ހަލީމަތު ނަޖްވާ
އިސްލާމީ ތަހުޒީބާއި ޙަޟާރަތުގެ ތާރީޚުގައި އުންމަތުގެ ޢިލްމުވެރިން ބިނާކުރެއްވި އެންމެ އުސް، އެންމެ ފުރިހަމަ އަދި އެންމެ ދާޢިމީ އެއް ބިނާއަކީ ޙަދީޘް ޢިލްމެވެ. ކީރިތި ޤުރްއާނަކީ އިސްލާމްދީނުގެ ފުރަތަމަ އަދި އަސާސީ މަޞްދަރު ކަމުގައިވާއިރު، އެ މާތް ފޮތުގެ އާޔަތްތައް ބަޔާންކޮށް، ތަފްޞީލުކޮށް، އޭގައިވާ އަމުރުފުޅުތަކާއި ނަހީތައް ޢަމަލީ ގޮތުން ދައްކުވައިދިން ދެވަނަ މަޞްދަރަކީ ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ސުންނަތް ނުވަތަ ޙަދީޘެވެ.
ޙަދީޘް ޢިލްމުގެ މައިގަނޑު މަޤްޞަދަކީ ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ އަރިހުން ވާރުތަވެގެން އައިސްފައިވާ އެންމެހައި މައުލޫމާތުތަކާއި، ބަސްފުޅުތަކާއި، ޢަމަލުފުޅުތަކާއި، އިޤްރާރުތައް ވަކިވަކިން ދެނެގަތުމާއި، އެ ތަކެތި ރިވާވި މަގުތައް (ސަނަދު) އަދި އެ ތަކެތީގެ މަތުނު (އަޞްލު ޢިބާރާތް) ޢިލްމީ އިޖުރާއާތުތަކެއްގެ ތެރެއިން ދިރާސާކޮށް ރައްކާތެރިކުރުމެވެ. މި ދިރާސާ މޯޅީގައި އަލިއަޅުވާލެވިފައިވަނީ ޙަދީޘް ޢިލްމުގެ އަސާސީ ތަޢުރީފުތަކަށާއި، ފޮތްތަކުގައިވާ މައިގަނޑު ބައިތަކަށާއި، ޙަދީޘްގެ ތަފާތު ވައްތަރުތަކަށާއި، އަދި އިސްލާމީ ފިޤުހާއި ޝަރީޢަތުގައި އޭގެ މުހިންމުކަމުގެ މައްޗަށެވެ.
-
ޙަދީޘްގެ ތަޢުރީފާއި އޭގެ އިޞްޠިލާޙީ މާނަ
1.1 ލަފުޒީ އަދި އިޞްޠިލާޙީ މާނަ
- ލަފުޒީ މާނަ: "ޙަދީޘް" (الحديث) މި ލަފުޒަކީ ޢަރަބި ބަހުގައި "ޤަދީމު" (ބުރާނަ/ޤަދީމީ) މީގެ އިދިކޮޅެވެ. ބަހުގެ އަޞްލު މާނައިގައި މިއީ "އާކަންތައް"، "ވާހަކަ" ނުވަތަ "ޚަބަރު" މިއިން ކޮންމެ މާނައެއްގައިވެސް ބޭނުންކުރެވޭ ލަފުޒެކެވެ.
- އިޞްޠިލާޙީ މާނަ: ޙަދީޘް ޢިލްމުވެރިންގެ އަރިހުގައި ޙަދީޘަކީ:
"ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ނިސްބަތްކޮށް ރިވާކުރެވިފައިވާ ކޮންމެ ބަސްފުޅެއް، ޢަމަލުފުޅެއް، އިޤްރާރެއް، ނުވަތަ އެކަލޭގެފާނުގެ ޚުލްޤީ ނުވަތަ ޚިލްޤީ ސިފަފުޅެކެވެ."
މީގެ އިތުރުން ބައެއް އިލްމުވެރިން "ޙަދީޘް" މި ލަފުޒުގެ ތެރެއަށް ސަޙާބީންނާއި ތާބިޢީންގެ ބަސްފުޅުތަކާއި ޢަމަލުފުޅުތައްވެސް (މައުޤޫފު އަދި މަޤްޠޫޢު ޙަދީޘްގެ ގޮތުގައި) ހިމަނުއްވައެވެ.

1.2 ޙަދީޘް ޢިލްމުގެ ދެ ގޮފި
ޙަދީޘް ޢިލްމު އަސާސީ ގޮތެއްގައި ބެހިގެންވަނީ ދެ ބަޔަކަށެވެ:
- ޢިލްމު ޙަދީޘް އަލްރިވާޔާ (علم الحديث رواية): މިއީ ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ބަސްފުޅުތަކާއި، ޢަމަލުފުޅުތަކާއި، އިޤްރާރުތަކާއި، ސިފަފުޅުތައް ދުލުން ރިވާކުރުމާއި، އެ ތަކެތި ލިޔެ ރައްކާތެރިކޮށް، ސަފުޙާތަކުގައި ތަޞްނީފުކުރުމާ ގުޅޭ ޢިލްމެވެ.
- ޢިލްމު ޙަދީޘް އަލްދިރާޔާ (علم الحديث دراية / مصطلح الحديث): މިއީ ޙަދީޘް ރިވާކުރި ރާވީންގެ ސިލްސިލާ (ސަނަދު) އާއި ޙަދީޘްގެ އަޞްލު متن (މަތުނު) ޤަބޫލުކުރެވޭނެ ނުވަތަ ރައްދުކުރެވޭނެ މިންގަނޑުތައް ދިރާސާކުރާ ޤަވާއިދުތަކުގެ ޢިލްމެވެ.
-
ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ނިސްބަތްވާ ޙަދީޘްގެ އަސާސީ ބައިތައް
ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ އަރިހުން ރިވާވެގެންވާ ޙަދީޘްތައް އަސާސީ ގޮތެއްގައި ބެހިގެންވަނީ މައިގަނޑު 3 ބަޔަކަށެވެ:
2.1 ޤައުލީ ޙަދީޘް (الحديث القولي)
ތަޢުރީފު: ޤައުލީ ޙަދީޘަކީ ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ އެކަލޭގެފާނުގެ މާތް ދޫފުޅުން ސީދާ ޙަދީޘް ކުރައްވާފައިވާ ބަސްފުޅުތަކެވެ.
ޢިލްމީ ތަފްޞީލު: މި ބައިގައި ހިމެނެނީ މުސްލިމުންގެ ޢަޤީދާއާއި، ޝަރީޢަތުގެ ޙުކުމްތަކާއި، އަޚްލާޤީ އިރުޝާދުތަކާއި، އިޖުތިމާޢީ އަދި އިޤްތިޞާދީ އުޞޫލުތައް ބަޔާންކުރައްވައި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ދެއްވާފައިވާ އިރުޝާދުފުޅުތަކެވެ. ޤައުލީ ޙަދީޘްތަކަކީ ޝަރީޢަތުގެ ޙުކުމްތައް ސީދާ ނެގުމުގައި އެންމެ ބޮޑަށް ބޭނުންކުރެވޭ މައިގަނޑު ދަލީލުތަކެވެ.
ތަފްޞީލީ މިސާލުތައް:
- ނިޔަތުގެ ޙަދީޘް:
ރަސޫލުއްﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ:
"إنَّمَا الأَعْمَالُ بِالنِّيَّاتِ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى…"
(މާނައީ: "ކަންކަން ނިޔަތުގެ މައްޗަށް މެނުވީ ބިނާވެގެންނެއް ނުވެއެވެ. އަދި ކޮންމެ އިންސާނަކަށްމެ އެމީހަކު ނިޔަތް ގަތް ކަމެއް މެނުވީ ނުވެއެވެ.") [ޞަޙީޙު އަލްބުޚާރީ]
- ދީނުގެ ނަޞީޙަތުގެ ޙަދީޘް:
"الدِّينُ النَّصِيحَةُ"
(މާނައީ: "ދީނަކީ ނަޞީޙަތްތެރިވުމެވެ.") [ޞަޙީޙު މުސްލިމް]
2.2 ފިޢުލީ ޙަދީޘް (الحديث الفعلي)
ތަޢުރީފު: ފިޢުލީ ޙަދީޘަކީ ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޢަމަލީ ގޮތުން ކުރެއްވި ކަންކަން ސަޙާބީ ބޭކަލުން ދެކެވަޑައިގެން، އެކަންކަން ފަހުގެ ޖީލުތަކަށް ރިވާކޮށްދެއްވާފައިވާ ރިވާޔަތްތަކެވެ.
ޢިލްމީ ތަފްޞީލު: ކީރިތި ޤުރްއާނުގައި މުޖްމަލުކޮށް (ޖުމްލަ ގޮތެއްގައި) އައިސްފައިވާ އަޅުކަންތަކުގެ ތަފްޞީލީ ޢަމަލީ ސިފަ މުސްލިމުންނަށް އެނގިގެން ދިޔައީ ފިޢުލީ ޙަދީޘްތަކުގެ ޒަރީޢާއިންނެވެ. ޤުރްއާނުގައި "ނަމާދު ޤާއިމުކުރާށޭ" އޮތް ނަމަވެސް، ނަމާދުގެ ރަކުޢަތްތަކާއި، ރުކޫޢާއި ސުޖޫދުކުރާނެ ގޮތް ދަސްވީ ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ފިޢުލީ ޙަދީޘްތަކުންނެވެ.
ތަފްޞީލީ މިސާލުތައް:
- ނަމާދުގެ ޢަމަލީ ސިފަ:
ސަޙާބީން ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ނަމާދުކުރައްވާ ގޮތް ދެކެވަޑައިގެން ރިވާކުރެއްވިއެވެ. އެއަށްފަހު ރަސޫލާ ޙަދީޘް ކުރެއްވިއެވެ:
"صَلُّوا كَمَا رَأَيْتُمُونِي أُصَلِّي"
(މާނައީ: "ތިމަންކަލޭގެފާނު ނަމާދުކުރައްވަނިކޮށް ތިޔަބައިމީހުންނަށް ފެނުނު ފަދައިން ތިޔަބައިމީހުން ނަމާދުކުރާށެވެ.") [ޞަޙީޙު އަލްބުޚާރީ]
- ޙައްޖުގެ مناسك ތައް:
ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙައްޖު ކުރެއްވި ގޮތް ދައްކަވަމުން ޙަދީޘް ކުރެއްވިއެވެ:
"لِتَأْخُذُوا مَنَاسِكُكُمْ"
(މާނައީ: "ތިޔަބައިމީހުންގެ ޙައްޖުގެ އަޅުކަންތައް ތިމަންކަލޭގެފާނުގެ އަރިހުން ލިބިގަންނާށެވެ.") [ޞަޙީޙު މުސްލިމް]
2.3 އިޤްރާރީ ޙަދީޘް (الحديث الإقراري)
ތަޢުރީފު: އިޤްރާރީ ޙަދީޘަކީ ސަޙާބީ ބޭކަލަކު ކުރެއްވި ކަމެއް ނުވަތަ ވިދާޅުވި ބަސްފުޅެއް ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް އެނގިވަޑައިގަތުމުން، އެކަމަކަށް އިންކާރު ނުކުރައްވައި، ހިމޭނުން ހުންނެވުން ނުވަތަ އެކަމަކަށް ތާއީދުކުރައްވައި ހުއްދަ ދެއްވުމެވެ.
ޢިލްމީ ތަފްޞީލު: އިސްލާމީ ޝަރީޢަތުގެ އުޞޫލަކީ، ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ކުރިމަތިފުޅުގައި ނުވަތަ އެކަލޭގެފާނަށް އެނގިވަޑައިގަންނަވާ ގޮތަށް ނުބައި ނުވަތަ ޙަރާމް ކަމެއް ކުރެވޭނަމަ، އެކަމަކަށް އެކަލޭގެފާނު ހިމޭނުން ނުހުންނަވާނެ ކަމެވެ. އެހެންކަމުން، އެކަލޭގެފާނު އިންކާރު ނުކުރައްވައި ހިމޭނުން ހުންނެވުމަކީ (އިޤްރާރުވުމަކީ) އެކަމެއް ދީނީ ގޮތުން ހުއްދަވެގެންވާ ކަމުގެ ޞަރީޙަ ދަލީލެކެވެ.
ތަފްޞީލީ މިސާލު:
- ޟައްބު (صَبّ) މަސް ކެއުން:
ޚާލިދު ابن الوليد رَضِيَ اللهُ عَنْهُ ގެ ސުފުރާމަތީގައި ޟައްބު މަސް ފަރިއްކުޅުއްވި ހިނދު، ރަސޫލުއްﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ އެ މަސް ފަރިއްނުކުޅުއްވިއެވެ. ސަޙާބީން އެއީ ޙަރާމް އެއްޗެއްތޯ ސުވާލުކުރެއްވުމުން، އެއީ ޙަރާމް އެއްޗެއް ނޫންކަމަށާއި، އެއީ އެކަލޭގެފާނު އާދަވެގެން ފަރިއްކުޅުއްވާ އެއްޗަކަށް ނުވާތީ ފަރިއްނުކުޅުއްވަނީ ކަމަށް ޙަދީޘް ކުރެއްވިއެވެ. އަދި ސަޙާބީން އެ ކެއުމުން އެކަމަށް އިންކާރު ނުކުރައްވައި ހިމޭނުން ހުންނެވިއެވެ.
-
ސަނަދުގެ ނިމޭ ހިސާބަށް ބަލައި ޙަދީޘް ބެހޭ ބައިތައް
ޙަދީޘް ރިވާވަމުން އައިސް، އެ ޙަދީޘެއްގެ ސަނަދު ނިމޭ ފަރާތަށް ބަލައި (މަތުނު ނިސްބަތްވާ ފަރާތަށް ބަލައި)، ޙަދީޘް ޢިލްމުވެރިން ވަނީ ޙަދީޘް މައިގަނޑު 4 ބަޔަކަށް ބައްސަވާފައެވެ:

1 ޙަދީޘް ޤުދްސީ
މިއީ މާނަ މާތްﷲ ގެ އަރިހުން އައިސް، ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ އެކަލޭގެފާނުގެ އަމިއްލަފުޅު ޢިބާރާތުން ރިވާކުރައްވާފައިވާ ޙަދީޘްތަކެވެ.
މިސާލު: "قال الله تعالى: يَا عِبَادِي إِنِّي حَرَّمْتُ الظُّلْمَ عَلَى نَفْسِي" (މާނައީ: މާތްﷲ ވަޙީކުރެއްވިއެވެ: "އޭ ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިމަންރަސްކަލާނގެ އަމިއްލަ ޒާތުފުޅުގެ މައްޗަށް އަނިޔާވެރިވުން ޙަރާމްކުރެއްވީމެވެ") [ޞަޙީޙު މުސްލިމް].
3.2 ޙަދީޘް މަރްފޫޢު
ސަނަދު ސީދާ ރަސޫލުއްﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ އާއި ހަމައަށް ފޯރާފައިވާ ކޮންމެ ޙަދީޘެކެވެ. އެއީ ޤައުލީ، ފިޢުލީ ނުވަތަ އިޤްރާރީ ޙަދީޘެއް ކަމުގައިވީ ނަމަވެސްމެއެވެ.
3.3 ޙަދީޘް މައުޤޫފު
މިއީ ސަޙާބީ ބޭކަލަކަށް ސަނަދު ހުއްޓި، އެ ސަޙާބީއެއްގެ ބަސްފުޅެއް ނުވަތަ ޢަމަލުފުޅެއްގެ ގޮތުގައި ރިވާވެފައިވާ ޙަދީޘެވެ. ސަޙާބީ ބޭކަލަކު އަމިއްލަ އުފެއްދުންތެރިކަމުން/އިޖުތިހާދުން ވިދާޅުނުވެވޭފަދަ ޣައިބިއްޔާތުގެ ކަމެއް ވިދާޅުވެއްޖެނަމަ، އެއަށް "މައުޤޫފު ލަފްޡަން، މަރްފޫޢު ޙުކްމަން" (ލަފުޒުން މައުޤޫފު، ޙުކުމުގެ ގޮތުން މަރްފޫޢު) އޭ ކިޔެއެވެ.
3.4 ޙަދީޘް މަޤްޠޫޢު
މިއީ ތާބިޢީ ބޭކަލަކަށް ނުވަތަ ތާބިޢީ ބޭކަލުންގެ ފަހުން އުޅުއްވި ބޭކަލަކަށް ސަނަދު ނިމި، އެބޭކަލެއްގެ ބަސްފުޅެއް ނުވަތަ ޢަމަލުފުޅެއްގެ ގޮތުގައި އައިސްފައިވާ ރިވާޔަތެވެ. މިއީ ޝަރީޢަތުގައި މުސްތަޤިއްލު ދަލީލެއް (ޙުއްޖަތެއް) ނޫނެވެ.
.4 ޙަދީޘް ޤަބޫލުކުރުމާއި ރައްދުކުރުމަށް ބަލައި ބެހޭ ބައިތައް (الصحة والضعف)
ޙަދީޘް ޢިލްމުވެރިން ވަނީ ރާވީންގެ ޢަދާލަތުކަމާއި (ތަޤުވާވެރިކަން)، ޟަބްޠުކަމާއި (ހަނދާންގަދަކަން)، އަދި ސަނަދު ގުޅިފައިވާ މިންވަރަށް ބަލައި ޙަދީޘްތައް ތިން މައިގަނޑު ބަޔަކަށް ބައްސަވާފައެވެ:
4.1 ޞަޙީޙު ޙަދީޘް (الحديث الصحيح)
ޞަޙީޙު ޙަދީޘަކީ ޝަރީޢަތުގައި ސާބިތުވެ، އެއަށް ޢަމަލުކުރުން ވާޖިބުވާ އެންމެ މަތީ ދަރަޖައިގެ ޙަދީޘެވެ. ޙަދީޘެއް ޞަޙީޙުވުމަށްޓަކައި 5 ޝަރުޠެއް ފުރިހަމަވާންޖެހެއެވެ:
- އިއްތިޞާލުއް ސަނަދު (اتصال السند): ސަނަދުގެ ކޮންމެ ރާވީއަކުވެސް އެމީހެއްގެ ކުރީގެ ރާވީގެ އަރިހުން ސީދާ އަޑުއަހައިގެން ރިވާކުރުން.
- ޢަދާލަތުކަން (عدالة الرواة): ސަނަދުގެ އެންމެހައި ރާވީންނަކީ މުސްލިމުން ކަމުގައިވުމާއި، ތަޤުވާވެރި، ބޮޑެތި ފާފަތަކުން ދުރުހެލިވި ޢަދުލުވެރިން ކަމުގައިވުން.
- ތައްމުޟް ޟަބްޠު (تمام الضبط): ރާވީންގެ ހަނދާންގަދަކަމާއި ފޮތްތައް ރައްކާތެރިކުރުމުގެ ޤާބިލުކަން އެންމެ މަތީ ދަރަޖައަށް ހުރުން.
- ޢަދަމުޝް ޝުޛޫޛު (عدم الشذوذ): އެ ރާވީއަށްވުރެ އިތުބާރު ބޮޑު އެހެން ރާވީއެއްގެ ރިވާޔަތަކާ ޚިލާފުނުވުން.
- ޢަދަމުލް ޢިއްލާ (عدم العلة القادحة): ޙަދީޘްގެ ޞަޙީޙުކަމަށް ބުރޫއަރާފަދަ ފޮރުވިފައިވާ ޢައިބެއް ނުވަތަ މައްސަލައެއް ނެތުން.
4.2 ޙަސަން ޙަދީޘް (الحديث الحسن)
ޙަސަން ޙަދީޘަކީ ޞަޙީޙު ޙަދީޘްގެ ސިފަތައް ފުރިހަމަވާ، ނަމަވެސް ރާވީންގެ ހަނދާންގަދަކަން (ޟަބްޠުކަން) ޞަޙީޙު ޙަދީޘްގެ ރާވީންނަށްވުރެ ކުޑަކޮށް ދަށް ދަރަޖައެއްގައިވާ ޙަދީޘެވެ. މިއީވެސް ޝަރީޢަތުގައި ޙުއްޖަތެއްގެ ގޮތުގައި ބޭނުންކުރެވޭ، ޢަމަލުކުރުން ހުއްދަ ޙަދީޘެކެވެ.
3.4 ޟަޢީފު ޙަދީޘް (الحديث الضعيف)
ޞަޙީޙު ނުވަތަ ޙަސަން ޙަދީޘްގެ ޝަރުޠުތަކުގެ ތެރެއިން ޝަރުޠެއް ނުވަތަ އެއަށްވުރެ ގިނަ ޝަރުޠުތަކެއް އުނިވެފައިވާ ކޮންމެ ޙަދީޘަކީ ޟަޢީފު (ނިކަމެތި/ބަލިކަށި) ޙަދީޘެކެވެ. ޟަޢީފު ޙަދީޘްތައް އިސްލާމީ ޢަޤީދާއާއި ޝަރީޢަތުގެ ޙުކުމްތައް ސާބިތުކުރުމުގައި ދަލީލެއްގެ ގޮތުގައި ބޭނުންނުކުރެވެއެވެ. (މީގެ ތެރެއިން އެންމެ ނުބައި ބަޔަކީ ރަސޫލާއަށް ނިސްބަތްކޮށް ހަދައިގެން އުޅޭ "މައުޟޫޢު" ނުވަތަ ދޮގު ޙަދީޘްތަކެވެ).
-
އިސްލާމީ ޝަރީޢަތާއި ފިޤުހުގައި ޙަދީޘްގެ މުހިންމުކަން
އިސްލާމީ ޝަރީޢަތުގައި ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ސުންނަތާއި ޙަދީޘްތަކަށް ވަނީ އަސާސީ އަދި މަޖުބޫރީ މަޤާމެއް ދެވިފައެވެ.
- ކީރިތި ޤުރްއާން ބަޔާންކޮށްދިނުން:
މާތްﷲ ވަނީ ކީރިތި ޤުރްއާން އުންމަތަށް ބަޔާންކޮށްދެއްވުމުގެ މަސްއޫލިއްޔަތު ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޙަވާލުކުރައްވާފައެވެ.
މާތްﷲ ވަޙީކުރެއްވިއެވެ:
﴿وَأَنزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ﴾ (سورة النحل: 44)
މާނައީ: ("އަދި މީސްތަކުންނަށް އައިސްފައިވާ ކަންކަން އެބައިމީހުންނަށް ބަޔާންކޮށްދެއްވުމަށްޓަކައި ތިމަންރަސްކަލާނގެ ކަލޭގެފާނަށް ކީރިތި ޤުރްއާން ބާވައިލެއްވީމެވެ.")
- ޢާމް ޙުކުމްތައް ޚާއްޞަކުރުމާއި މުޖްމަލު ކަންކަން ތަފްޞީލުކުރުން:
ޤުރްއާނުގައިވާ ޢާމް އާޔަތްތަކުގެ ތެރެއިން އިސްތިސްނާވާ ކަންކަން ބަޔާންކޮށްދެނީ ޙަދީޘުންނެވެ. މިސާލަކަށް: ޤުރްއާނުގައި މައްޔިތުންގެ ތަކެތި ކެއުން ޙަރާމްކުރައްވާފައިވީ ނަމަވެސް، ޙަދީޘުން ވަނީ ކަނޑުމަހާއި ގޮބޮޅި (މަކުނު) އިސްތިސްނާކޮށް ހުއްދަކުރައްވާފައެވެ.

- ޤުރްއާނުގައި ނެތް އައު ޙުކުމްތައް ޝަރީޢަތަށް އިތުރުކުރުން:
ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ޙަދީޘްތަކުން ޤުރްއާނުގައި ޞަރީޙަކޮށް ނެތް ބައެއް އިސްލާމީ ޙުކުމްތައް ކަނޑައެޅުނެވެ. މިސާލަކަށް: ފިރިހެނުންނަށް ރަނާއި ފަށުވި ޙަރާމްކުރެއްވުމާއި، ދައްތައާއި އެމީހެއްގެ މައިފުށު/ބަފާފުށު ދައްތައާ ދެމީހުން އެކީގައި އެކަކު ކައިވެނިކޮށްގެން އުޅުން މަނާކުރެއްވުން ފަދަ ޙުކުމްތަކެވެ.
6 . ޙަދީޘް ރައްކާތެރިކުރުމުގެ ތާރީޚީ މަރުޙަލާތަކާއި ފޮތްތައް
ޙަދީޘް ޢިލްމު ތަރައްޤީވެ، މިއަދާ ހަމައަށް ފޯރުމުގައި ތާރީޚީ މުހިންމު މަރުޙަލާތަކެއް ކަނޑައްތުކޮށްފައިވެއެވެ:
- ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ދުވަސްވަރު:
އެންމެ ފުރަތަމަ ޙަދީޘްތައް ރައްކާތެރިކުރެވުނީ ސަޙާބީންގެ ހިތްޕުޅުތަކުގައި ދަސްކުރައްވައިގެންނެވެ. ނަމަވެސް ޢަބްދުﷲ ابن عَمْرِو ابن العَاص رَضِيَ اللهُ عَنْهُ ފަދަ ބައެއް ސަޙާބީން "الصَّحِيفَةُ الصَّادِقَةُ" ފަދަ ސަޙީފާތަކުގައި ޙަދީޘް ލިޔުއްވިއެވެ.
-
ތާބިޢީންގެ ދުވަސްވަރު:
ޢުމަރު ابن ޢަބްދިލްޢަޒީޒްގެ ޚިލާފަތުގައި، ޙަދީޘްތައް އެއްކޮށް ލިޔުމުގެ ރަސްމީ އަމުރުފުޅު ނެރުއްވިއެވެ. އިމާމު އިބްނު ޝިހާބު އަލްޒުހުރީ ފަދަ ބޭކަލުން ޙަދީޘްތައް އެއްކުރައްވަން ފެއްޓެވިއެވެ.
- ރަންޒަމާން (ތަޞްނީފުކުރުމުގެ ޒަމާން):
ހިޖުރައިން 2 ވަނަ އަދި 3 ވަނަ ޤަރުނަކީ ޙަދީޘް ޢިލްމުގެ ރަންޒަމާނެވެ. މި ދުވަސްވަރު މަޝްހޫރު ޙަދީޘް ފޮތްތައް އެކުލަވާލެވުނެވެ:
-
- المُوَطَّأ: އިމާމު މާލިކު ابن أَنَس.
- صَحِيحُ البُخَارِي: އިމާމު މުޙައްމަދު ابن إِسْمَاعِيل البُخَارِي.
- صَحِيحُ مُسْلِم: އިމާމު مُسْلِم ابن الحَجَّاج.
- ސުނަންގެ ފޮތްތައް: އަބޫ ދާވޫދު، ތިރުމިޛީ، ނަސާއީ، އަދި އިބްނު މާޖާ.
ޙަދީޘް ޢިލްމަކީ އިސްލާމީ އުންމަތުގެ ޢިލްމީ ޙަޟާރަތުގެ އެންމެ ބޮޑު އެއް ފަޚުރެވެ. ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ސުންނަތް، އޭގެ އެންމެ ޞަޙީޙު ގޮތުގައި ރައްކާތެރިކުރުމަށްޓަކައި މުސްލިމް ޢިލްމުވެރިން ޤާއިމުކުރެއްވި ސަނަދުގެ އުޞޫލުތަކާއި، ރާވީން ދިރާސާކުރުމުގެ ޢިލްމީ މިންގަނޑުތަކަކީ ދުނިޔޭގެ ތާރީޚުގައިވެސް އެފަދަ ދެވަނައެއް ނެތް އިލްމީ ނިޒާމެކެވެ.
ޙަދީޘްގެ ތަފާތު ބައިތައް ކަމުގައިވާ ޤައުލީ، ފިޢުލީ، އަދި އިޤްރާރީ ޙަދީޘްތައް އެނގި ދެނެގަތުމަކީ ކޮންމެ މުސްލިމަކަށްވެސް ކީރިތި ޤުރްއާނާއި އިސްލާމީ ފިޤުހު ފުރިހަމައަށް އޮޅުންފިލުވައިގަތުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެކެވެ. ސުންނަތުގައި ސާބިތުކަމާއެކު ހިފަހައްޓައިގެން މެނުވީ އިސްލާމްދީނުގެ ޙަޤީޤީ ހިދާޔަތާއި ސީދާ މަގުގައި ތިބުމަކީ ނުކުރެވޭނެ ކަމެކެވެ.
ނޯޓް: މިއީ މުދައްރިސުންނަށް ކިޔަވައިދިނުމަށާއި ދަރިވަރުންގެ އުނގެނުމަށް އިތުރު އެހީއެއް! ގެނެސް ދިނުމުގެ މަޤްޞަދުގައި، ގްރޭޑް 9ގެ އިސްލާމް ފޮތުގައި ހިމެނޭ މުހިންމު މައުޟޫޢަކަށް އަލިއަޅުވާލައި، ދަރިވަރުންނަށް އިތުރު މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަޤްޞަދުގައި އަޅުގަނޑު ތައްޔާރުކުރި ލިޔުމެކެވެ. މިއީ ކްލާސްރޫމުގައި ކިޔަވައިދެއްވާ މުދައްރިސުންނަށް ފިލާވަޅު ފުރިހަމަކުރުމަށާއި، ދަރިވަރުން އަމިއްލައަށް ކިޔަވައި ފިލާވަޅު ދަސްކުރުމަށްވެސް ވަރަށް ބޭނުންތެރި ލިޔުމަކަށް ވެގެންދާނެއެވެ.
advertisment
ހިޔާލު