ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ 2022 ވަނަ ދިރާސީ އަހަރުގެ ސާނަވީ ތައުލީމުން އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދި އިބާ އަހުމަދު އަލީ، 2025 ވަނަ އަހަރުގެ މަތީ ސާނަވީ އިމްތިހާނުން ވެސް އެންމެ މޮޅު ދަރިވަރުގެ ޝަރަފު ހޯދައިފިއެވެ. މީގެ އިތުރުން، 2025 ވަނަ އަހަރުގެ ސާނަވީ ބައިން އެންމެ މޮޅު ދަރިވަރުގެ މަގާމު ހާސިލުކުރީ ޔަޒްދާން ހުސައިން ޝަރީފެވެ.
މަތީ ސާނަވީ އިމްތިހާނުން ގައުމީ ގަދަ ދިހައެއްގެ 2 ވަނަ ހާސިލުކުރި އިބާ ވަނީ ބައިނަލްއަގުވާމީ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ނަތީޖާއެއް ހޯދާފައެވެ. އެގޮތުން ކެމިސްޓްރީ މާއްދާއިން މުޅި ދުނިޔެއިންނާއި ރާއްޖެއިން 1ވަނަ ހޯދާފައިވާއިރު، ބައޮލޮޖީން ރާއްޖެއިން 1ވަނަ އަދި ދުނިޔެއިން 2 ވަނަ އޭނާ ވަނީ ހާސިލުކޮށްފައެވެ.
މީގެ ކުރިން 2023 ވަނަ އަހަރުގެ ސާނަވީ ނިންމާ އިމްތިހާނުގައި ވެސް އިބާ ވަނީ 8 މާއްދާއިން 'އޭ ސްޓާ' ހޯދައިގެން ގައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދާފައެވެ. އެ އަހަރު މެރިން ސައިންސް މާއްދާއިން މުޅި ރާއްޖެއިން އެއްވަނަ ހާސިލުކުރި ދަރިވރުންގެ ތެރޭގައި ވެސް އޭނާ ހިމެނެއެވެ.

ކިޔެވުމުގެ އިތުރުން އިބާއަކީ ޏ. އޭއީސީގެ ހަރަކާތްތަކުގައި ވެސް އިސް ދައުރެއް އަދާކުރި ދަރިވަރެކެވެ. ގްރޭޑް 10 އެއްގައި އުޅުނުއިރު ސްކޫލުގެ ޑެޕިއުޓީ ކެޕްޓަންކަން އަދި މަތީ ސާނަވީގައި ސްކޫލް ކެޕްޓަންކަން އޭނާ ވަނީ ކޮށްފައެވެ.
އިބާ ބުނި ގޮތުގައި އޭނާގެ ކާމިޔާބީގެ ސިއްރަކީ ކިޔެވުމުގެ ވައްޓަފާޅިއަށް ގެނައި ބަދަލުތަކެވެ. ކިޔެވުމާއި އިތުރު ހަރަކާތްތައް ވަކި ތަރުތީބަކުން ރާވައި، ވަގުތު މެނޭޖުކުރުމަކީ ނަތީޖާ ރަނގަޅުވުމަށް މެދުވެރިވި ސަބަބެއް ކަމަށް އޭނާ ފާހަގަކުރިއެވެ. މުސްތަގުބަލުގައި ޑޮކްޓަރަކަށް ވުމުގެ އަޒުމުގައި ހުރި އިބާ މިހާރު ދަނީ ފުވައްމުލައް ސިޓީގެ ކްލިނިކެއްގައި ކްލިނިކަލް އެސިސްޓެންޓެއްގެ ގޮތުގައި ތަޖުރިބާ ހޯދަމުންނެވެ. އޭނާ އުއްމީދު ކުރަނީ ހަޔަރ ސްކޮލަރޝިޕްގެ ދަށުން ރާއްޖެއިން ބޭރަށް ގޮސް މެޑިސިން ކިޔެވުމަށެވެ.
ސާނަވީއާއި މަތީ ސާނަވީން ރަނގަޅު ނަތީޖާއެއް ހޯދަން ބޭނުންވާ ދަރިވަރުންނަށް އިބާ ބުނީ، ކިޔެވުމާއި އިތުރުހަރަކާތްތައް ރާވާލައިގެން ބެލެންސެއް ގެންގުޅެން ވިސްނުން ގެންގުޅުމަށެވެ.
"ކިޔެވުން ނުހުއްޓި ކުރިއަށް ގެންދަން ބެލެންސެއް ވަރަށް މުހިންމު" އިބާ ބުންޏެވެ.
ކިޔެވުމުގައި އޭނާއަށް އެންމެ ބޮޑު އެހީތެރިކަން ލިބުނީ އާއިލާއާއި ސްކޫލުންނެވެ. ޚާއްޞަކޮށް މަންމައާއި ކިޔަވައިދެއްވި މުދައްރިސުންގެ ނަން ފާހަގަކުރިއެވެ.
ސާނަވީ އިމްތިހާނުން ގައުމީ ގަދަ ދިހައެއްގެ 2ވަނަ ހޯދި ޔަޒްދާން ވަނީ އިނގިރޭސި މާއްދާއިން ކެމްބްރިޖް ލާރނާސް އެވޯޑް ހާސިލުކޮށްފައެވެ. ގްރޭޑް 8 އިން ފެށިގެން ސާނަވީން އެއްވަނަ ހޯދުމަށް ކުރި އުންމީދު މިއަދު އޭނާ މިވަނީ ހަގީގަތަކަށް ހަދާފައެވެ. އެކަން ހާޞިލްކުރުމަށް ގަވާއިދުން ފިލާވަޅުތައް ދަސްކުރުމުގެ އިތުރުން ފިލާވަޅުތަކަށް ބޭނުންވާ މައުލޫމާތު އަމިއްލައަށް ހޯދައިގެން މަސައްކަތް ކުރި ކަމަށާއި ސްކޫލުން ހިންގާ އިތުރު ހަރަކާތްތަކުގައި ބައިވެރިވެ ކާމިޔާބު ހޯދި ކަމަށް ޔަޒްދާން ބުންޏެވެ.

ޏ. އޭއީސީގެ ގުރޭޑް 11ގައި ކިޔަވަމުންދާ ޔަޒްދާން މިހާރު ދެކޭ އުއްމީދަކީ މަތީ ސާނަވީން ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދައި، ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕްގެ ދަށުން ރާއްޖެއިން ބޭރުން ކިޔެވުމެވެ.
އެހެން ކުދިންނަށް ޔަޒްދާން ދޭ މެސެޖަކީ، އުއްމީދެއް އޮވެގެން ގަދައަޅައި މަސައްކަތް ކުރުމަށާއި އެކަން މަގުފަހިކުރުމަށް ﷲ އަށް ވަކީލު ކުރުމެވެ.
ޔަޒްދާނަށް ލިބުނު ކާމިޔާބީއަށް "ﷲއަށް ޝުކުރު ދަންނަވައި، މަންމައާއި ބައްޕަދިން ހިތްވަރާއި ކުރި މަސައްކަތް ނިހާޔަތަށް ޝުކުރު އަދާކުރިއެވެ. އަދި ކިޔަވައިދެއްވި މުދައްރިސުންނާއި ކިޔަވައި ނުދެއްވި ނަމަވެސް ގާތްގުޅުމެއް ބޭއްވި މުދައްރިސުންނާއި ކުރިއަށް ދިއުމަށް ހިތްވަރު ދިން ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރިއެވެ.
advertisment
ހިޔާލު