އެކަނިވެރި ބެންޗު: ތަޢުލީމީ ނިޒާމުގެ ތެރެއިން ބާކީނުކޮށް، "ޚާއްޞަ އެހީއަށް ބޭނުންވާ" ދަރިވަރުންގެ އަތުގައި ހިފުން

ހަލީމަތު ނަޖްވާ

ސްކޫލްގެ ގޯތިތެރެއިން އިވޭ ހީނސަމާސާގެ އަޑުތަކާއި، ކުދިންގެ ދުވުމުގެ އަޑުތަކުގެ މެދުގައި، އެކަނިވެރިކަމުގެ ހިމޭންކަމެއްގައި އިންނަ ކުއްޖަކު ފެނިދާނެއެވެ. އެއީ މުޖުތަމައާއި ތައުލީމީ ނިޒާމުގެ ހަލުވި ދުވެލީގައި ފައިހަމަނުކުރެވި، "ބާކީ" ވެފައިވާ ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރެކެވެ. "އިންކްލޫސިވް" ތައުލީމުގެ ރީތި ނަންތަކާއި ޝިއާރުތައް އޮތް ނަމަވެސް، ހަގީގަތުގެ

މައިދާނުގައި އެކުދިން ތިބީ އަދިވެސް އެކަނިވެރި ބެންޗެއްގައެވެ.

ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖަކު އާދައިގެ ސްކޫލަކަށް ފޮނުވުމަކީ ބެލެނިވެރިންނަށް ކުރިމަތިވާ އެންމެ ބޮޑު އިމްތިހާނެވެ.ސްކޫލްގެ ފާރުތަކުން އެތެރެވުމާއެކު، އެކުދިންނަށް ކުރިމަތިލާންޖެހެނީ ބޭނުންވާ ވަސީލަތްތަކުގެ ދަތިކަމާއެވެ. އެކުދިންގެ

އުނގެނުމުގެ ތަފާތު ބޭނުންތަކަށް ފަރުމާކުރެވިފައިވާ ފޮތްތަކެއް ނެތެވެ. ތަމްރީނު ލިބިފައިވާ އެހީތެރި މުދައްރިސުން (ސެން ޓީޗަރސް) ގެ އަދަދު އިންތިހާއަށް މަދެވެ. މީގެ ނަތީޖާއަކީ ކުލާހުގެ އެހެން ކުދިންނާއެކު ކުރިއަށްދާން މަސައްކަތްކުރާ ކޮންމެ ފަހަރަކު އެކުދިންނަށް ނާކާމިޔާބީގެ އިހުސާސް ކުރަންޖެހުމެވެ.

މި ހިތްދަތިކަން ވަކިން ބޮޑުވަނީ މުޖުތަމައުގެ ނަޒަރު އެކުދިންނަށް އަމާޒުވާ ގޮތުންނެވެ. "ތަފާތު" ކުއްޖެއްގެ ގޮތުގައި ބަލައި އެކުދިންގެ ކިބައިގައި ހުންނަ ހުނަރުތަކަށްވުރެ ބޮޑަށް، އެކުދިންނަށް "ނުކުރެވޭ" ކަންކަމަށް ފާޑުކިޔުން ގިނަވެއެވެ. ކުޅިވަރު މައިދާނުގައާއި، އިތުރު ހަރަކާތްތަކުގައި އެކުދިން ބައިވެރިކުރުމުގެ ބަދަލުގައި، އެއީ "ބުރައެއް" ކަމަށް ދެކޭ މީހުން މިއަދުވެސް

މަދެއް ނޫނެވެ. މި ބާކީކޮށްލުމުގެ ސަބަބުން އެ މައުސޫމް ހިތްތަކަށް ލިބޭ ޒަޚަމްތަކަކީ އެއްވެސް ބޭހަކުން ފަސޭހަކުރެވޭނެ އެއްޗެއް ނޫނެވެ.މި ހުރިހާ ތަކުލީފެއްގެ އެންމެ ބޮޑު ބުރައެއް އުފުލަނީ އެކުދިންގެ މައިންބަފައިންނެވެ. ދަރިފުޅަށް ބޭނުންވާ ތެރަޕީތަކާއި އެހީތެރިކަން ހޯދައިދިނުމަށް އެތައް ދޮރެއްގައި ޓަކިޖަހާއިރު، ގިނަ ފަހަރަށް ލިބެނީ މާޔޫސްކަމެވެ. މުޖުތަމައުގެ ބަސްތަކުން ހިތް ކަސްތޮޅުއެޅިފައިވާއިރު، ދަރިފުޅުގެ މުސްތަގުބަލާމެދު ކުރެވޭ ބިރުވެރި އިހުސާސްތަކުން އެ މައިންބަފައިންގެ ލޮލުން ކަރުނަ ނުހިކެއެވެ. އެމީހުން އެދެނީ ހަމައެކަނި ހަމްދަރުދީއަކަށް ނޫނެވެ. އެމީހުން އެދެނީ އެކުދިންނަށްވެސް ހަމަހަމަ ފުރުސަތުތަކެއްލިބޭނެ ނިޒާމަކަށެވެ.

ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަކީ މުޖުތަމައުގެ ބާކީ ބައެއް ނޫނެވެ. އެއީ ތަފާތު ކުލަތަކެއް ޖެހިފައިވާ، ނަމަވެސް އެހާމެ އަގުހުރި މާބަގީޗާއެއްގެ މާތަކެކެވެ. އަޅުގަނޑުމެންގެ ތައުލީމީ ނިޒާމާއި މުޖުތަމައުގެ ވިސްނުން ބަދަލުކޮށް، އެކުދިންނަށް ބޭނުންވާ ލޯތްބާއި، ވަސީލަތްތަކާއި، ގަދަރު ދޭން އެބަޖެހެއެވެ. "އެކަނިވެރި ބެންޗުން" އެކުދިން ގޮވައިގެން އައިސް، މުޅި މުޖުތަމައުގެ ތެރޭގައި އެކުދިންގެ އަތުގައި ހިފައިގެން ހިނގަން ފަށަން މިއީ އެންމެ މުނާސަބު ވަގުތެވެ. ކޮންމެ ކުއްޖަކީވެސް ފަހުރުވެރިކަމާއެކު އުދުހިލުމުގެ ހައްގު ލިބިފައިވާ ކުއްޖެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *