ވިލާ ކޮލެޖުގެ ސްކޫލް އޮފް ހޮސްޕިޓަލިޓީ، ޓޫރިޒަމް އެންޑް އެކްސްޕީރިއެންޝަލް އިންޑަސްޓްރީޒުން، އައު ޕޯސްޓްގްރެޖުއޭޓް ޕްރޮގްރާމެއް ކަމުގައިވާ މާސްޓަރ އޮފް އިންޓަނޭޝަނަލް ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ މެނޭޖްމަންޓް ތަޢާރަފުކޮށްފިއެވެ.
ފަތުރުވެރިކަމާއި ހޮސްޕިޓަލިޓީ ދާއިރާގައި ލީޑަރޝިޕާއި ސްޓްރެޓީޖިކް ވިސްނުން ތަރައްޤީކޮށްދިނުމަށް ފަރުމާކޮށްފައިވާ މި ޕްރޮގްރާމުގައި، ތިއަރީއާއި ޢަމަލީ ދާއިރާގެ ތަޖުރިބާ ގުޅުވައިލައިގެން، ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ފަތުރުވެރިކަމުގެ ދާއިރާގެ އިސް މަޤާމުތަކަށް ދަރިވަރުން ތައްޔާރުކޮށްދެއެވެ.
ދިވެހިރާއްޖެ އާއި އޭޝިއާ ޕެސިފިކް ސަރަޙައްދު ފަދަ ހަލުވިކަމާއެކު ފަތުރުވެރިކަން ތަރައްޤީވަމުންދާ ސަރަޙައްދުތަކުގައި ފަންނީ ބޭފުޅުންނަށް އޮތް ބޮޑު ޑިމާންޑަށް އިޖާބަދިނުމުގެ ގޮތުން ބައްޓަންކޮށްފައިވާ މި ޕްރޮގްރާމުން، ވާދަވެރި ވިޔަފާރީގެ މާޙައުލެއްގައި ފަތުރުވެރިކަމާއި ހޮސްޕިޓަލިޓީ ދާއިރާގެ ހަރަކާތްތައް ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ސްޓްރެޓީޖިކް، އޮޕަރޭޝަނަލް އަދި އިނޮވޭޓިވް ހުނަރުތައް ދަރިވަރުންނަށް ލިއްބައިދޭނެއެވެ.
ޕްރޮގްރާމުގެ މަޤްޞަދުތައް
މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، ފަތުރުވެރިކަމާއި ހޮސްޕިޓަލިޓީ ދާއިރާގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް ބޭނުންވާ ސްޓްރެޓީޖިކް ލީޑަރޝިޕް ހުނަރު ދަރިވަރުންނަށް ދަސްކޮށްދިނުމާއި، ދާއިރާ ކުރިއެރުވުމަށް އިނޮވޭޝަނާއި އެންޓަރޕްރެނަރޝިޕަށް ބާރުއެޅުމާއި، ފަތުރުވެރިކަމުގެ އޮޕަރޭޝަންތައް ދެމެހެއްޓެނި ގޮތެއްގައި ކުރިއަށް ގެންދިއުން ހިމެނެއެވެ. މީގެ އިތުރުން، ވާދަވެރި ދާއިރާއެއްގައި ކުރިއަރައިދިއުމަށް ބޭނުންވާ ގްލޯބަލް މާކެޓިންގއާއި ޑިޖިޓަލް ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދީ، ދިރާސާއާއި އެނަލިޓިކްސް މެދުވެރިކޮށް ހެއްކަށް ބިނާކޮށް ނިންމުންތައް ނިންމުމުގެ ޤާބިލުކަން ދަރިވަރުންގެ ކިބައިގައި އަށަގަންނުވައިދިނުމަކީ ވެސް މި ޕްރޮގްރާމުގެ އަމާޒެކެވެ.
ޕްރޮގްރާމުގެ އޮނިގަނޑު
މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ތިން ސެމިސްޓަރއަށް ބަހާލައިގެންނެވެ. ފުރަތަމަ ސެމިސްޓަރުގައި ހިމެނެނީ ކްރިއޭޓިވިޓީ، އިނޮވޭޝަން އެންޑް އެންޓަރޕްރެނަރޝިޕް، ކަސްޓަމަރ އެކްސްޕީރިއަންސް މެނޭޖްމަންޓް، ސަސްޓެއިނަބިލިޓީ އެންޑް ރެސިލިއަންސް އިން ޓޫރިޒަމް އޮޕަރޭޝަންސް، އަދި ސްޓްރެޓެޖީ އެންޑް ލީޑަރޝިޕް، މި ހަތަރު މޮޑިއުލެވެ.
ދެވަނަ ސެމިސްޓަރުގައި، ޑިޖިޓަލް ޓްރާންސްފޯމޭޝަން އެންޑް ހޮސްޕިޓަލިޓީ ޑޭޓާ އެނަލިޓިކްސް، ހޮސްޕިޓަލިޓީ ފައިނޭންޝަލް ޕްލޭނިންގ އެންޑް ސިމިއުލޭޝަން، އަދި ބިޒްނަސް ރިސާރޗް މެތަޑްސް، މި ތިން މޮޑިއުލްގެ އިތުރުން، ޕްރޮޖެކްޓް މެނޭޖްމަންޓް، ގްލޯބަލް މާކެޓިންގ އެންޑް ބްރޭންޑް ސްޓްރެޓެޖީ، ހޮސްޕިޓަލިޓީ ލޯ އެންޑް ޕޮލިސީ، އަދި ކަލްޗަރަލް ޓޫރިޒަމް، މި ހަތަރު އިލެކްޓިވް މޮޑިއުލްގެ ތެރެއިން އެއް މޮޑިއުލް ދަރިވަރުން ފުރިހަމަކުރަންޖެހޭނެއެވެ.
ފަހު ސެމިސްޓަރުގައި، އެކްޝަން ރިސާރޗް ޕޭޕަރ، އެގްޒެކެޓިވް ޕްރޮޖެކްޓް، އަދި ކޭސް ސްޓަޑީ ރިސާރޗް ޕޭޕަރ، މި ތިން މޮޑިއުލްގެ ތެރެއިން ދަރިވަރުން ބޭނުންވާ މޮޑިއުލެއް ޚިޔާރުކުރެވޭނެއެވެ. މި ޕްރޮގްރާމުގެ މޮޑިއުލްތައް ކިޔަވައިދެނީ އީ-ލާރނިންގ އަދި ފޭސް-ޓު-ފޭސް، މި ދެ ގޮތުންނެވެ.
ޕްރޮގްރާމުން ޙާޞިލުވާ ހުނަރުތައް
މި ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނަށް، ފަތުރުވެރިކަމާއި ހޮސްޕިޓަލިޓީ މެނޭޖްމަންޓުގެ ތިއަރީތަކާއި ފްރޭމްވަރކްތައް ބޭނުންކޮށްގެން، ބަދަލުވަމުންދާ މާޙައުލަކާ ގުޅޭގޮތުން ސިޔާސަތުތަކާއި ސްޓްރެޓެޖީތައް ވަޒަންކުރުމުގެ ޤާބިލުކަން ލިބިގެންދާނެއެވެ. ކޮލިޓޭޓިވް އަދި ކުއަންޓިޓޭޓިވް ޑޭޓާ ތަޙުލީލުކޮށްގެން ސްޓްރެޓީޖިކް ނިންމުންތައް ނިންމުމާއި، ކަސްޓަމަރުންގެ ތަޖުރިބާއާއި އޮޕަރޭޝަނަލް އެފިޝަންސީ އިތުރުކުރުމަށް އީޖާދީ ޙައްލުތައް ހޯދުމުގެ ހުނަރު ވެސް ދަރިވަރުންނަށް ލިބިގެންދާނެއެވެ. ބިޒްނަސް ސިމިއުލޭޝަންތަކާއި ލިޔުމުން ތައްޔާރުކުރާ ރިޕޯޓް ފަދަ ވަސީލަތްތައް މެދުވެރިކޮށް ސްޓްރެޓީޖިކް ވިސްނުންތައް ފުރިހަމައަށް ހާމަކޮށްދިނުމުގެ ހުނަރާއި، ދާއިރާގެ ޤާނޫނީ އަދި އެތިކަލް ގޮންޖެހުންތަކާ ކުރިމަތިލުމުގެ ހުނަރުގެ އިތުރުން، ޓީމެއްގައި މަސައްކަތްކުރުމުގައި އަމިއްލަ ފެންވަރު ވަޒަންކުރުމުގެ ޤާބިލުކަން ވެސް މި ޕްރޮގްރާމުން ދަރިވަރުންނަށް ލިބިގެންދާނެއެވެ.
ޕްރޮގްރާމަށް ވަނުމުގެ ޝަރުޠުތައް
މި ޕްރޮގްރާމަށް ވަނުމަށް، ގުޅުންހުރި ދާއިރާއަކުން ބެޗެލަރ ޑިގްރީއެއް ނުވަތަ ލެވެލް 8 ގެ ގްރެޖުއޭޓް ޑިޕްލޮމާއެއް ޙާޞިލުކޮށްފައި އޮންނަންވާނެއެވެ. މި ޝަރުޠު ފުރިހަމަނުވާ ފަރާތްތަކަށް ވެސް، އޯލްޓަނޭޓިވް އެންޓްރީގެ އުޞޫލުން ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވާލައިފައެވެ. އެގޮތުން، ޢުމުރުން 25 އަހަރު ފުރިފައިވުމާއެކު، ގުޅުންހުރި ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް އަދި 7 އަހަރުގެ ތަޖުރިބާ (ސަނަދު ޙާޞިލުކުރުމަށްފަހު 3.5 އަހަރުގެ ތަޖުރިބާ ހިމެނޭ ގޮތަށް) ލިބިފައިވާ ފަރާތްތަކަށާއި، ނުވަތަ ޢުމުރުން 25 އަހަރު ފުރިފައިވުމާއެކު، ގުޅުންހުރި ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް އަދި 6 އަހަރުގެ ތަޖުރިބާ (ސަނަދު ޙާޞިލުކުރުމަށްފަހު 3 އަހަރުގެ ތަޖުރިބާ ހިމެނޭ ގޮތަށް) ލިބިފައިވާ ފަރާތްތަކަށް، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިއު.އޭ) ފާސްކޮށްފައިވާ ޕްރީ-މާސްޓަރސް ޕްރޮގްރާމެއް ފުރިހަމަކުރެއްވުމަށްފަހު، މި ޕްރޮގްރާމަށް ކުރިމަތިލެއްވިދާނެއެވެ.
މި ޕްރޮގްރާމް ތަޢާރަފުކުރުމާއި ގުޅިގެން ވާހަކަދައްކަވަމުން، ވިލާ ކޮލެޖުގެ ވައިސް ރެކްޓަރ ޑރ. ޢަލީ ނަޖީބު ވިދާޅުވީ:
"ފަތުރުވެރިކަމަކީ ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބު. މި ދާއިރާއަށް ބޭނުންވާ ލީޑަރޝިޕާއި ސްޓްރެޓީޖިކް ވިސްނުން ލިބިފައިވާ ޤާބިލު ފަންނުވެރިން ބިނާކުރުމަކީ ވިލާ ކޮލެޖުގެ ޒިންމާއެއް ކަމުގައި ދެކެން. މާސްޓަރ އޮފް އިންޓަނޭޝަނަލް ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ މެނޭޖްމަންޓް ޕްރޮގްރާމަކީ، ދާއިރާގައި މިހާރު މަސައްކަތްކުރައްވާ ބޭފުޅުންނަށާއި، ސީނިއަރ މަޤާމުތަކަށް ވަޑައިގަތުމަށް އަމާޒުހިފާފައިވާ ބޭފުޅުންނަށް، ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމެއް ރާއްޖޭގައި ތިއްބަވައިގެން ޙާޞިލުކުރެއްވުމުގެ ފުރުޞަތެއް"
ސްކޫލް އޮފް ހޮސްޕިޓަލިޓީ، ޓޫރިޒަމް އެންޑް އެކްސްޕީރިއެންޝަލް އިންޑަސްޓްރީޒްގެ އެސިސްޓެންޓް ޕްރޮފެސަރ ޑރ. މުޙައްމަދު ޢުޒައިން ވިދާޅުވީ:
"މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ، ފަތުރުވެރިކަމާއި ހޮސްޕިޓަލިޓީ ދާއިރާގައި ހަލުވިކަމާއެކު ބަދަލުވަމުންދާ ވިޔަފާރީގެ މާޙައުލާ ފައިހަމަކުރެވޭ ފެންވަރުގެ ދަރިވަރުން ބިނާކުރުމަށް. ތިއަރީއާއި ޢަމަލީ ތަޖުރިބާ ގުޅުވައިލައިގެން ކުރިއަށްދާ މި ކަރިކިއުލަމުގައި، ޑިޖިޓަލް ޓްރާންސްފޯމޭޝަނާއި ޑޭޓާ އެނަލިޓިކްސްގެ އިތުރުން ސަސްޓެއިނަބިލިޓީއަށް ޚާއްޞަ ސަމާލުކަމެއް ދީފައިވާނެ."
ސެޕްޓެންބަރު 2026 އިންޓޭކުގައި މި ޕްރޮގްރާމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ވިލާ ކޮލެޖުން މިހާރު ވަނީ ހުޅުވާލައިފައެވެ. ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ވިލާ ކޮލެޖުގެ ވެބްސައިޓް www.villacollege.edu.mv މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ.
advertisment
ހިޔާލު