ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯއިން އައު ތިން ޕްރޮގްރާމެއް ތަޢާރަފުކޮށްފި

ޕޮލިޓިކަލް ސައިންސް ނުވަތަ އިންޓަނޭޝަނަލް ރިލޭޝަންސްގެ ރޮނގުން ދަރިވަރުންގެ މުސްތަޤްބަލު ބައްޓަންކުރުމަށް އެހީތެރިވެދިނުމުގެ މަޤްޞަދުގައި ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯއިން މުޅިން އައު ތިން ޕްރޮގްރާމެއް ތަޢާރަފުކޮށްފިއެވެ. އެއީ:

  • ބެޗެލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތު ޕޮލިޓިކަލް ސައިންސް
  • ބެޗެލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތު އިންޓަނޭޝަނަލް ރިލޭޝަންސް
  • މާސްޓަރ އޮފް ޕޮލިޓިކަލް ސައިންސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް

މި ޕްރޮގްރާމްތަކަކީ މުޢާމަލާތްކުރުމާއި، ދިރާސާކުރުމާއި، މައްސަލަތައް ޙައްލުކުރުމުގެ ހުނަރާއި ޤާބިލުކަން އިތުރުކޮށްދީ، ޢަމަލީ މައިދާނަށް ދަރިވަރުން ތައްޔާރުކޮށްދޭނެ ޕްރޮގްރާމްތަކެކެވެ.

ބެޗެލަރ ފެންވަރުގެ ދެ ޕްރޮގްރާމް

ބެޗެލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތު ޕޮލިޓިކަލް ސައިންސް އަދި ބެޗެލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތު އިންޓަނޭޝަނަލް ރިލޭޝަންސްއަކީ، ދިވެހިރާއްޖޭގެ ޤާނޫނީ ދާއިރާގައި މަސައްކަތް ކުރުމަށް ބޭނުންވާ ޝަރީޢާ އަދި ލޯ ގެ މައިގަނޑު ހުރިހާ މޮޑިއުލްއެއް ފުރިހަމަ ކުރުމަށްފަހު، ފަހު އަހަރު ޕޮލިޓިކަލް ސައިންސް ނުވަތަ އިންޓަނޭޝަނަލް ރިލޭޝަންސްގެ ރޮނގުން ކުރިއަށް ދެވޭ ގޮތަށް ފަރުމާކޮށްފައިވާ ދެ ޕްރޮގްރާމެވެ. ފުރަތަމަ ދެ އަހަރު ދަރިވަރުން ލޯ އޮފް ކޮންޓްރެކްޓް، ކޮންސްޓިޓިއުޝަނަލް ލޯ، ކްރިމިނަލް ލޯ، މޯލްޑިވިއަން ލީގަލް ސިސްޓަމް، އިސްލާމިކް ފެމިލީ ލޯ އަދި އިސްލާމިކް ލޯ އޮފް އިންހެރިޓެންސް ފަދަ މާއްދާތައް ކިޔަވާނެއެވެ. ފަހު އަހަރު، ޕޮލިޓިކަލް ސައިންސް އިޚްތިޔާރުކުރާ ދަރިވަރުން ކޮމްޕެރެޓިވް ޕޮލިޓިކްސް، ރިލިޖަން އެންޑް ޕޮލިޓިކްސް އަދި ޑިވެލޮޕްމަންޓް އެންޑް ޕަބްލިކް ޕޮލިސީ ފަދަ މާއްދާތައް ކިޔަވާއިރު، އިންޓަނޭޝަނަލް ރިލޭޝަންސް އިޚްތިޔާރުކުރާ ދަރިވަރުން ކައުންޓަރޓެރަރިޒަމް އެންޑް ނޭޝަނަލް ސެކިއުރިޓީ، މޯލްޑިވިއަން ފޮރިން ޕޮލިސީ އަދި ފޮރިން ޕޮލިސީ އޮފް މޭޖަރ ޕަވަރސް ފަދަ މާއްދާތައް ކިޔަވާނެއެވެ. މީގެ އިތުރުން، މޫޓިންގ، ޕްރޯ-ބޯނޯ މަސައްކަތް އަދި ލޯ ސްޓޫޑަންޓް ސޮސައިޓީގައި ބައިވެރިވުން ފަދަ ޢަމަލީ ފުރުޞަތުތައް ވެސް ދަރިވަރުންނަށް ފަހިވެގެންދާނެއެވެ. ދެ ޕްރޮގްރާމަކީ ވެސް 3 އަހަރު (6 ސެމިސްޓަރ) ގެ މުއްދަތުގައި، އީ-ލާރނިންގ އަދި ފޭސް-ޓު-ފޭސްކޮށް ކިޔެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމްތަކެކެވެ. މި ދެ ޕްރޮގްރާމަކީ ވެސް، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިއު.އޭ) އިން އެކްރެޑިޓްކޮށް، ދިވެހިރާއްޖޭގެ ބާ ކައުންސިލުން ފާސްކޮށްފައިވާ ދެ ޕްރޮގްރާމެވެ. އަދި މި ޕްރޮގްރާމްތަކުން ދަސްވެނިވާ ދަރިވަރުން ތިބޭނީ، އެ ކައުންސިލުގެ ޤައުމީ ލައިސެންސިންގ ޝަރުޠުތައް ފުރިހަމަކުރެވޭ ފެންވަރަށް ތައްޔާރުވެފައެވެ.

ވިލާ ކޮލެޖުގެ ޝަރީޢާ އެންޑް ލޯ ޕްރޮގްރާމްތަކުގެ އެންމެ ޚާއްޞަ އެއް ސިފައަކީ، ސްޓްރީޓް ލޯ ފަދަ އެކްސްޕީރިއެންޝަލް ލާރނިންގ (ޢަމަލީ ތަޖުރިބާގެ ތެރެއިން އުނގެނުމުގެ) މޮޑިއުލްތައް ކަރިކިއުލަމްގެ ތެރޭގައި ހިމަނާފައިވުމެވެ. މިއީ ދިވެހިރާއްޖޭގެ ޤާނޫނީ ތަޢުލީމުގައި މުޅިން އައު ކަމެކެވެ. ސްޓްރީޓް ލޯ ކޯ-ކަރިކިއުލަރ ހަރަކާތެއްގެ އިތުރުން، ކުރިއަށް އޮތް ތާނގައި މި ހަރަކާތް ކަރިކިއުލަމް ތެރޭގައި ހިމެނިގެން ކުރިއަށް ގެންދެވޭނެއެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ ބާ ކައުންސިލުން ލާޒިމުކުރާ މޮޑިއުލްތަކުގެ އިތުރަށް، އެމްޕްލޯއިމަންޓް ލޯ، އޯލްޓަނޭޓިވް ޑިސްޕިއުޓް ރިޒޮލިއުޝަން އަދި ފޯސް، ފިއަރ، ކްރައިމް އެންޑް ޕަނިޝްމަންޓް ފަދަ، ސިނާޢަތާ ގުޅުންހުރި ޚާއްޞަ މޮޑިއުލްތައް ވެސް ދަރިވަރުން ފުރިހަމަކުރާނެއެވެ. މީގެ މަޤްޞަދަކީ، ފުރަތަމަ ޑިގްރީގެ މަރުޙަލާގައި ވެސް، ޤާނޫނުގެ ތަފާތު ދާއިރާތަކަށް ދަރިވަރުން އަހުލުވެރިވެ، އެ ދަރިވަރެއްގެ ޝައުޤުވެރިކަން ހުރި ދާއިރާއެއް ދެނެގަތުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.

މާސްޓަރ އޮފް ޕޮލިޓިކަލް ސައިންސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް

ދިވެހިރާއްޖެއަކީ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ސިޔާސަތުގައި ޙަރަކާތްތެރި ދައުރެއް އަދާކުރާ ޤައުމަކަށްވުމުން، ޕޮލިޓިކަލް ސައިންސް އަދި އިންޓަނޭޝަނަލް ރިލޭޝަންސްގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލުކޮށްފައިވާ ފަރާތްތަކުގެ ބޭނުންތެރިކަން ދަނީ އިތުރުވަމުންނެވެ. މާސްޓަރ އޮފް ޕޮލިޓިކަލް ސައިންސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސްއަކީ، މި ބޭނުން ފުއްދައިދިނުމުގެ މަޤްޞަދުގައި ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. ގްލޯބަލް ގަވަނަންސް އެންޑް އިންޓަނޭޝަނަލް އޯގަނައިޒޭޝަން، ޑިޕްލޮމަސީ އެންޑް އިންޓަނޭޝަނަލް ނެގޯޝިއޭޝަންސް، ޖިއޯޕޮލިޓިކްސް އެންޑް ސައުތު އޭޝިއާ އަދި ސެކިއުރިޓީ ސްޓަޑީޒް ފަދަ މާއްދާތައް ހިމެނޭ މި ޕްރޮގްރާމް ފުރިހަމަ ކުރެވޭނީ ޑިސަރޓޭޝަން އަކާއެކުއެވެ. ފޮރިން އެފެއާޒް އެންޑް ޑިޕްލޮމަސީ، އިންޓަނޭޝަނަލް އޯގަނައިޒޭޝަންސް އެންޑް އެން.ޖީ.އޯ، ޕޮލިސީ އެނަލިސިސް އެންޑް ކޮންސަލްޓިންގ، އެކަޑަމިއާ، ރިސާރޗް ޖާރނަލިޒަމް އަދި ޕަބްލިކް އެޑްމިނިސްޓްރޭޝަން ފަދަ ދާއިރާތަކުން ކުރިއަށްދިއުމަށް ބޭނުންވާ ދަރިވަރުންނަށް، މި ޕްރޮގްރާމުން މަގުފަހިވެގެންދާނެއެވެ. މި ޕްރޮގްރާމަކީ ވެސް 3 ސެމިސްޓަރއަށް ބަހާލައިގެން އީ-ލާރނިންގ އަދި ފޭސް-ޓު-ފޭސްކޮށް ކިޔެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްތައް ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޑީން އުސްތާޛާ އަސްނާ އަޙްމަދު ވިދާޅުވީ: "އަލަށް ތަޢާރަފުކުރި މި ތިން ޕްރޮގްރާމް ފަރުމާކޮށްފައިވަނީ، ދަރިވަރުންނަށް ޤާނޫނީ ބިންގަލެއް އަޅައިދިނުމުގެ އިތުރުން، ސިޔާސަތާއި ޑިޕްލޮމަސީގެ ރޮނގުން ފުޅާ ދާއިރާއެއްގައި އުނގެނުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް. މިއީ ދިވެހިރާއްޖެ ފަދަ ކުޑަ، އެހެންނަމަވެސް ބައިނަލްއަޤްވާމީ މައިދާނުގައި ހަރަކާތްތެރި ދައުރެއް އަދާކުރާ ޤައުމަކަށް މުހިންމު ދާއިރާތަކެއް."

ވިލާ ކޮލެޖުގެ ވައިސް ރެކްޓަރ ޑރ. ޢަލީ ނަޖީބު ވިދާޅުވީ: "މި ތިން ޕްރޮގްރާމަކީ، ފުޅާ ނަޒަރަކުން ކަންކަމާމެދު ވިސްނުމުގެ ޤާބިލުކަން ލިބިފައިވާ ތަޢުލީމީ ޖީލެއް ބިނާކުރުމަށް ވިލާ ކޮލެޖުން ކުރަމުންދާ މަސައްކަތުގެ ނަމޫނާއެއް. މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ވަޒީފާގެ ބާޒާރުގައި ދަރިވަރުންނަށް ފަހިވާ ފުރުޞަތުތައް އިތުރުވެ، ޤައުމަށް ބޭނުންވާ ފެންވަރު ރަނގަޅު، ޤާބިލު ޕްރޮފެޝަނަލްސް އުފެދިގެންދާނެ."

ބެޗެލަރ ދެ ޕްރޮގްރާމުގައި ބައިވެރިވުމަށް، ޖީ.ސީ.އީ އޭ-ލެވެލް ނުވަތަ އެޗް.އެސް.ސީ އިން 2 މާއްދާއިން ފާސްވެފައިވުން، ނުވަތަ ގުޅޭ ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން، ނުވަތަ ޑިޕްލޮމާ ޕްރޮގްރާމަށް ކަނޑައަޅާފައިވާ ލެވެލް 4 ގެ ފައުންޑޭޝަން ސްޓަޑީ ޕްރޮގްރާމެއް ފުރިހަމަކޮށްފައި ވާން ޖެހެއެވެ. މާސްޓަރ ޕްރޮގްރާމުގައި ބައިވެރިވުމަށް، ގުޅޭ ދާއިރާއަކުން ބެޗެލަރ ޑިގްރީއެއް ނުވަތަ ލެވެލް 8 ގެ ގްރެޖުއޭޓް ޑިޕްލޮމާއެއް ޙާޞިލުކޮށްފައި ވާން ޖެހެއެވެ. މި ޝަރުޠުތައް ފުރިހަމަނުވާ ފަރާތްތަކަށް ވެސް، މަސައްކަތުގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް ކުރިމަތިލެވޭޝަރުޠުތަކެއް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން، ލޯ ޑިގްރީ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުން ކަނޑައަޅާފައިވާ ފެންވަރުގެ އިނގިރޭސި ބަހުގެ ސަނަދެއް އޮންނަންވާނެއެވެ.

މި ތިން ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުޞަތު، 2026 ވަނަ އަހަރުގެ ސެޕްޓެމްބަރ އިންޓޭކަށް، މިހާރު ވަނީ ހުޅުވާލައިފައެވެ. ޝައުޤުވެރިވާ ފަރާތްތަކުން ވިލާ ކޮލެޖުގެ ވެބްސައިޓް www.villacollege.edu.mv އަށް ޒިޔާރަތްކުރެއްވުމުން ނުވަތަ 3303200 ނަންބަރަށް ގުޅުއްވުމުން، އިތުރު މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *