އެމްއެންޔޫ މަހާސަމާ ލާރނިންގ ފެސްޓިވަލް ފަށައިފި

އެމްއެންޔޫ މަހާސަމާ ލާރނިންގ ފެސްޓިވަލް ފަށައިފިއެވެ.

"އުނގެނުމާއި އައު ހޯދުންތަކާއި އުފާވެރިކަމުގެ ތެރެއިން ޒުވާން ޖީލަށް އާރޯކަން" މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ މި ފެސްޓިވަލަކީ އެ ޔުނިވަރސިޓީން އިސްނަގައިގެން ބާއްވާ މިފަދަ ފުރަތަމަ ބޮޑު ހަރަކާތެވެ.

މިދުން ފެށިގެން ޖުލައި 23 އަށް ކުރިއަށްދާ މި ޕްރޮގްރާމަކީ ސްކޫލް ބަންދު ދުވަސްވަރު ދަރިވަރުންނަށް އަމަލީ ތަޖުރިބާގެ މައްޗަށް ބިނާވެފައިވާ މާނަހުރި އުނގެނުމުގެ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ފަރުމާކޮށްފައިވާ ހަރަކާތެކެވެ. މި މަހާސަމާއަކީ މުޖުތަމައަށް ހިދުމަތްކުރުމަށް އެމްއެންޔޫ އިން ކުރިއަށްގެންދާ "ފުރާތަ" ޕްރޮގްރާމުގެ ދަށުން ހިންގާ މުހިންމު މަސައްކަތެކެވެ. މިއީ ހަމައެކަނި ކްލާސްރޫމްގެ ތައުލީމަށް ބަރޯސާނުވެ، އަމަލީ މާހައުލެއްގައި އުނގެނުމުގެ މުހިންމުކަން އަންގައިދީ، އިލްމު ފެތުރުމަށް ޔުނިވަރސިޓީން ދޭ އިސްކަން ހާމަކޮށްދޭ ކަމެކެވެ.

އެމްއެންޔޫއިން ބުނީ، މި ޕްރޮގްރާމުގެ މައިގަނޑު އަމާޒަކީ ތަފާތު ތަޖުރިބާތަކެއް މެދުވެރިކޮށް ކުޑަކުދިންނާއި ޒުވާނުންގެ ތައުލީމާއި ފަރުދީ އަދި އިޖުތިމާއީ ހުނަރުތައް ތަރައްގީކުރުމެވެ . މި ހަފުތާގެ ނިޔަލަށް ކުރިއަށްދާ މި ފެސްޓިވަލްގައި 9 އަހަރާއި 18 އަހަރާ ދެމެދުގެ ދަރިވަރުންނަށް އަމާޒުކޮށްގެން އެމްއެންޔޫގެ އެކި ދާއިރާތަކުގެ ތަޖުރިބާކާރުން އިސްވެ ތިއްބަވައިގެން މައުލޫމާތު މުއްސަނދި ސެޝަންތަކެއް ކުރިއަށްގެންދާނެއެވެ. މި ސެޝަންތައް ބައްޓަންކޮށްފައިވަނީ އާދައިގެ ކިޔަވައިދިނުމުގެ އުސޫލުތަކާ ތަފާތުކޮށް އަމަލީ ގޮތުން ކަންކަން ހޯދައި ބެލުމާއި އުފެއްދުންތެރި ވިސްނުން އިސްކުރުމުގެ މައްޗަށެވެ. މީގެ ސަބަބުން އުނގެނުމަކީ ޝައުގުވެރި އަދި ދިރިއުޅުމުގެ އަމަލީ މައިދާނާ ގުޅުންހުރި ކަމަކަށް ވެގެންދާނެއެވެ. ފެސްޓިވަލުގެ މައިގަނޑު މަގުސަދަކީ ދަރިވަރުންގެ ކިބައިގައި އުނގެނުމަށް އޮންނަ ލޯބި އިތުރުކޮށް އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކުރުމެވެ. އަދި ފާޑުކިޔުމާއެކު ވިސްނުމުގެ ހުނަރާއި ( ކްރިޓިކަލް ތިންކިންގ )، މައްސަލަ ހައްލުކުރުމުގެ ގާބިލުކަމާއި ސައިންޓިފިކް ވިސްނުން ފަދަ މުހިންމު ދިރިއުޅުމުގެ ހުނަރުތައް މި ހަރަކާތްތަކުގެ ތެރެއިން ދަރިވަރުންނަށް އުނގަންނައިދެވޭނެއެވެ

މި ފެސްޓިވަލުގައި ޝައުގުވެރި އަށް ދާއިރާއަކުން ސެޝަންތައް ކުރިއަށްދާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

.1 ސްޓޯރީޓެލިންގ އިން އެކްޝަން

.2  ވާހަކައިގެ ދުނިޔެ

3 އިސްލާމީ އަހުލާގާއި އަދަބުތައް އާންމު ދިރިއުޅުމުގައި

.4 ރޮބޮޓިކްސްއާއެކު އައު އީޖާދުތައް

.5 ހިސާބު އިލްމާއި އާންމު ދިރިއުޅުން .6

ސައިންސްގެ ހޯދުންތައް

.7 ނަފްސާނީ ދުޅަހެޔޮކަމާއި ހިތްވަރު

.8 ކިޔެވުމުގެ ހުނަރުތަކާއި ވަގުތުގެ ބޭނުން ހިފުން މި ފެސްޓިވަލާ ގުޅޭގޮތުން ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ، އުނގެނުމަކީ އުފާވެރި ހިތްވަރު ލިބިދޭ އަދި ކޮންމެ މީހަކަށްމެ ފަސޭހައިން ލިބެންޖެހޭ އެއްޗެއް ކަމަށް ސްކޫލް ބަންދަކީ ކުދިންނަށް އައު ކަންކަން ތަޖުރިބާކޮށް އަމަލީ ހުނަރުތައް ތަރައްގީކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް މި މަހާސަމާގެ ސަބަބުން ކުދިންގެ ކިބައިގައި ހުންނަ ފިކުރީ ޝައުގުވެރިކަން އާލާވެ މީގެ ކުރިން ވިސްނާފައި ނުވާފަދަ ދާއިރާތަކަށް ލޯ ހުޅުވިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

އެމްއެންޔޫ މަހާސަމާއަކީ މުޖުތަމައަށް ޚިދުމަތްކުރުމަށް ޔުނިވަރސިޓީން ކުރިއަށްގެންދާ 'ފުރާތަ' ޕްރޮގްރާމުގެ ރޫހު ރަމްޒުކޮށްދޭ ހަރަކާތެއް ކަމަށާއި އެއީ އަޅުގަނޑުމެންގެ އިލްމާއި ތަޖުރިބާ މުޖުތަމައާ ހިއްސާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *