މަސައްކަތްކުރާ ގޮތް ދަރިވަރުންނަށް ދަސްކޮށްދިނުމެވެ.
ސަމާލުކަން ދިނުމަކީ ކޮބާ؟
ސަމާލުކަން ދިނުމަކީ، ބޭކާރު ކަންކަމަށް ނުލެނބި، މާނަހުރި ކަމަކަށް ސިކުނޑީގެ ހަކަތަ އަމާޒުކުރުމުގެ ގާބިލުކަމެވެ. ސިކުނޑީގެ މާހިރުން ބަޔާންކުރާ ގޮތުގައި، ގަސްދުގައި އޭގެ ބޭނުން ހިފާ ނަމަ އެ ވަރުގަދަވެއެވެ. ނަމަވެސް އެއްފަހަރާ ގިނަ މަސައްކަތްތަކެއް ކުރުމާއި ބޭކާރު ކަންކަމުގައި މަޝްއޫލުވުމުން އެ ބަލިކަށިވެއެވެ.
ސަމާލުކަމާ ބެހޭ ތިން ހަގީގަތެއް:
- ސިކުނޑިއަށް އެއްފަހަރާ އޮޅުންބޮޅުން ބޮޑު ދެ ކަމަކަށް ފުންކޮށް ސަމާލުކަން ނުދެވޭނެއެވެ.
- ގިނަވަގުތު އެއް ކަމަކަށް ސަމާލުކަން ދިނުމުން އުނގެނުމާއި، ހަނދާން ބެހެއްޓުމާއި، ވިސްނުން ތަރައްގީވެއެވެ.
- ކުރާ މަސައްކަތަކީ މާނަހުރި އަދި އޭގެ ނަތީޖާ ފެންނަ ކަމެއްނަމަ ސަމާލުކަން އިތުރުވެއެވެ.
ސަމާލުކަން ވަރުގަދަވަނީ ކުރާ މަސައްކަތާއި، އޭގެ ބޭނުމާއި ލިބޭ ކުރިއެރުމުގެ ސަބަބުންނެވެ.
ސަމާލުކަމުގެ މުހިންމުކަން ދަސްކޮށްދިނުމަށްޓަކައި އެންމެ ފައިދާހުރި އެއް ގޮތަކީ، ސަމާލުކަން ދިނުމުގައި އިންސާނާގެ ހުންނަ އުނިކަން އަމަލީގޮތުން ދަރިވަރުންނަށް އިހުސާސްކޮށްދިނުމެވެ. މިސާލެއްގެ ގޮތުން ވީޑިއޯއެއް ދައްކައި، އޭގައިވާ އިރުޝާދުތަކަށް ފަރުވާތެރިވުމަށް ދަރިވަރުންނަށް އިރުޝާދު ދެވިދާނެއެވެ. ގިނަ ކުދިންނަށް އޭގައިވާ ފާޅުކަން ބޮޑު ބައެއް ކަންކަން ނުފެނި ދެއެވެ. އެކަމާ އެކުދިން ހީލައި، ސިކުނޑި ކަންކަން ފުރޭނޭ ގޮތް އިހުސާސްވުމުން، އެއީ ފިލާވަޅަކަށް ބަދަލުވެއެވެ.
މިކަމުގެ ސަބަބުން، ކިޔާއިރު ނުވަތަ ލިޔާއިރު އެހެން ކަންކަމަށް ސަމާލުކަން ދިނުމުން މައުލޫމާތު ފުރިހަމައަށް ނުލިބޭ ސަބަބު އެކުދިންނަށް ފަހުމްވެއެވެ. ސަމާލުކަން ބައިބައިވުމުން އުނގެނުންވެސް ބައިބައިވެއެވެ.
ދިރާސާތަކުން ދައްކާގޮތުގައި ސަމާލުކަމުގެ ތަމްރީނުތަކުގެ ސަބަބުން ސިކުނޑީގެ އޮނިގަނޑަށް ބަދަލު އާދެއެވެ. ކޮންމެ ދުވަހަކު ކުރާ ކުޑަކުޑަ ތަމްރީނަކުންވެސް ސަމާލުކަން ވަރުގަދަވެ، އިހުސާސްތައް ކޮންޓްރޯލްކުރުމަށް އެހީތެރިވެދެއެވެ.

ސަމާލުކަން މަސައްކަތްކުރާ ގޮތް ދަރިވަރުންނަށް އޮޅުންފިލުމުން، އެއީ އެކުދިންގެ ބާރު ނުފޯރާ ކަމެއްގެ ބަދަލުގައި، ތަރައްގީކުރެވިދާނެ ހުނަރެއްކަން ގަބޫލުކުރެއެވެ. މިކަން ވަރުގަދަކުރުމަށް ބޭނުންކުރާ ހަ އުކުޅަކީ:
-
ފަސް މިނެޓުގެ "ފޯކަސްޑް ޖަރނަލް" ހަރަކާތް
ކޮންމެ ކްލާހެއް ފަށާނީ ފަސް މިނެޓުގެ މެދުކެނޑުމެއްނެތް ވިސްނުމުގެ ހަރަކާތަކުންނެވެ. ދަރިވަރުން އެކުދިންގެ ނޯޓްފޮތް ހުޅުވައި، ދީފައިވާ މައުޟޫއަކަށް ލިޔެއެވެ. ބައެއްފަހަރު ކުރީގެ ފިލާވަޅާ މެދު ވިސްނާލުމަށެވެ. އަނެއްބަހަރު ނޯޓުތަކަށް ނުބަލައި ހަނދާނުގައި ހުރި އެއްޗެއް ލިޔުމަށެވެ. ފުރަތަމަ ކޮޅު މި ފަސް މިނެޓު ވަރަށް ދިގުކޮށް އެކުދިންނަށް އިހުސާސްވެއެވެ. ނަމަވެސް ހަފުތާތަކެއް ފަހުން، ކްލާސް ތެރެ އަވަހަށް ހިމޭންވެ، ކުދިންގެ ވިސްނުން ފުންވާން ފަށައެވެ. މިއީ ހަމައެކަނި ލިޔުމެއް ނޫނެވެ، މިއީ ސަމާލުކަން ދިނުމުގެ ތަމްރީނެކެވެ.
-
"ޕޮމޮޑޯރޯ" އުކުޅު ބޭނުންކޮށްގެން ސަމާލުކަން އިތުރުކުރުން
ވަކި ވަގުތުތަކަކަށް ބަހާލައިގެން ކުރާ މަސައްކަތުން ސަމާލުކަން ދިނުމުގެ ބާރު ގަދަކުރެވެއެވެ. ކިޔުމާއި ލިޔުން ފަދަ އަމިއްލައަށް ކުރާ މަސައްކަތްތަކުގައި، ކުރު ވަގުތުކޮޅަކަށް (5-7 މިނެޓު) ސަމާލުކަން ދިނުމަށްފަހު 2 މިނެޓުގެ ބްރޭކެއް ދޭށެވެ. ކުދިންގެ ހުނަރު ކުރިއަރަމުންދާ ވަރަކަށް، ސަމާލުކަން ދޭ ވަގުތު 15-20 މިނެޓަށް، އަދި ފަހުން 25-30 މިނެޓަށް އިތުރުކުރެވެއެވެ. ކުދިންގެ މި ކުރިއެރުން ޗާޓެއްގައި ފާހަގަކުރުމުން، އެކުދިން އެކަމާ ފަހުރުވެރިވެ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެއެވެ.

-
ވިސްނުން ފެންނާނެހެން ބެހެއްޓުން
ކުރިއެރުން ފެންނަން ހުންނަނަމަ ސަމާލުކަން ދިނުމަށް ފަސޭހަވެއެވެ. މިގޮތުން:
- ފިލާވަޅު ފަށާއިރު، އެ މައުޟޫއަކާ ގުޅޭގޮތުން އެނގޭ ހުރިހާ އެއްޗެއް ލިޔުން (Brain dumps).
- ކިޔާއިރު ފާހަގަވާ ކަންކަމާއި އުފެދޭ ސުވާލުތައް ނޯޓުކުރުން.
- "ލިވިންގ ވޯލް" އެއްގައި އާ ހޯދުންތަކާއި ގުޅުންތައް ހިއްސާކުރުން.
- ކްލާސް ނިމޭއިރު "މިއަދު ދަސްވީ ކޮން އެއްޗެއް؟" މި ސުވާލަށް ޖަވާބު ދިނުން.
- ސަމާލުކަމާއި މަގުސަދާ ގުޅުވައިލުން
4- ކުރާ މަސައްކަތެއްގެ ބޭނުންތެރިކަން އެނގުމުން ސަމާލުކަން ދިނުން ގުދުރަތީގޮތުން އިތުރުވެއެވެ. ފިލާވަޅުގެ ތެރެއިން އަޅުގަނޑު މަޑުޖެހިލާފައި ދަރިވަރުންނާ މިފަދަ ސުވާލުތައް ކުރަމެވެ:
- މިވަގުތު ތިޔަ ތަރައްގީކުރަނީ ކޮން ހުނަރެއް؟
- މިގޮތަށް ވިސްނުމަކީ ކްލާހުން ބޭރުގައި މުހިންމުވާނީ ކޮން ކަމަކަށް؟
- އިއްޔެއާ އަޅާބަލާއިރު މިއަދު ރަނގަޅުވީ ކޮން ކަމެއް؟
ލިޔުމުގެ ފިލާވަޅުތަކުގައި، ގިނަވަގުތު ސަމާލުކަން ދިނުމަކީ ހަމައެކަނި މަޒުމޫނެއް ނިންމާލުން ނޫންކަމާއި، އެއީ ވިސްނުން ސާފުކޮށްދީ، ހުއްޖަތްތައް ވަރުގަދަކޮށްދޭ ކަމެއްކަން ދަރިވަރުންނަށް ބުނެދިނުން މުހިންމެވެ. އަދި ކްލާސް ނިމޭއިރު، މިއަދު ސަމާލުކަން ގެއްލުނީ ކޮން ވަގުތެއްގައިތޯ އާއި، އަލުން ސަމާލުކަން ހޯދަން ކުރީ ކީއްތޯ ސުވާލުކޮށް، އަމިއްލަ ނަފްސަށް ފާރަވެރިވާން ދަސްކޮށްދިނުން މުހިންމެވެ.

- އޮނިގަނޑެއްގެ ތެރެއިން "ޑީޕް ވޯކް" ނުވަތަ ފުން މަސައްކަތުގެ ބުރުތައް ހިންގުން
ކަނޑައެޅިފައިވާ ތަރުތީބަކުން އަމަލީ ތަމްރީނު ލިބުމުން ސަމާލުކަން އިތުރުވެއެވެ. ފިލާވަޅުތައް އާންމުކޮށް މި ބުރުތަކުގެ މައްޗަށް ރޭވުން މުހިންމެވެ. - ސަމާލުކަން (8-15 މިނެޓު): ދަރިވަރުން ހިމޭންކަމާއެކު ސިކުނޑިއަށް ބުރަ އެއް މަސައްކަތެއް ކުރެއެވެ. މިސާލަކަށް ފާހަގަކުރަމުން ފުންކޮށް ކިޔުން ނުވަތަ މައުޟޫއަކަށް ފެށުން ލިޔުން.
- މުރާޖަޢާ (2-3 މިނެޓު): ސަމާލުކަން ހުރި މިންވަރާ މެދު ކުރު ސުވާލަކަށް ޖަވާބުދިނުން. މިއީ މަސައްކަތުގެ ޖޯޝް ނުގެއްލި، އަމިއްލަ ހޭލުންތެރިކަން އިތުރުކޮށްދޭ ވަގުތުކޮޅެކެވެ.
- އަމަލީ ބޭނުން (5-10 މިނެޓު): ކުރިން ދަސްވި އެއްޗެއް ބޭނުންކޮށްގެން ކުރު ޖަވާބެއް ލިޔުން ނުވަތަ ބަހުސަކަށް ހެކި ހޯދުން. މިއީ މައުލޫމާތު ސިކުނޑީގައި ބަހައްޓަން އެހީވާ ކަމެކެވެ.
- ހިއްސާކުރުން (3-5 މިނެޓު): ދަސްވި މުހިންމު ޚިޔާލެއް އެހެން ކުއްޖަކާ ނުވަތަ މުޅި ކްލާހާ ހިއްސާކުރުން. ހިއްސާކުރަން ޖެހޭނެކަން އެނގުމުން، މަސައްކަތުގެ ވަގުތު ސަމާލުކަން ދޭ މިންވަރު އިތުރުވެއެވެ.
- ދުވަސްތަކެއް ފަހުން ދަރިވަރުން މިފަދަ "ފުން މަސައްކަތްތަކަށް" އަމިއްލައަށް ތައްޔާރުވާން ފަށައެވެ. އެކުދިންނަށް ދަސްވަނީ ހަމައެކަނި ފިލާވަޅެއް ނޫނެވެ؛ އެކުދިން ބިނާކުރަނީ ސަމާލުކަން ދިނުމުގެ ކެތްތެރިކަމެވެ.
- ނަތީޖާ: އަމިއްލަ އިހުތިޔާރު ލިބުން
- ދަރިވަރުން އެކުދިންގެ ސަމާލުކަން ކޮންޓްރޯލްކުރަން ދަސްވުމުން، ހީނުކުރާ ފަދަ ބަދަލެއް އާދެއެވެ. ފުރަތަމަ އެއީ ހަމައެކަނި އުކުޅެކެވެ. ނަމަވެސް ފަހުން، އުނދަގޫ ކަންކަމުގައި ދެމިތިބުމުގެ ގާބިލުކަން އެކުދިންނަށް ލިބެއެވެ. ވިސްނުން ތޫނުވެ، ކުރިން އުނދަގޫ ކަމަށް ހީވި ކަންކަން ފަސޭހަވެއެވެ.
- ސަމާލުކަމަކީ ގެއްލިގެންދާ އެއްޗެއް ނޫނެވެ. އަދި އެއީ ބަދަލުނުކުރެވޭނެ އެއްޗެއްވެސް ނޫނެވެ. އެއީ ތަމްރީނުކުރެވޭނެ ހުނަރެކެވެ.
- ދަރިވަރުންނަށް ސަމާލުކަން މަސައްކަތްކުރާ ގޮތް ދަސްކޮށްދީ، ކޮންމެ ދުވަހަކު އަމަލީ ތަމްރީނު ދިނުމަކީ، އުނގެނުމާއި ކެތްތެރިކަމުގެ ބާރު އެކުދިންގެ ކިބައިގައި އަށަގަންނުވައިދޭ ކަމެކެވެ. ސަމާލުކަން ކޮންޓްރޯލްކުރަން ދަސްވުމުން، ދަރިވަރުން ބޭކާރު ކަންކަމުގެ ތެރެއަށް ޣަރަގުވުމުގެ ބަދަލުގައި، އަމިއްލަ ވިސްނުމުގެ މައްޗަށް ބާރު ފޯރުވަން ފަށައެވެ. އެކުދިންގެ ވިސްނުމާއި، ނިންމުންތަކާއި، އަދި މުސްތަގުބަލު ބިނާކުރާ އެންމެ އަގުބޮޑު ވަސީލަތް ކަމުގައިވާ "ސަމާލުކަން" ހޯދާނީ އެކުދިން އަމިއްލައަށެވެ.
advertisment
ހިޔާލު