ހަމައެކަނި އަމިއްލަ ޝައުގުވެރިކަމަށް އިސްކަން ނުދޭށެވެ. 

އަހުމަދު އިބްރާހިމް

ޕުލިޓްޒާ އިނާމު ހާސިލުކޮށްފައިވާ މަޝްހޫރު ނޫސްވެރިޔާ ޖޯޑީ ކާންޓަރ ގަބޫލުކުރާ ގޮތުގައި، މިހާރުގެ ވަޒީފާގެ ބާޒާރު ޒުވާނުންނަށް ފެންނަނީ ވަރަށް މާޔޫސްކޮށް ކަމަށް ވިޔަސް، އުންމީދު ކަނޑާނުލައި، ހިތްހަމަޖެހޭ ފަދަ ވަޒީފާއެއް ހޯދުމަށް މަސައްކަތް ކުރަންޖެހެއެވެ.

އޭނާ، ސީ.އެން.ބީ.ސީ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، "މިއަދު ދުނިޔެ ޒުވާނުންނަށް ދެމުންދަނީ ވަރަށް ނުރަނގަޅު މެސެޖެއް. އެއީ "’ތިޔަ ކުދިންގެ ބޭނުމެއް ނެތް" ކަމަށް ބުނާ މެސެޖު. ނަމަވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއީ ތެދެއް ނޫން. މަސައްކަތުގެ މައިދާނުގައި އުޅޭ ކޮންމެ މީހަކަށްވެސް އެނގޭނެ އަޅުގަނޑުމެން ބަރޯސާވަނީ އާ ޖީލުގެ ހުނަރުތަކަށްކަން."

ނިއުޔޯކް ޓައިމްސްގެ އިންވެސްޓިގޭޓިވް ރިޕޯޓަރު ކާންޓަރ ބޭނުންވަނީ ޒުވާން މަސައްކަތްތެރިންގެ މެދުގައި މަސައްކަތާމެދު އޮންނަ އުންމީދު އާކުރުމަށެވެ. އޭނާގެ އެންމެ ފަހުގެ ފޮތް ކަމަށްވާ "ހައު ޓު ސްޓާޓް: ޑިސްކަވަރިންގ ޔޯ ލައިފްސް ވޯކް" ލިޔުމަށް ބާރު ލިބުނީ ކޮލަމްބިއާ ޔުނިވަރސިޓީގެ ދަރިވަރުންނާ ދެކެވުނު ވާހަކަތަކުންނެވެ.

"ދަރިވަރުން އަޅުގަނޑާ ކުރި އެންމެ މުހިންމު އެއް ސުވާލަކީ، 'މިފަދަ ދަތި ދަނޑިވަޅެއްގައި، ކުރިއަށްދާނެ ރަނގަޅު ދާއިރާއެއް ހޯދާނީ ކިހިނެއްތޯ؟' އެވެ." މި ސުވާލުގެ ޖަވާބު ހޯދުމަށް ކާންޓަރ އޭނާގެ ދިގު މުއްދަތުގެ ތަޖުރިބާގެ އަލީގައި ބެލީ، މަސައްކަތުގެ މައިދާނުގައި ކާމިޔާބު އަދި އުފާވެރިކަމާއެކު އުޅެނީ ކޮންބައެއްތޯއެވެ. އޭނާއަށް ފާހަގަކުރެވުނު ގޮތުގައި، މިފަދަ މީހުންގެ މެދުގައި ދެ ކަމެއް ވަރަށް ބޮޑަށް އެއްގޮތެވެ. އެއީ "ފަންނުވެރި ހުނަރު" (craft) އަދި "މުޖުތަމައުގެ ބޭނުންތެރިކަން" (need) އެވެ.

ކާންޓަރ "ފަންނުވެރި ހުނަރު" މާނަކުރަނީ ތަޖުރިބާ އާއި އިންސާނީ ހުނަރުގެ މައްޗަށެވެ. އޭނާ ލިޔެފައިވާ ގޮތުގައި، މިއީ އޮޕަރޭޝަން ކުރާ ޑޮކްޓަރެއްގެ އަތުގައި ހުންނަ ފަންނުވެރިކަމެވެ. ނުވަތަ ލިޔުންތެރިއަކު ނުވަތަ ޑައިރެކްޓަރަކު ބެލުންތެރިންގެ ސަމާލުކަން އެތައް ގަޑިއިރަކަށް ހިފަހައްޓާލާ ހުނަރެވެ. އަދި ކައްކާ މާހިރުން ތައްޔާރުކުރާ ކާނާ އެހާ މީރުވަނީވެސް މި ފަންނުވެރިކަމުގެ ސަބަބުންނެވެ.

ކާންޓަރ ގަބޫލުކުރާ ގޮތުގައި، އަމިއްލަ ފަންނުވެރިކަން ތަރައްގީކުރުމަކީ ވަޒީފާގެ މައިދާނުގައި ބަދަލުކޮށްލެވޭނެ އާދައިގެ މީހަކަށް ވުމުން ސަލާމަތްކޮށްދޭނެ ކަމެކެވެ. މިއީ އާޓިފިޝަލް އިންޓެލިޖެންސް ގެ ސަބަބުން ވަޒީފާތަކަށް ނުރައްކާވަމުންދާ މި ދުވަސްވަރު ވަރަށް މުހިންމު ކަމެކެވެ. އިންސާނީ ހުނަރަކީ އެހެން އެއްޗަކަށް ބަދަލު ނުކުރެވޭނެ އެއްޗެއްކަން ފާހަގަކުރަމުން އޭނާ ބުނެފައިވަނީ، އޭއައި އިން ތައްޔާރުކުރާ ރިޕޯޓެއް ކިތަންމެ ފުރިހަމަޔަސް، އޭގައި އިންސާނެއްގެ ވިސްނުމާއި އަސަރު ނުހުންނާތީ އެއީ ފުރިހަމަ އެއްޗަކަށް ނުވާނެ ކަމަށެވެ.

މީގެ އިތުރުން، ކާމިޔާބު މީހުންނަކީ އަބަދުވެސް "މުޖުތަމައުގެ ބޭނުންތައް" ދެނެގަނެ، އެކަންކަން ހައްލުކުރުމަށް މަސައްކަތްކުރާ މީހުންނެވެ. ކާންޓަރ ބުނާ ގޮތުގައި، މުޖުތަމައަށް ބޭނުންވަނީ ކޮން ކަމެއްކަން ދެނެގަތުމަށްޓަކައި އަމިއްލައަށް ކަންކަން ބަލައި، ދިރާސާކުރަންޖެހެއެވެ. އެގޮތުން، ކުރިއަށް އޮތް ތަނުގައި މީހުންނަށް ބޭނުންވާނީ ކޮން ފަދަ ޚިދުމަތްތަކެއް ނުވަތަ އުފެއްދުންތަކެއްތޯ ވިސްނުން މުހިންމެވެ.

ކާންޓަރ އޭނާގެ ފޮތް ލިޔުނުއިރު އޭއައިގެ ސަބަބުން ވަޒީފާތަކަށް ކުރާނެ އަސަރާމެދު ވަރަށް ބޮޑަށް ވިސްނާފައިވެއެވެ.

މާސަރ ކުންފުނިން ދުނިޔޭގެ އެކި ކަންކޮޅުތަކުން 12,000 މީހުންގެ މެދުގައި ކުރި ސާވޭއަކުން ދައްކާ ގޮތުގައި، އޭއައިގެ ސަބަބުން ވަޒީފާ ގެއްލިދާނެ ކަމުގެ ބިރުވެރިކަން ވަނީ 2024 ވަނަ އަހަރު ހުރި 28 އިންސައްތައިން، 2026 ވަނަ އަހަރާ ހަމައަށް 40 އިންސައްތައަށް އުފުލިފައެވެ.

އެހެންނަމަވެސް، ކާންޓަރ ނަސޭހަތްތެރިވަނީ އާ ޓެކްނޮލޮޖީއަށް އޮންނަ ބިރެއްގެ ސަބަބުން މުސްތަގުބަލުގެ ވަޒީފާގެ ނިންމުންތައް ނުނިންމުމަށެވެ. "މީގެ ފަސް އަހަރު ނުވަތަ ދިހަ އަހަރު ފަހުން ވަޒީފާގެ މައިދާން އޮންނާނެ ގޮތެއް އަޅުގަނޑުމެން އެކަކަށްވެސް ނޭނގޭ. އެކަމާ ބެހޭގޮތުން ދައްކާ ގިނަ ވާހަކަތަކަކީ ހަމައެކަނި އަންދާޒާތަކެއް،" އޭނާ ބުންޏެވެ.

އޭނާގެ މަގުސަދަކީ ކޮންމެ ޒަމާނަކަށްވެސް ފެތޭނެ، ދެމިއޮންނަނިވި އިރުޝާދުތަކެއް ޒުވާނުންނަށް ފޯރުކޮށްދިނުމެވެ. އޭނާ ބުނާ ގޮތުގައި، ހަމައެކަނި "ޝައުގުވެރިކަމަށް ތަބާވުމަކީ" މިޒަމާނުގައި އަމަލީ ގޮތުން އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އޭގެ ބަދަލުގައި، ޒުވާނުން އިސްކަންދޭންވީ އެމީހުންގެ ޝައުގުވެރިކަމާއި ދުނިޔެއަށް ބޭނުންވެފައިވާ ކަންކަމާ ގުޅުވައިލެވޭނެ ގޮތަކަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *