އެޑްވާންސް ސެޓްފިކެޓް އިން ސުއްނާ ސްޓަޑީޒްގެ ނަމުގައި ސެޓްފިކެޓް ލެވެލް 4ގެ ކޯހެއް ވެސް ފަށަން އައިޔޫއެމްއިން އިއުލާންކޮށްފައިވޭ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން، ކުރިއަށް އޮތް ދެވަނަ ސެމިސޓަރގެ ތެރޭގައި ތިން ކޯހެއް އަލަށް ފަށަން ނިންމައިފިއެވެ. އަލަށް ފަށާ ތިން ކޯހަކީ މާސްޓަރސް ފެންވަރުގެ ދެ ކޯހާއި ސެޓްފިކެޓް 4ގެ އެއް ކޯހެވެ.
މާސްޓަރ ލެވެލްގެ ދެ ކޯހަކީ، މާސްޓަރ އޮފް ސައިންސް- އިންފޯމޭޝަން ސިސްޓަމް އެންޑް ޑޭޓާ ސައިންސާއި މާސްޓަރސް އޮފް ސައިންސް- އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސްއެވެ. ދެން ފަށަނީ އެޑްވާންސް ސެޓްފިކެޓް އިން ސުއްނާ ސްޓަޑީޒެވެ. މިއީ ސެޓްފިކެޓް ލެވެލް 4ގެ ކޯހެކެވެ.
އިސްލާމީ ޔުނިވަރސިޓީގެ ކުއްލިއްޔާ އޮފް އިކޮނޮމިކްސް އެންޑް މެންޖޭމަންޓް ސްޓަޑީޒުން ފަށާ އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް ކޯހަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އިސްމާލީ ފައިނޭންސްގެ ދާއިރާއިން ހިންގާ ކޯހެވެ. އަދި ކުއްލިއްޔާ ޤުރުއާން އެންޑް ސުއްނާގެ ފަރާތުން ހިންގާ އެޑްވާންސް ސެޓްފިކެޓް އިން ސުއްނާ ސްޓަޑީޒް ކޯހަކީ ވެސް ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިންގާ ކޯހެކެވެ.
ކުއްލިއްޔާ އޮފް އިކޮނޮމިކްސް އެންޑް މެންޖޭމަންޓް ސްޓަޑީޒުގެ ޑީން ޑރ. މުޙައްމަދު ޒާހިރު ވިދާޅުވީ، އަލަށް ފަށާ މާސްޓަރސް ދެ ކޯހަކީ ވެސް އޮންލައިންކޮށް ކުރިއަށް ގެންދާ، މިހާރު ވެސް މަސައްކަތުގެ ތެރޭގައި އުޅޭ ފަރާތްތަކަށް ވެސް ބައިވެރިވެވޭ ގޮތަށް އަހަރު ދުވަހަށް ކުރިއަށް ގެންދާ ކޯހެއް ކަމަށެވެ. އެ ދެ ކޯހަށް ވެސް އެމްކިޔުއޭގެ ހުއްދަ ލިބިފައިވާ ކަމަށާއި ދެ ވަނަ ޓާމުގެ ތެރޭގައި ފަށަން ތައްޔާރުވެފައިވާ ކަމަށް ޑރ. ޒާހިރު ވިދާޅުވިއެވެ.
ކުއްލިއްޔާ ޤުރުއާން އެންޑް ސުއްނާގެ ޑީން ވިދާޅުވީ، އެޑްވާންސް ސެޓްފިކެޓް އިން ސުއްނާ ސްޓަޑީޒަކީ ސުންނަތަށް އަމާޒުކޮށްގެން ރާއްޖޭގައި ހިންގާ ފުރަތަމަ ބޭސިކް ކޯސް ކަމަށެވެ. މި ކޯސް ކުރިއަށް ގެންދަނީ ކުލާހަށް ހާޒިރުވެގެންނާއި އަދި އޮންލައިންކޮށެވެ.
ސުންނަތުގެ މަޤާމާއި ރަސޫލުﷲ ސައްލަﷲގެ ޝަޙްސިއްޔަތާއި ހަދީސްތަކާ ގުޅޭ ގޮތުން އުފެދިފައިވާ ކުށްހީތައް ފިލުވާލާ ސުނަނަތުގެ ހަޤީޤީ މަޤާމް ބުނެދޭނެ ކޯހަކަށް އެ ކޯސް ވާނެ ކަމަށް ކުއްލިއްޔާ ޤުރުއާން އެންޑް ސުއްނާގެ ޑީން ވިދާޅުވިއެވެ.
އައިޔޫއެމްއިން ވަނީ އަލަށް އިއުލާން ކުރި ތިން ކޯހާއެކު ދެވަނަ ސެމިސްޓާގައި ފަށާ 67 ކޯހަކަށް އިއުލާން ކޮށްފައެވެ. ކޯސްތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ ޖުލައި މަހުގެ 30 ނިޔަލެވެ.
advertisment
ހިޔާލު