ޑރ. އާސިޔަތު މުޙައްމަދު ދީދީ
ކޮންމެ ދަރިވަރަކަށްވެސް މިއަދަކީ، ނިމިދިޔަ ޓާމުގައި ކުރެވުނު މަސައްކަތްތަކާ މެދު ފުންކޮށް ވިސްނައި، އުފާވެރިކަމާއެކު އައު ޢަޒުމްތަކެއް ކަނޑައަޅަންވީ ދުވަހެވެ. މިއީ ހޯދުނު ކާމިޔާބީތަކުގެ އަގުވަޒަންކޮށް، ކުރިއަށް އައު ލަނޑުދަނޑިތަކެއް ކަނޑައެޅުމަށް ލިބޭ ފުރުޞަތެކެވެ. ތަޢުލީމު ހާސިލުކުރުމަކީ ދުވުމުގެ މުބާރާތެއް ނޫން ކަމާއި، އެއީ މުޅި އުމުރަށް ދެމިގެންދާ ދިގު ދަތުރެއްކަން ކުދިންނަށް ހަނދާންކޮށްދިނުން މިއަދު ނުހަނު މުހިންމެވެ.
މިއީ ބެލެނިވެރިންނާއި، މުދައްރިސުންގެ އިތުރުން ތަޢުލީމީ ސިޔާސަތުތައް އެކުލަވާލައްވާ ފަރާތްތަކުންވެސް ފުންކޮށް ވިސްނާލަންޖެހޭ ކަމެކެވެ. އަޅުގަނޑުމެންގެ އަމާޒު ހުރީ ދަރިވަރުންގެ ފެންވަރު ވަޒަންކުރުމުގެ ތެރެއިން އުނގެނުމުގެ މާހައުލު ހަރުދަނާކުރުމަށްތޯ، ނުވަތަ ނޭނގި ތިބެ ނަމަވެސް، އެންމެ ތުއްތުއިރުއްސުރެ ކުދިންނަކީ ހަމައެކަނި އިމްތިހާނަށް ތައްޔާރުވާ ބަޔަކަށް ހެދުމުގެ ސަގާފަތަކާ ދިމާލަށްތޯ، މިއީ އުފެދޭ ސުވާލެކެވެ.
ދަރިވަރުންގެ ފެންވަރު ވަޒަންކޮށް، އެކަށީގެންވާ އިރުޝާދު (ފީޑްބެކް) ދިނުމަކީ ތަޢުލީމީ ނިޒާމެއްގެ ތެރެއިން ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތެކެވެ.
އެހެންކަމުން، މައްސަލައަކީ ދަރިވަރުންގެ ފެންވަރު ބެލުމެއް ނޫނެވެ. ތަޢުލީމީ ކޮންމެ މަރުޙަލާއެއްގައިވެސް ކުދިންނަށް އުނގެނިފައިވާ މިންވަރު ދެނެގަތުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. އަދި އެ މަޢުލޫމާތު ދަރިވަރުންނަށާއި ބެލެނިވެރިންނަށް ހާމަކޮށް، ފޯރުކޮށްދޭންވެސް ޖެހެއެވެ
ދިވެހިރާއްޖޭގެ ގައުމީ މަންހަޖު (ކަރިކިއުލަމް) އެކުލަވާލާފައިވަނީ މިކަންކަން ކުރާނެ ފުރިހަމަ އަދި ތަފުސީލީ ގޮތްތައް ހިމަނައިގެންނެވެ.
ޝައްކެއްވެސްނެތް ގޮތުގައި، މި މަންހަޖު ފަރުމާކޮށްފައިވަނީ ފުޅާ ދިރާސާތަކެއްގެ މައްޗަށް ބިނާކޮށް، ދަރިވަރުން ޢަމަލީ ދިރިއުޅުމަށް ތައްޔާރުކުރުމުގެ މަގުސަދުގައެވެ. އެހެންކަމުން، މަންހަޖުގައި އިރުޝާދު ދީފައިވާ ފަދައިން ދަރިވަރުންގެ ފެންވަރު ވަޒަންކުރުމަކީ، އެކުދިންނަށް އުނގެނިފައިވާ މިންވަރު ދެނެގަތުމަށާއި، އުނގެނުމުގައި ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް، ކޮންމެ ކުއްޖަކަށްވެސް ބޭނުންވާ ޚާއްޞަ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވާނެ ކަމެކެވެ. ނަމަވެސް، މި އުސޫލުތަކާ ޚިލާފަށް ކުރެވޭ ކަންކަމާމެދު އަޅުގަނޑުމެން ފުންކޮށް ވިސްނައި، ހޭލުންތެރިވާންޖެހެއެވެ.
ތަފާތު އުމުރުފުރާތަކުގައި ދަރިވަރުންގެ ފެންވަރު ވަޒަންކުރުމަށްޓަކައި ދެވޭ 'ޑައިގްނޯސްޓިކް' ޓެސްޓުތަކުގެ އަސާސީ މަޤްޞަދަކަށް ވާންޖެހޭނީ، އުނގެނުމުގެ މަރުޙަލާގައި ދަރިވަރުންނަށް ހާސިލުކުރެވޭ މިންވަރު ދެނެގަތުމާއި، ރަނގަޅުކުރަންޖެހޭ ކަންކަން ފާހަގަކޮށް ތަޢުލީމީ ފެންވަރު ހަރުދަނާކުރުމެވެ. މިއީ ނުހަނު ބޭނުންތެރި އަދި މުހިންމު މަޤްޞަދުތަކެއް ނަމަވެސް، މިފަދަ އިމްތިޙާނުތަކަކީ ދަރިވަރުންނަށް އުފުލަންޖެހޭ ބޮޑު ބުރައަކަށް ވެގެންނުވާނެއެވެ.
ތަޢުލީމީ ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރައްވާ ގޮތުގައި، މިފަދަ ޓެސްޓުތަކަށް ދެވޭ ސަމާލުކަން ނުވަތަ އަހައްމިއްޔަތުކަން އިންތިހާއަށް ބޮޑުވެއްޖެނަމަ، މުދައްރިސުންނާއި ބެލެނިވެރިންގެ ފަރާތުން ދަރިވަރުންނަށް ކުރިމަތިވާ ފިއްތުންތައް އިތުރުވެގެންދެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ޅަފަތުގެ އުމުރުގައި ކުދިންގެ ނަފުސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކޮށް، އެކުދިންގެ އުނގެނުމަށާއި އަމަލީ ދިރިއުޅުމަށްވެސް އޭގެ ނޭދެވޭ ހިޔަނި އެޅުމުގެ ފުރުޞަތު އޮވެއެވެ.
ޕްރައިމަރީ ތަޢުލީމުގެ މަރުޙަލާގައި 'ފޯމެޓިވް އެސެސްމަންޓް' ނުވަތަ އުނގެނުމުގެ ތެރެއިން ދަރިވަރުންގެ ފެންވަރު ވަޒަންކުރުމަށް ތަޢުލީމީ ދިރާސާތަކުން އަބަދުވެސް ބާރުއަޅައެވެ. ބްލެކް އެންޑް ވިލިއަމް (1998) ހެއްދެވި ދިރާސާއިން ދައްކާގޮތުގައި، ކްލާސްރޫމުގެ ތެރޭގައި ކުރެވޭ އޮބްޒަވޭޝަންތަކާއި، ސުވާލުކުރުމާއި، މަޝްވަރާކުރުމުގެ އިތުރުން ދެވޭ ފީޑްބެކްގެ އެހީގައި ކުރިއަށްގެންދާ 'އޮންގޮއިންގް އެސެސްމަންޓް' ތަކުގެ ސަބަބުން ދަރިވަރުންގެ އުނގެނުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބެއެވެ.
ހަމައެފަދައިން، އޯ.އީ.ސީ.ޑީ (OECD) އަދި ޔުނެސްކޯ (UNESCO) ފަދަ ބައިނަލްއަޤުވާމީ އިދާރާތަކުންވެސް ބާރުއަޅަނީ، ތަޢުލީމުގެ ކުރީކޮޅުގެ އަހަރުތަކުގައި ފެންވަރު ވަޒަންކުރުމުގެ މައިގަނޑު މަޤްޞަދަކީ ނަތީޖާއެއް ނެރުން ކަމުގައި ނުހަދައި، އެއީ އުނގެނުމަށް އެހީތެރިވެދިނުމާއި އުނގަންނައިދިނުމުގެ ފެންވަރު ރަނގަޅުކުރުން ކަމުގައި ހެދުމަށެވެ.
މިފަދަ ދިރާސީ ހޯދުންތަކަށް ރިޢާޔަތްކޮށް، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ތަޢުލީމީ ނިޒާމުތައް ވަނީ އެ މަގަށް ބައްޓަންކުރެވިފައި
ފިންލޭންޑް، އެސްޓޯނިއާ، ޖަޕާން އަދި ނިއުޒީލޭންޑް ފަދަ ޤައުމުތަކުގެ ޕްރައިމަރީ ތަޢުލީމުގައި ބޮޑަށް ބުރަވަނީ ކްލާސްރޫމުގެ ތެރޭގައި ކިޔަވައިދިނުމުގެ ތެރެއިން ކުރިއަށްދާ ފެންވަރު ވަޒަންކުރުމުގެ ނިޒާމަށެވެ. ތަޢުލީމީ ގޮތުން ދުނިޔޭގެ ކުރީސަފުގައި ގުނާލެވޭ ސިންގަޕޫރުގައިވެސް، އިމްތިޙާނުތަކުގެ ސަބަބުން ކުދިންނަށް ކުރިމަތިވާ ނަފުސާނީ ފިއްތުންތަކަށް ވިސްނައި، ހަރުދަނާ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން، ޕްރައިމަރީގެ ކުރީކޮޅުގެ ގްރޭޑްތަކުގައި މާކްސް ގުނާ އެސެސްމަންޓްތައް އުނިކުރުމާއި، އަހަރުގެ މެދުތެރޭގައި ބާއްވާ ގިނަ އިމްތިޙާނުތަކެއް ހުއްޓާލުމުގެ އިތުރުން، ޕީ.އެސް.އެލް.އީ އިމްތިޙާނުން އެންމެ މަތީ ނަތީޖާ ހޯދާ ދަރިވަރުންގެ ނަންތައް ޢާންމުކޮށް އިޢުލާނުކުރުންވެސް ވަނީ ހުއްޓާލާފައެވެ.
މި ބަދަލުތައް ގެނެސްފައިވަނީ ތަޢުލީމީ ފެންވަރު ދަށްކުރުމުގެ މަޤްޞަދުގައެއް ނޫނެވެ. އޭގެ ބަދަލުގައި، މި ބަދަލުތަކުގެ އަސްލު ބޭނުމަކީ ކުދިންނަށް މާނަވީ ގޮތެއްގައި އުނގަންނައިދިނުމާއި، ނުރަނގަޅު ވާދަވެރިކަން ނައްތާލުމުގެ އިތުރުން، ދަރިވަރުންގެ ނަފުސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމެވެ.
މިއަދު ބެލެނިވެރިންނަށް ދަރިންގެ ރިޕޯޓް ފޮތް ލިބޭ ހިނދު، އަޅުގަނޑުމެން އެންމެ ފުރަތަމަ ކުރާ ސުވާލަކީ "ލިބުނީ ކޮން މާކްސްއެއް؟" ނުވަތަ "ހޯދީ ކިތައްވަނަ؟" ކަމުގައި ނުހަދަމާ ހިނގާށެވެ.
އޭގެ ބަދަލުގައި، ދަރިވަރުގެ ކުރިއެރުމަށް މަގުފަހިވާނެ ފަދަ މާނަވީ ސުވާލުތަކެއް ކޮށްލުން މާ މުހިންމެވެ. މިސާލަކަށް:
- މިދިޔަ ދުވަސްތަކުގެ ތެރޭގައި އައު ކޮން ކަންތައްތަކެއްތޯ ދަސްވީ؟
- ކުރި މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑު ހިތްހަމަޖެހުމެއް ނުވަތަ ފަޚުރެއް އިހުސާސްވަނީ ކޮން ކަމަކާ؟
- އަންނަ ޓާމުގައި މިއަށްވުރެ ރަނގަޅަށް އުނގެނުމަށްޓަކައި، އަޅުގަނޑުމެންނަށް ކޮށްދެވޭނީ ކޮން ކަމެއް؟
މިހެން ވާންޖެހޭ ސަބަބަކީ، ފެންވަރު ވަޒަންކުރުމުގެ ހަގީގީ މަޤްޞަދަކީ ކުދިން އެކަކު އަނެކަކާ އަޅާކިޔައި، ވަނަ ހޮވައި، ދަރަޖަކުރުން ކަމަށް ނުވާތީއެވެ. އޭގެ އަސްލު ބޭނުމަކީ ކުދިންގެ ކުރިއެރުމަށް މަގުފަހިކޮށްދީ، ހުރިހާ ގޮތަކުން ފުރިހަމަ އިންސާނެއްގެ ގޮތުގައި އެކުދިން ބިނާކުރުމެވެ.
ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމު ހަރުދަނާކުރުމަށް މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި، މިއީ އަޅުގަނޑުމެން އެންމެން ފުންކޮށް ވިސްނައި، މަޝްވަރާކުރަންޖެހޭ މުހިންމު މައުޟޫޢެކެވެ. އަންނަން އޮތް ޖީލުތަކުގެ މުސްތަޤުބަލު އުޖާލާކުރުމަށްޓަކައި މިއަދު ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. އަޅުގަނޑުގެ އިޚުލާޞްތެރި ދުޢާއަކީ، އަޅުގަނޑުމެންގެ ދަރިވަރުންނަކީ "ދިރިއުޅުމަށް ފުރިހަމައަށް ތައްޔާރުވެފައިވާ" ބައެއްގެ ގޮތުގައި މުޖުތަމަޢަށް ނެރުމުގެ ތައުފީޤު އަޅުގަނޑުމެން އެންމެންނަށް މިންވަރުކުރެއްވުމެވެ.
advertisment
ހިޔާލު