އަޙްމަދު މުޖާހިދު
މިފެށުނު ދެވަނަޓާމަށް ހުރިހާ ދަރިވަރުންނާއި މުދައްރިސުންނަށް މަރުހަބާ ދަންނަވަމެވެ. ދެވަނަ ޓާމަކީ ފުރަތަމަ ޓާމުގައި ކުރެވުނު ތަޖުރިބާތަކުން އިބުރަތް ލިބިގަނެ، ދިރާސީ އަހަރުގެ ބާކީބައި ކާމިޔާބުކަމާއެކު ނިންމާލުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. ފުރަތަމަ ޓާމުގެ އިމްތިހާނުތައް ނިމި، ނަތީޖާ ލިބި، ދިރާސީ އަހަރުގެ ދެބައިކުޅައެއްބައި މިއޮތީ ނިމިފައެވެ. މިދިޔަ ޓާމުގައި ކޮންމެނަތީޖެއް ލިބުނަސް ދެވަނަ ޓާމުގައި ރަނގަޅު ނަތީޖާއެއް ހޯދިދާނެއެވެ. ފުރަތަމަ ޓަމުގައި ލިބުނު ނަތީޖާ އާ ކުރެވުނު މަސައްކަތާމެދު ކަންބޮޑުވެ ދެރަވުމުގެ ބަދަލުގައި ދެވަނަޓާމުގައި އާހިތްވަރެއްލައި މަސައްކަތްކުރަންވީއެވެ. ކިޔެވުމަށް ހޭދަކުރާ ވަގުތު ގިނަ ކުރަންވީއެވެ. ފޮތް ކިޔުން އިތުރު ކުރަންވީއެވެ. ކުޅިވަރު ކުޅުމާއި ސްކްރީން ދޮށުގައި ހޭދަ ކުރާވަގުތު ވެސް ވަކި އުސޫލަކުން ވަކި ގަޑިތަކަކަށް ފައްތަންވީއެވެ. ކިޔެވުމުގެ ސްޓައިލް ވެސް ބަދަލުކުރަންވީއެވެ. ކިޔެވުމަކީ ތިމާގެ އަމިއްލަ ޒިންމާއެއްގެ ގޮތަށް ވިސްނަންވީއެވެ. އިތުރު މީހަކު ނުބުންޔަސް ސްކޫލަށް ދިއުމަކީ ކޮންމެ ދުވަހެއްގެ އާދައަކަށް ހަދަންވީއެވެ. އެނގޭހެއްޔެވެ. ގަވާއިދުން ސްކޫލަށް ނުދިއުމަކީ ފިލާވަޅު ގެއްލުމުގެ އިތުރުން ތިމާގެ ގައިގައި ކަންނެތްކަމާ ފަރުވާކުޑަކުރުމުގެ ސިފަ އަށަގަންނަ ކަމެކެވެ. ވުމާއެކު، މިނުރައްކަލުން ދަރިވަރުން ސަލާމަތް ވާންވީއެވެ. ބެލެނިވެރިންވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ އެއްކަމަކީ މިއީއެވެ. އަޅުގަނޑު އެދެނީ ހުރިހާ ދަރިވަރުންވެސް އާ އަޒުމަކާއެކު މަސައްކަތްކޮށް ކާމިޔާބުކަމާއެކު ދިރާސީ އަހަރު ނިންމާލުމެވެ.
ދެވަނަ ޓާމުގެ މަސައްކަތް ފަށައިގަތުމުގެ ކުރިން ދަރިވަރުން އަމިއްލަ ނަފްސާ ތެދުވެރިކަމާއެކު މިސުވާލުތައް ކޮށްލާށެވެ. އަހަރެން އެންމެ ފުރިހަމައަށް މަސައްކަތް ކުރިން ހެއްޔެވެ؟ ވަގުތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފިން ހެއްޔެވެ؟ މުދައްރިސުން ދިން ފިލާވަޅުތައް ވަގުތަށް ނިންމިން ހެއްޔެވެ؟ ކްލާހުގައި ފިލާވަޅުތަކަށް ސަމާލުކަން ދިނިން ހެއްޔެވެ؟ އަދި އަހަރެންގެ މައިންބަފައިންނާއި މުދައްރިސުން ފަހުރުވެރިވެ އުފާވާނެފަދަ މަސައްކަތެއް ކުރިން ހެއްޔެވެ؟ ފަސްވަގުތު ނަމާދު އަދާ ކުރިން ހެއްޔެވެ؟ މި ސުވާލުތަކަށް ލިބޭ ޖަވާބުތަކަކީ ކުރިއަށް އޮތް ދަތުރުގައި މަގުދައްކައިދޭނެ އަގުހުރި އިރުޝާދުތަކަކަށް ވާނެއެވެ.
ދަރިވަރުންގެ މެދުގައި އޮންނަ އެންމެ ބޮޑު އެއް ކުށްހީއަކީ، އަބަދުވެސް އިތުރު ވަގުތު އޮންނާނެކަމަށް ގަބޫލުކުރުމެވެ. މާދަމާ ނުވަތަ އަންނަ މަހު ނުވަތަ އަންނަ އަހަރު މާ ބުރަކޮށް މަސައްކަތް ކުރެވިދާނެ ކަމަށް ހީވުމެވެ. މިއަދު އަދި ސީރިއަސް ނުވެވުނަސް ފަހުން ރަނގަޅުވާނެ ކަމުގެ އުއްމީދެއްގައި ވަގުތު ބޭކާރު ކުރެވުމެވެ. ނަމަވެސް، ހަގީގަތަކީ މުސްތަގުބަލު ބިނާވަމުން ދަނީ މިއަދު ކުރާ މަސައްކަތުގެ މައްޗަށް ކަމެވެ. މުސްތަގުބަލަކީ ކުއްލިއަކަށް އަންނަ އެއްޗެއް ނޫންކަމެވެ. އެއީ ކޮންމެ ދުވަހަކު ކުރާ މަސައްކަތްތަކުން ބިނާކުރެވޭ އެއްޗެއްކަމެވެ. އެހެންކަމުން މިއަދު ދަރިވަރުން އުނގެނުމަށް ކުރާ ހިތްވަރަކީ، މާދަމާ ދަރިވަރުންނަށް ލިބޭނެ ފޮނި ނަތީޖާއެވެ. މިއަދު ތިމާގެ ގައިގައި އަށަގަންނަ އާދަކާދަތަކަކީ މާދަމާ ތިމާގެ ސުލޫކާއި މުޅި ދިރިއުޅުން ބައްޓަންކޮށްދޭނެ އަސާސެވެ. މިއަދު އުނގެނޭ އިލްމަކީ މުސްތަގުބަލުގައި ކުރިއަށްދާނެ ދާއިރާތަކުގެ ބިންގަލެވެ. އަދި މިއަދު ހިފަހައްޓާ އަހުލާގީ މިންގަނޑުތަކަކީ މާދަމާގެ ކާމިޔާބީގެ ތަޅުދަނޑިއެވެ. ސްކޫލްތަކުގައި އުސޫލާއި ގަވައިދުތައް ހެދިފައި ހުންނަނީ މި ސަބަބުތަކަށްޓަކައެވެ. މައިންބަފައިންނާއި ބެލެނިވެރިން އެ އެއުސޫލުތަކާއި ގަވައިދުތަކާ އެއްގޮތަށް ދަރިވަރުން ސްކޫލަށް ފޮނުވަންޖެހެނީވެސް ހަމަ މިސަބަބުތަކަށްޓަކައެވެ.

ސްކޫލް ދައުރަކީ އިންސާނެއްގެ ހަޔާތުގައި އަންނަ ވަރަށް ތަފާތު އަދި ދެވަނަ ފަހަރަކަށް އެނބުރި އަންނާނެ ދުވަސްތަކެއް ނޫނެވެ. ކޮންމެ ގްރޭޑެއްގައި ކިޔެވުމުގެ ފުރުސަތު ކޮންމެ ކުއްޖަކަށްވެސް ލިބޭނީ އެންމެ ފަހަރަކުއެވެ. އެ ދުވަސްތައް ފާއިތުވެ ދިއުމުން އެއީ ހަމައެކަނި ހަނދާންތަކެކެވެ. މިއަދެއް، މި ޓާމެއް އަދި މިއަހަރެއްވެސް އަލަކުން ނުލިބޭނެއެވެ. އެހެންކަމުން ސްކޫލުގެ ކޮންމެ ދުވަހަކީވެސް ނުހަނު އަގުހުރި ދުވަހެކެވެ. ކޮންމެ ޓާމަކީވެސް މުހިންމު ޓާމެކެވެ. ކޮންމެ އަހަރަކީ ވެސް އެހާމެ މުހިންމު އަހަރެކެވެ. ސްކޫލުންދޭ ކޮންމެ ފިލާވަޅަކާއި ހަވާލުކުރެވޭ ކޮންމެ މަސައްކަތަކީ އުފާވެރި މުސްތަގުބަލެއް ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. ލޮބުވެތި ދަރިވަރުންނޭވެ! މައިންބަފައިންނާއި މުދައްރިސުން ދޭ ނަސޭހަތް އަބަދުވެސް ކަނުލާ އަޑުއަހަންވާނެއެވެ. ފަހަރެއްގައި އެ ނަސޭހަތްތަކުގެ މުހިންމުކަން މިވަގުތު އިހުސާސް ނުކުރެވިދާނެއެވެ. ބައެއްފަހަރު މައިންބަފައިނާއި މުދައްރިސުން މާ ހަރުކަށިކަމަށް ނުވަތަ އެއް ވާހަކަތަކެއް ތަކުރާރުކުރަނީކަމަށްވެސް ހީވެދާނެއެވެ. ނަމަވެސް، ދުވަސްތައް ފާއިތުވެ އަމަލީ ދިރިއުޅުމުގެ ހަގީގަތްތަކާ ކުރިމަތިލާންޖެހޭ ދުވަހުން، އެ ނަސޭހަތްތަކުގެ ބޭނުމަކީ ކޮބައިކަން ދަރިވަރުންނަށް ވަރަށް ބޮޑަށް ވިސްނޭނެއެވެ. އެއްވެސް މީހަކު ތިމާއަށް ހެޔޮ ނަސޭހަތެއް ނުވަތަ އިރުޝާދެއް ދީފިނަމަ އެކަން ބަލައިގަންނަންވާނީ އެއީ ކުރިމަތީގައި އޮތް ގޮންޖެހުންތަކަށް ތިމަންނަ ތައްޔާރުކޮށްދިނުމަށް ދިން ހަދިޔާއެއްގެ ގޮތުގައެވެ. ކޮންމެވެސް ދުވަހަކުން މައިންބަފައިން ބުނީ ތެދެއްކަން ނުވަތަ މުދައްރިސުން ބުނި ބަސް ހަމަ ވަރަށް ރަނގަޅުކަމަށް އަމިއްލައަށް ގަބޫލުކުރެވޭނެއެވެ.
ކޮންމެ ދުވަހަކުވެސް މިވާހަކަ ހަނދާނުގައި ބަހައްޓާށެވެ. ކާމިޔާބީއަކީ ހަމައެކަނި އެންމެ ތޫނުފިލި ނުވަތަ އެންމެ ކިޔެވުމަށް މޮޅު ކުދިންނަށް ހާއްސަ އެއްޗެއް ނޫނެވެ. ކިޔެވުމާ އެއްވަރަށް އިތުރު ހަރަކާތްތަކުގައި ބައިވެރިވެ، ކަންކަމާމެދު ވިސްނާ ފިކުރުކޮށް ދުނިޔެއަށް ލޯހުޅުވިފައިވާ ދަރިވަރުން މާ ކާމިޔާބެވެ. ކާމިޔާބު ހޯދަނީ ރަނގަޅު އަހުލާގަކާއެކު އެންމެ ދުވަހެއްވެސް ދޫކޮށްނުލާ ބުރަކޮށް މަސައްކަތްކުރާ ދަރިވަރުންނެވެ. ގަވާއިދުން ސްކޫލަށް ހާޒިރުވާ ގަޑިއަށް ފަރުވާތެރިވާ ދަރިވަރުންނެވެ. ފިލާވަޅުތަކުގައި ފުރިހަމައަށް ބައިވެރިވެ ފިލާވަޅުތައް ނިންމައި މުދައްރިސުންނާއި ކުލާހުގެ ދަރިވަރުންނަށް އިހުތިރާމްކުރާ ދަރިވަރުންނެވެ. އަދި ހެދޭ ގޯސްތަކުން އިބުރަތް ހާސިލުކޮށް ވަގުތާއި ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފާ ދަރިވަރުންނެވެ. ކާމިޔާބަކީ ކޮންމެ ދުވަހަކުވެސް ކުރެވޭ ކުދިކުދި، އެހެނަސް އޭގެ އަސަރު ނުހަނު ބޮޑު، ހެޔޮ އަމަލުތަކުގެ ނަތީޖާއެވެ.
އުނގެނުމުގެ މި ދަތުރުގައި އަބަދުވެސް މައިންބަފައިންނާއި ބެލެނިވެރިންނަށް އިހުތިރާމް ކުރަންވާނެއެވެ. ލޯބިވާންވާނެއެވެ. މައިންބަފައިން ވާ ގުރުބާނީއަކީ އޭގެ އަގު އަދާނުކުރެވޭނެ ގުރުބާނީއެކެވެ. ހަމައެފަދައިން މުދައްރިސުންގެ އަގުވަޒަންކޮށް މުދައްރިސުންކުރާ މަސައްކަތް ޝުކުރުވެރިކަމާއެކު ބަލައިގަންނަންވާނެއެވެ. ދަރިވަރުންނަށް ކާމިޔާބާއި ފަލާހު ލިބެންއޮތީ މިމަގުން ކުރިއަށް ގޮސްގެންނެވެ.
advertisment
ހިޔާލު