ސާނަވީ އަދި މަތީ ސާނަވީ ފެންވަރުގައި ކިޔަވައިދިނުމަށް ބޭނުންވާ ޤާބިލު، ދެ މާއްދާއިން ޚާއްޞަ ވެފައިވާ މުދައްރިސުން ބިނާކުރުމުގެ މަޤްޞަދުގައި، ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް އެޑިއުކޭޝަނަލް ސްޓަޑީޒުން އައު ތިން ބެޗެލަރ އޮފް ޓީޗިންގ ޕްރޮގްރާމެއް ތަޢާރަފުކޮށްފިއެވެ. އެއީ:
- ބެޗެލަރ އޮފް ޓީޗިންގ އިން މެތެމެޓިކްސް އެންޑް އެކައުންޓިންގ
- ބެޗެލަރ އޮފް ޓީޗިންގ އިން މެތެމެޓިކްސް އެންޑް ފިޒިކްސް
- ބެޗެލަރ އޮފް ޓީޗިންގ އިން މެތެމެޓިކްސް އެންޑް ކޮމްޕިއުޓަރ ސައިންސް
މި ތިން ޕްރޮގްރާމަކީވެސް، މެތެމެޓިކްސްއާއެކު ދެވަނަ މާއްދާއަކުން މުދައްރިސުން ތަމްރީނުކުރުމަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު (އެމް.އެން.ކިއު.އެފް) ލެވެލް 7 ގެ ޕްރޮގްރާމްތަކެކެވެ.
ދިވެހިރާއްޖޭގެ ސްކޫލްތަކުގައި މެތެމެޓިކްސްއާއެކު އެކައުންޓިންގ، ފިޒިކްސް އަދި ކޮމްޕިއުޓަރ ސައިންސް ފަދަ މާއްދާތައް ކިޔަވައިދިނުމަށް ޤާބިލު، މާއްދާތަކަށް ޚާއްޞަ މުދައްރިސުން ބޭނުންވާ މިންވަރު އިތުރުވަމުންދާ ދަނޑިވަޅެއްގައި، މި ތިން ޕްރޮގްރާމުގެ ސަބަބުން ދެ މާއްދާއަކުން އެއްފަހަރާ މުދައްރިސުންގެ ގޮތުގައި ތަމްރީނުވުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. މާއްދާގެ ޢިލްމާއި ކިޔަވައިދިނުމުގެ ފަންނު އެއްކޮށްލައިގެން ފަރުމާކޮށްފައިވާ މި ޕްރޮގްރާމްތަކުގައި، ކިޔަވައިދިނުމުގެ ނަޒަރިއްޔާތުތަކާއި ތަފާތު އުކުޅުތަކާއި ސްޓްރެޓެޖީތަކުގެ އިތުރުން، ޑިޖިޓަލް ޓެކްނޮލޮޖީ އަދި އޭއައި ކިޔަވާދިނުމުގައި ބޭނުންކުރާނެ ގޮތްތައް މިޕްރޮގްރާމުތަކުން ދަސްކޮށްދެއެވެ. އަދި ދަރިވަރުންގެ މަތީ ދަރަޖައިގެ ވިސްނުމާއި މުވާޞަލާތުގެ ހުނަރު ތަރައްޤީކުރުމުގެ ފަންނުތަކާއެކު، ދަރިވަރުންގެ މެދުގައި ހުންނަ ތަފާތުތަކަށް އިސްކަންދީގެން ކިޔަވާދިނުމާއި އަދި ރިފްލެކްޓިވް ޓީޗިންގ ބޭނުންކޮށްގެން އުނގެނުމާއި އުނގަންނައިދިނުން ބައްޓަންކުރުމަށް ޕްރޮގްރާމްތަކުން ބާރުއަޅައެވެ. ސަސްޓެއިނަބިލިޓީ، ނުވަތަ ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރުމުގެ ޢިލްމާއި ހުނަރުވެސް މި ޕްރޮގްރާމުތަކުގެ ތެރެއިން ދަރިވަރުން އަހުލުވެރިކުރެއެވެ.
ބެޗެލަރ އޮފް ޓީޗިންގ އިން މެތެމެޓިކްސް އެންޑް އެކައުންޓިންގ
ކެލްކިއުލަސް، އަލްޖެބްރާ އަދި ސްޓެޓިސްޓިކްސް އެންޑް މެކޭނިކްސް ފަދަ މެތެމެޓިކްސްގެ މައިގަނޑު މާއްދާތަކުގެ އިތުރުން، ޕްރިންސިޕަލްސް އޮފް އެކައުންޓިންގ، އިންޓްރޮޑަކްޝަން ޓު މެނޭޖްމަންޓް އެކައުންޓިންގ، ފައިނޭންޝަލް އެކައުންޓިންގ، ފައިނޭންޝަލް ރިޕޯޓިންގ، އެޑްވާންސްޑް މެނޭޖްމަންޓް އެކައުންޓިންގ އަދި ސްޓްރެޓީޖިކް ކޯޕަރޭޓް ރިޕޯޓިންގ ފަދަ އެކައުންޓިންގ ދާއިރާގެ މާއްދާތައް މި ޕްރޮގްރާމުގައި ކިޔަވައިދެވެއެވެ. މީގެ އިތުރުން، "ޓީޗިންގ އެންޑް ލާރނިންގ މެތެމެޓިކްސް" އަދި "ޓީޗިންގ އެންޑް ލާރނިންގ އެކައުންޓިންގ" ފަދަ ޚާއްޞަ ޕެޑަގޮޖީ މޮޑިއުލްތައްވެސް ހިމެނެއެވެ.
ބެޗެލަރ އޮފް ޓީޗިންގ އިން މެތެމެޓިކްސް އެންޑް ފިޒިކްސް
މެތެމެޓިކްސްގެ މާއްދާތަކުގެ އިތުރުން، އިންޓްރޮޑަކްޝަން ޓު ފަންޑަމެންޓަލްސް އޮފް ފިޒިކްސް، ޑައިނަމިކްސް އެންޑް ނިއުޓޯނިއަން ލޯސް، ޕްލެނެޓަރީ މޯޝަން، އޮޕްޓިކްސް އެންޑް ސައުންޑް، އިލެކްޓްރިސިޓީ އެންޑް މެގްނެޓިޒަމް، ޕާޓިކަލް ފިޒިކްސް އެންޑް ރިލެޓިވިޓީ އަދި ތާރމޯޑައިނަމިކްސް، މެޓަރ އެންޑް އެސްޓްރޯފިޒިކްސް ފަދަ ފިޒިކްސް ދާއިރާގެ މުހިންމު މާއްދާތައް މި ޕްރޮގްރާމުގައި ކިޔަވައިދެވެއެވެ. ލެބޯޓަރީ ހުނަރުތަކާއި ފިޒިކްސް ދާއިރާގެ ޢަމަލީ ފަންނުތައް ދަސްވެގެންދާ ގޮތަށް ފަރުމާކޮށްފައިވާ މި ޕްރޮގްރާމުގައިވެސް، "ޓީޗިންގ އެންޑް ލާރނިންގ މެތެމެޓިކްސް" އަދި "ޓީޗިންގ އެންޑް ލާރނިންގ ފިޒިކްސް" ފަދަ ޚާއްޞަ ޕެޑަގޮޖީ މޮޑިއުލްތައް ހިމެނެއެވެ.
ބެޗެލަރ އޮފް ޓީޗިންގ އިން މެތެމެޓިކްސް އެންޑް ކޮމްޕިއުޓަރ ސައިންސް
މެތެމެޓިކްސްގެ މާއްދާތަކުގެ އިތުރުން، ޑޭޓާބޭސް މެނޭޖްމަންޓް ސިސްޓަމް، އިންޓްރޮޑަކްޝަން ޓު ނެޓްވޯކްސް، އާޓިފިޝަލް އިންޓެލިޖެންސް ފޯ ސައިބަރ ސެކިއުރިޓީ، ހިއުމަން ކޮމްޕިއުޓަރ އިންޓަރެކްޝަން، ސޮފްޓްވެއަރ އިންޖިނިއަރިންގ ޕްރިންސިޕަލްސް އަދި ސެކިއުރ ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ފަދަ ކޮމްޕިއުޓަރ ސައިންސް ދާއިރާގެ މާއްދާތައް މި ޕްރޮގްރާމުގައި ކިޔަވައިދެވެއެވެ. މީގެ އިތުރުން، "ޓީޗިންގ އެންޑް ލާރނިންގ މެތެމެޓިކްސް" އަދި "ޓީޗިންގ އެންޑް ލާރނިންގ ކޮމްޕިއުޓަރ ސައިންސް" ފަދަ ޚާއްޞަ ޕެޑަގޮޖީ މޮޑިއުލްތައްވެސް މި ޕްރޮގްރާމުގައި ހިމެނެއެވެ.
ޕްރޮގްރާމުގެ އޮނިގަނޑު އަދި މުއްދަތު
މި ތިން ޕްރޮގްރާމަކީވެސް 3 އަހަރު (6 ސެމިސްޓަރ) ގެ މުއްދަތަށް، ކޮލެޖަށް ހާޒިރުވެގެން (ފޭސް-ޓު-ފޭސްކޮށް) ކުރިއަށްގެންދާ ފުލްޓައިމް ޕްރޮގްރާމްތަކެކެވެ. މި ޕްރޮގްރާމްތަކުގައި، ދެވަނަ އަހަރު ނިމުމުން (ސެމިސްޓަރ 4 ފުރިހަމަކުރުމަށްފަހު) "އެޑްވާންސްޑް ޑިޕްލޮމާ އޮފް ޓީޗިންގ" ޙާޞިލުކުރެވޭ ގޮތަށް ފަރުމާކޮށްފައިވެއެވެ. އަދި ދެ ފަހަރެއްގެ މަތިން ސްކޫލްތަކުގައި ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ފަހިކޮށްދޭ "ޓީޗިންގ ޕްރެކްޓިކަމް" ވެސް މި ޕްރޮގްރާމްތަކުގައި ހިމެނެއެވެ.
ވަނުމުގެ ޝަރުޠު
މި ޕްރޮގްރާމްތަކަށް ވަނުމުގެ ޝަރުޠުތަކަކީ:
- ޖީ.ސީ.އީ އޭ-ލެވެލް/އެޗް.އެސް.ސީ އިމްތިޙާނުން 2 މާއްދާއިން ފާސްވެފައިވުން (އޭ-ލެވެލްގައި "އީ" ފާހަކީވެސް ފާސްވުމުގެ ގޮތުގައި ބަލައިގަނެވޭއިރު، އެޗް.އެސް.ސީ ގައި "ސީ" އިން ފެށިގެން މަތީގެ ގްރޭޑެއް ބޭނުންވެއެވެ)، ނުވަތަ
- ގުޅުންހުރި ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން، ނުވަތަ
- ޑިޕްލޮމާ ޕްރޮގްރާމަށް ބޭނުންވާ އެޕްރޫވްޑް ލެވެލް 4 ގެ ފައުންޑޭޝަން ސްޓަޑީ ޕްރޮގްރާމެއް ފުރިހަމަކޮށްފައިވުން.
މި ތިން ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުޞަތު، ސެޕްޓެމްބަރ 2026 އިންޓޭކަށް، މިހާރު ވަނީ ހުޅުވާލައިފައެވެ. ޝައުޤުވެރިވާ ފަރާތްތަކުން ވިލާ ކޮލެޖުގެ ވެބްސައިޓް www.villacollege.edu.mv އަށް ޒިޔާރަތްކުރެއްވުމުން ނުވަތަ 3303200 ނަންބަރަށް ގުޅުއްވުމުން، އިތުރު މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
މި ޕްރޮގްރާމްތައް ތަޢާރަފުކުރުމާ ގުޅިގެން ފެކަލްޓީ އޮފް އެޑިއުކޭޝަނަލް ސްޓަޑީޒްގެ ޑީން ޢަބްދުއްސައްތާރު ޤާސިމް ވިދާޅުވީ:
"މި ތިން ޕްރޮގްރާމަކީ، ދިވެހިރާއްޖޭގެ ސްކޫލްތަކަށް ބޭނުންވާ މާއްދާތަކަށް ޚާއްޞަ މުދައްރިސުން ތައްޔާރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް. މެތެމެޓިކްސްއާއެކު އެކައުންޓިންގ، ފިޒިކްސް އަދި ކޮމްޕިއުޓަރ ސައިންސް ފަދަ މާއްދާތަކުން ޤާބިލު މުދައްރިސުން ބިނާވުމުން، ސާނަވީ އަދި މަތީ ސާނަވީ މަރުހަލާތަކުގައި ކިޔަވާދިނުމުގެ ފެންވަރު އިތުރަށް ހަރުދަނާވެގެންދާނެ. މި ދާއިރާތަކުން ފެންވަރު ރަނގަޅު ދިވެހި މުދައްރިސުން ތަމްރީނުކުރުމަށް ފެކަލްޓީ އޮފް އެޑިއުކޭޝަނަލް ސްޓަޑީޒުން ކުރާ މަސައްކަތަށް މިއީ އިތުރު ބާރެއް ލިބިގެންދިޔަ ކަމެއް"
ވިލާ ކޮލެޖުގެ ވައިސް ރެކްޓަރ، ޑރ. ޢަލީ ނަޖީބު ވިދާޅުވީ: "ދިވެހިރާއްޖޭގެ ސްކޫލްތަކަށް ބޭނުންވާ ފެންވަރު ރަނގަޅު، ގިނަ މާއްދާތަކަކަށް ޚާއްޞަވެފައިވާ މުދައްރިސުން ބިނާކުރުމަކީ ޤައުމީ ފެންވަރެއްގައި ބޭނުންތެރި މުހިންމު ކަމެއް. ފެކަލްޓީ އޮފް އެޑިއުކޭޝަނަލް ސްޓަޑީޒުން މި ތިން ޕްރޮގްރާމް ތަޢާރަފުކުރުމަކީ، ދިވެހިރާއްޖޭގެ މުދައްރިސުން ތަމްރީނުކުރުމުގެ ފުރުސަތު އިތުރުކުރުމަށް ވިލާ ކޮލެޖުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެއް. ދިވެހި ދަރިވަރުންނަށް ފެންވަރު ރަނގަޅު ފުރުޞަތުތައް ރާއްޖޭގައި ތިބެގެން ފަހިކޮށްދިނުމަކީ ވިލާ ކޮލެޖުގެ އެއް އަމާޒު" ކަމަށެވެ.
advertisment
ހިޔާލު