މިއަދަކީ މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯ (އެމް.އެން.ސީ.ސީ)ގެ 31 ވަނަ އަހަރީ ދުވަހެވެ.
އަހަރީ ދުވަހުގެ ތަހުނިޔާ ކެޑޭޓް ކޯ ފަރާތުން އެންމެހައި ބޭފުޅުންނަށް އިޚްލާޞްތެރި ހެޔޮއެދުންތައް އަރިސްކޮށްފައެވެ.
ކެޑޭޓު ހަރަކާތް ރާއްޖޭގައި ފެށުނީ 19މާރިޗް 1945 ގައި މަދަރަސަރަސަރުލް ސަނިއްޔާގައި ޚާއްޞަ ޕާޓީ އުފެއްދުމާ ހިސާބުންނެވެ. އޭގެ ފަހުން 1961 ވަނަ އަހަރު މަޖިދިއްޔާ ސްކޫލުގައި ދަ މޫވްމަންޓްގެ ނަމުގައި ކެޑޭޓް ހަރަކާތަށް އާ ދިރުމެއް އައިސް 25 އޮގަސްޓް 1963ގައި މަޖީދިއްޔާގައި ކެޑޭޓް ކޯ އުފެއްދިއެވެ.
މާލޭގެ ބޮޑެތި ސްކޫލުތަކުގައި ކުރިއަށް ދިޔަ އެ ހަރަކާތް އަތޮޅުތެރެއަށް ފުޅާވަމުންދިއުމާއެކު 25 ޖުލައި 1995ގައި ސަރުކާރުން ނެރުނު ސާކިއުލާއެއްގެ ދަށުން މޯލްޑިވްސް ނެޝަނަލް ކެޑޭޓް ކޯ އުފެއްދިއެވެ.
އަހަރީ ދުވަހުގެ މުނާޞަބަޔުގައި ނެޝަނަލް ކެޑޭޓް ކޯގެ ކޮމާންޑިންގ އޮފިސަރު ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ އިބްރާހިމް ދެއްވި ހިޠާބުގައި ވިދާޅުވީ،
ކެޑޭޓް ކޯގެ މަޤްޞަދަކީ ކުދިންނަށް ހަމައެކަނި ފައިހަމަކޮށް ހިންގޭ ޕްރޭޑް ހަރަކާތެއް ހިންގުމެއްނޫން ކަމަށެވެ. އެއީ އިސްލާމީ އަޤީދާއަށް ސާބިތުވެތިބެ ދިވެހި ޤައުމަށް ލޯބިކުރާ ރިވެތި އަޚްލާޤުގެ ސިފަތަކެއް ލިބިފައިވާ ޒުވާނުންތަކެއްބިނާކުރުމާއި ޤައުމަށް ދިމާވާ ކާރިސާތަކާއި ބޮޑެތި ކަންކަމުގައި ޤައުމީ އިދާރާތަކަށް އެހީތެރިވާނެ ދަތިއުނދަގޫ ހާލަތުގައި ކުރިމަތިލާނެ ކެތްތެރިކަމާއި އަމިއްލަ ނަފުސަށް އިތުބާރު ކުރާ ޒުވާނުން އުފެއްދުމުގެ ހަރަކާތެއް ކަމަށެވެ.
މަދަރުސީ ދައުރުގައި ކެޑޭޓުންގެ ގޮތުގައި މަސައްކަތް ކުރި އެތަކެއް ދަރިވަރުން މިއަދު ދަނީ ގައުމަށް ޚިދުމަތް ކޮށްދެމުން ގެންދަވާކަން ފާހަގަކުރައްވައި، ކޮމާންޑިންގ އޮފިސަރު އަބްދުﷲ ވިދާޅުވީ، އެއީ މި ހަރަކާތުގެ ހަރުދަނާކަމާއި މުހިންމުކަން ހާމަކޮށްދޭ އަލިގަދަ ހެކިތަކެއް ކަމަށެވެ.
ކެޑޭޓުންނަކީ ރޭވުންތެރިކަމާއެކު ކަންކަމާ ކުރިމަތިލައި އެންމެންނާ ގުޅިގެން މަސައްކަތްކުރާ ނަމޫނާ ޒުވާނުންގެ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ ކެޑޭޓްކޯގެ މުހިންމު އަމާޒެއް ކަމަށާއި ހުރިހާ ކެޑޭޓުންނަކީ މި އަމާޒަށް މަސައްކަތް ކުރާ ބައެކަމަށް ވުމަކީ އުއްމީދެއް ކަމަށެވެ.
މިއަދު މުޅި ރާއްޖޭގެ އެކި ސްކޫލްތަކުގައި 5000 ދަރިވަރުން ކެޑޭޓް ހަރަކާތާ ގުޅިފައިވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ،
1998 ވަނަ އަހަރުން ފެށިގެން ނެޝަނަލް ޑިފެންސް ފޯސް ގުޅިގެން ނެޝަނަލް ކެޑޭޓް ކޭމްޕް ދަނީ ބާއްވަމުން ކަމަށާއި އެއީ ކެޑޭޓުންގެ އެންމެ ބޮޑު އެއް ހަރަކާތްކަމަށެވެ. އަދި އެހެންމެ އިންޓަރނޭޝަނަލް ކެޑޭޓް އެކްސްޗޭންޓް ޕްރޮގްރާމުގެ ތެރެއިން އަވަށްޓެރި ޤައުމަތަކާ ގުޅިގެން މައުލޫމާތާއި ތަޖުރިބާ ބަދަލުކުރުމުގެ ފުރުޞަތު ދިވެހި ކެޑޭޓުންނަށް މިއަދު ލިބެމުންދާކަން ވެސް ކޮމާންޑިންގ އޮފިސަރު ފާހަގަކުރެއްވިއެވެ.
"ކޭޑޭޓުން އަޅާ ޔުނީފޯމަކީ ހަމައެކަނި ލާ ހެނދުމެއް ނޫން. އަޅާ ޔުނޯފޯމަކީ ޒިންމާއާ ލިޑަރޝޕާއި ޤައުމަށް ޚިދުމަތް ކުރުމުގެ ރޫހުގެ ނިޝާނެއް. ކެޑޭޓް ކޯގެ އަސާސްތަކާއި ޑިސިޕްލިން ދަމަހައްޓައި ޤައުމަށާ ދީނަށް ލޯބިކުރާ، ޒިންމާދާރުކަމާއި ކެތްތެރި ނަމޫނާ މިސާލުން ކުރިއަށްދާ ޒުވާނަކަށް ވުމަށް މަސައްކަތްކުރޭ" ރާއްޖޭގެ ހުރިހާ ކެޑޭޓުންނަށް ނަސޭހަތެއްގެ ގޮތުގައި ކޮމާންޑިންގ އޮފިސަރު ވިދާޅުވިއެވެ.
ނެޝަނަލް ކެޑޭޓް ކޯގެ ބައިވެރިވުމާއެކު ޤައުމީ ފެންވަރުގައި ބާއްވާ ޚާއްޞަ ދުވަސްތަކުގައި ޕެރޭޑް އަންނަނީ ބާއްވަމުންނެވެ. މި އަހަރުގެ މިނިވަން ދުވަހުގެ މުނާޞަބަތުގައި ބާއްވާ ޕެރޭޑް މާދަމާ ރޭ މާލޭގެ ބޮޑެތި މަގުތަކުގައި އޮންނާނެއެވެ. މި ހަރަކާތުގައި 350 ދަރިވަރުން ބައިވެރިވެއެވެ.
advertisment
ހިޔާލު