ސްކޮލަޝިޕްގެ ފުރުސަތުތައް އިތުރުކުރުމަށް ޖަޕާނުން ރާއްޖެއަށް 1މިލިއަން ޑޮލަރުގެ އެހީއެއް

ސްކޮލަޝިޕްގެ ފުރުސަތުތައް އިތުރުކުރުމަށް ޖަޕާނުން ރާއްޖެއަށް 152 މިލިއަން ޔެން (1.02 މިލިއަން ޑޮލަރު)ގެ އެހީއެއް ދޭން ނިންމައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިކަމާ ގުޅޭ އެކްސްޗޭންޖް އޮފް ނޯޓްސްގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުއްސަމަދެވެ. އަދި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯއެވެ. މިއަދު ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އާއި ސިވިލް ސާވިސް ކޮމިޝަނާއި ޖަޕާން އެމްބަސީ އަދި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ)ގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

"ޖަޕަނީޒް ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަޝިޕް (ޖޭޑީއެސް)"ގެ ދަށުން، ދިން މި އެހީ ބޭނުން ކުރާނީ ރާއްޖޭގެ ދަރިވަރުންނަށް ސްކޮލަޝިޕްގެ ފުރުސަތުތައް ފޯރުކޮށްދިނުމުގެ މަޝްރޫއު އަންނަ އަހަރު ކުރިއަށް ގެންދިއުމަށެވެ.

ޖަޕަނީޒް ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަޝިޕްގެ ފުރުބަޞަތު ރާއްޖެއަށް ދޭންފެށީ، 2020 ވަނަ އަހަރުން ފެށިގެންނެވެ. މިއީ ރާއްޖޭގެ ޒުވާނުންނަށް ބޭނުންވާ އިލްމާއި ހުނަރުތައް އުނގަންނައިދީ، ގައުމުގެ އިޖުތިމާއީ އަދި އިގްތިސާދީ ދާއިރާ ތަރައްގީކުރުމަށް ގާބިލު މީހުން ބިނާކުރުމުގެ ގޮތުން ޖަޕާނު ސަރުކާރުން ފޯރުކޮށްދޭ ސްކޯލަރޝިޕް ތަކެވެ. ޖަޕާނުން ދޭ ސްކޮލަރޝިޕްގެ ދަށުން  ޖަޕާނުގެ މަތީ ފަންތީގެ ޔުނިވާސިޓީތަކުން މާސްޓާޒް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ތަނަވަސްވެއެވެ. މިހާތަނަށް 17 ދަރިވަރުން ދަސްވެނިވެފައިވާއިރު، ނުވަ ދަރިވަރުން ދަނީ ކިޔަވަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *