ކުދިންގެ ތަޢުލީމީ ކުރިއެރުމާއި، އަމިއްލަ ޝަޚުޞިއްޔަތު ބިނާކުރުމާއި، އަދި ކުރިމަގުގެ ކާމިޔާބީއަށް އެންމެ މުހިންމު އެއް ކަމަކީ ގަވާއިދުން ސްކޫލަށް ހާޒިރުވުމެވެ. ނަމަވެސް، ފަހަކަށް އައިސް ގިނަ ގައުމުތަކެއްގައި ކުދިން ސްކޫލަށް ހާޒިރުނުވުމާއި ގަޑިޖެހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ވަކިން ހާއްސަކޮށް ކޮވިޑް-19 ގެ ބަލިމަޑުކަމަށްފަހު، ކުރިއަރާފައިވާ ގައުމުތަކާއި ކުރިއަރަމުން އަންނަ ގައުމުތަކުގައި ވެސް މި މައްސަލަ ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ. ގަވާއިދުން ސްކޫލަށް ހާޒިރުނުވުމާއި ގަޑިޖެހިގެން ސްކޫލަށް ދިއުން އާދަވުމުގެ ސަބަބުން ކިޔެވުމުގެ ފުރުސަތުތައް ގެއްލި، އިޖުތިމާޢީ ގުޅުންތައް ބަލިކަށިވެ، އަދި ކިޔެވުން މެދުކަނޑާލުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ.
ދުނިޔޭގެ ހާލަތު
ސްކޫލަށް ހާޒިރުނުވާ ދަރިވަރުންގެ އަދަދު މުޅި ދުނިޔޭގައި ވެސް ކަންބޮޑުވާ މިންވަރަށް ދަނީ އިތުރުވަމުންނެވެ. ޔުނެސްކޯއިން ބުނެފައިވާ ގޮތުގައި، މިލިއަނުން ގުނާލެވޭ ކުދިން ގަވާއިދުން ސްކޫލަށް ހާޒިރުނުވެއެވެ. އަދި ކޮވިޑްގެ 19އިގެ ބަލިމަޑުކަމަށްފަހު ހާލަތު ބަދަލުވެގެންދިޔަ ނަމަވެސް، ގިނަ ކުދިންނަށް އަދިވެސް ގަވާއިދުން ހާޒިރުވުމަށް ދަތިތަކެއް ކުރިމަތިވެފައިވެއެވެ.
ދިވެހިރާއްޖެ
ރާއްޖޭގެ ހާލަތަށް ބަލާއިރު، 8000 އަށްވުރެ ގިނަ ދަރިވަރުން ގަވާއިދުން ސްކޫލަށް ހާޒިރު ނުވާކަމުގެ ކަންބޮޑުވުން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވަނީ ފާޅުކުރައްވާފައެވެ.
ރާއްޖޭގެ ކިޔަވާކުދިންގެ އާބާދީއަށް ބަލާއިރު، އެކަށީގެންވާ ސަބަބެއް ނެތި ސްކޫލަށް ހާޒިރުނުވާ ކުދިންގެ އަދަދު ނިސްބަތުން ބޮޑެއެވެ. މި މައްސަލައަށް އެކަށީގެންވާ ހައްލެއް ހޯދުމަށް ސްކޫލްތަކާއި މުދައްރިސުން ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަން ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ސްކޫލަށް ނުދާ ކުދިންގެ މައްސަލަ މިހާ ބޮޑުވެފައިވާއިރު، ކުދިންގެ ހާޒިރީ ކޮންމެ ދުވަހަކު މޮނީޓާ ކުރުމުގެ މަސައްކަތް ވެސް އެޑިޔުކޭޝަން މިނިސްޓްރީން އަންނަނީ ކުރަމުންނެވެ. މީގެ ސަބަބުން ދުވަހުން ދުހަށް ހާލަތު ވަޒަން ކުރުމަށް މަގުފަހިވެގެންދެއެވެ.

އެމެރިކާ: އެމެރިކާގެ އެޑިއުކޭޝަން ޑިޕާޓްމަންޓުން 2024 ވަނަ އަހަރު ނެރުނު "ދަރިވަރުން ސްކޫލަށް ހާޒިރުވުމާއި ދާއިމީގޮތެއްގައި ސަލާމްބުނުމާ ގުޅޭ ރިޕޯޓު" ން އެނގޭގޮތުގައި ި 2021-2022 ވަނަ ދިރާސީ އަހަރު ކޮންމެ ތިން ކުއްޖަކުން އެކަކު (ގާތްގަނޑަކަށް %31 ކުދިން) ވަނީ ގަވާއިދުން ސްކޫލަށް ހާޒިރުނުވެފައެވެ. މިއީ ކޮވިޑް 19އިގެ ބަލިމަޑުކަމުގެ ކުރިން ހުރި %15 އާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ.
އިނގިރޭސިވިލާތް: އިނގިރޭސިވިލާތުގެ ތަޢުލީމީ ވުޒާރާއިން ހާމަކުރާ ގޮތުގައި، ސްކޫލަށް ހާޒިރުނުވުމުގެ މައްސަލަ އަދިވެސް ހުރީ ބަލިމަޑުކަމުގެ ކުރިން ހުރި މިންވަރަށްވުރެ މަތީގައެވެ. ވަކިން ހާއްސަކޮށް ސެކަންޑަރީ ގްރޭޑްތަކުގެ ކުދިންނާއި އާމްދަނީ ދަށް އާއިލާތަކުގެ ކުދިން ހާޒިރުކުރުވުމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ.
އޮސްޓްރޭލިއާ: އޮސްޓްރޭލިއާގައި ސްކޫލަށް ހާޒިރުވުމުގެ މައްސަލައަކީ ގައުމީ ފެންވަރުގައި ހާއްސަ އިސްކަމެއް ދީގެން ބަލަމުންދާ ކަމެކެވެ. ހާޒިރީ ރޭޓް ނިސްބަތުން ރަނގަޅުވި ނަމަވެސް، ރަށްފުށު ސަރަހައްދުތަކާއި އެހީތެރިކަމަށް ބޭނުންވާ ކުދިންގެ މެދުގައި ހާޒިރުނުވުމުގެ މައްސަލަ ދަނީ އިތުރުވަމުންނެވެ.
ފިންލޭންޑް: ފިންލޭންޑަކީ ސްކޫލްތަކާއި، ބެލެނިވެރިންނާއި، ސައިކޮލޮޖިސްޓުން އަދި ސޯޝަލް ވޯކަރުން ގުޅިގެން ކުރާ މަސައްކަތުން ހާޒިރީ ރޭޓް މަތީ މިންވަރެއްގައި ހިފަހައްޓަމުންދާ ގައުމެކެވެ. އެ ގައުމުގައި މައްސަލަ ބޮޑުވުމުގެ ކުރިން އެކަން ދެނެގަނެ، އެހީތެރިކަން ފޯރުކޮށްދިނުމުގެ ވަރުގަދަ ނިޒާމެއް އޮވެއެވެ.
ޖަޕާން: ޖަޕާނުގައި ފަހަކަށް އައިސް ސްކޫލަށް ދާން ދެކޮޅުހަދާ ކުދިންގެ އަދަދު ވަނީ ރެކޯޑް މިންވަރަކަށް އިތުރުވެފައެވެ. އެ ގައުމުގެ ތަޢުލީމީ ވުޒާރާއިން ބުނާ ގޮތުގައި މީގެ މައިގަނޑު ސަބަބުތަކަކީ ނަފްސާނީ ބަލިމަޑުކަމާއި، ގަނާކުރުމާއި، ކިޔެވުމާ ގުޅިގެން އަންނަ ފިއްތުންތަކެވެ.
ސްކޫލަށް ހާޒިރުނުވުމާއި ގަޑިޖެހުމަށް ދިމާވާ ސަބަބުތައް
ދިރާސާތަކުން ދައްކާ ގޮތުގައި މިކަމަށް ދިމާވާ ބައެއް މައިގަނޑު ސަބަބުތަކަކީ:
- ނަފްސާނީ ދުޅަހެޔޮކަން: ބަލިމަޑުކަމަށްފަހު ކުދިންގެ މެދުގައި ހާސްކަމާއި، މާޔޫސްކަމާއި، އަދި ނަފްސާނީ ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ.
- ގަނާކުރުން : ސްކޫލުގައި ގަނާކުރުމުގެ ޝިކާރައަކަށްވާ ކުދިން ސްކޫލަށް ދާން ބިރުގަނެ، ހާޒިރުވުމަށް ފަސްޖެހެއެވެ.
- އާއިލީ ހާލަތު: އާއިލީ މައްސަލަތަކާއި، މާލީ ދަތިކަމާއި، ހާޒިރީއަށް އަސަރުކުރާ ކަންކަމެވެ.
- ޝައުގުވެރިކަން ކުޑަވުން: ކިޔަވައިދޭ ތަކެއްޗަށް ޝައުގުވެރިކަން ނެތުމާއި، ޓީޗަރުންނާ އޮންނަ ގުޅުން ކުޑަވުމުން ކުދިން ސްކޫލަށް ދާން ބޭނުންނުވެއެވެ.
- ނިދި މަދުވުން: ރޭގަނޑު ދަންވަރު ފޯނާއި، ސޯޝަލް މީޑިއާ އަދި ގޭމް ކުޅުމުގައި ވަގުތު ހޭދަކުރުމުގެ ސަބަބުން ހެނދުނު ހޭލަން އުނދަގޫވެ، ގަޑިޖެހުމަށް މަގުފަހިވެއެވެ.
- ސިއްހީ މައްސަލަތައް: ދާއިމީ ބަލިތަކާއި ސިއްހީ އެކި މައްސަލަތަކުގެ ސަބަބުން ވެސް ސްކޫލަށް ހާޒިރުވުމަށް ހުރަސްއެޅެއެވެ.
ހާޒިރުނުވުމުގެ ނަތީޖާ
ގަވާއިދުން ސްކޫލަށް ހާޒިރުނުވާ ކުދިންނަށް ކުރިމަތިވެދާނެ ބައެއް ނޭދެވޭ އަސަރުތަކަކީ:
• އިމްތިހާންތަކުން ނަތީޖާ ދަށްވުން.
• ލިޔަންކިޔުމާއި ހިސާބު އިލްމަށް ބަލިކަށިވުން.
• އެކަހެރިވުމާއި އިޖުތިމާޢީ ގުޅުންތައް ކުޑަވުން.
• އަޚުލާގީ މައްސަލަތައް ކުރިމަތިވުން.
• ކިޔެވުން ފުރިހަމަނުކޮށް ސްކޫލުން ވަކިވުން.
• ކުރިމަގުގައި ވަޒީފާގެ ފުރުސަތުތައް ހަނިވުން.
އެކި ގައުމުތަކުން ބޭނުންކުރާ ހައްލުތައް
އެމެރިކާ: "އާލީ ވޯނިންގ ސިސްޓަމް" މެދުވެރިކޮށް ކޮންމެ ދުވަހަކު ކުދިންގެ ހާޒިރީ ބަލައި، ކުއްޖަކު ހާޒިރުނުވާނަމަ ވަގުތުން ބެލެނިވެރިންނަށް މެސެޖު ނުވަތަ ފޯނު ކޯލް މެދުވެރިކޮށް އަންގައެވެ.
އިނގިރޭސިވިލާތް: "އެޓެންޑަންސް އޮފިސަރުން" އާއިލާތަކާ ގާތުން މަސައްކަތްކޮށް، ގޭގެއަށް ޒިޔާރަތްކޮށް، ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއެވެ.
ފިންލޭންޑް: އަދަބު ދިނުމުގެ ބަދަލުގައި، މައްސަލަ ދިމާވާ ސަބަބު ދެނެގަނެ، ޓީޗަރުންނާއި ސައިކޮލޮޖިސްޓުން ގުޅިގެން ކުއްޖާއަށް އެހީތެރިވެއެވެ.
އޮސްޓްރޭލިއާ: ހެނދުނުގެ ނާސްތާ ޕްރޮގްރާމްތަކާއި، ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ހާއްސަ ހަރަކާތްތައް ހިންގައެވެ.

ކާމިޔާބު ހައްލުތަކާއި ހުށަހެޅުންތައް
ދިރާސާތަކުގެ މައްޗަށް ބިނާކޮށް މިކަން ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތައް ކަމަށް ފާހަގަކޮށްފައިވަނީ:
- ގުޅުން ބަދަހިކުރުން: ޓީޗަރުންނާއި ކުދިންނާ ދެމެދު އޮންނަ ގުޅުން ރަނގަޅުކުރުން.
- ނަފްސާނީ އެހީތެރިކަން: ސްކޫލްތަކުގައި ކައުންސިލިންގ އާއި ނަފްސާނީ އެހީތެރިކަން އިތުރުކުރުން.
- ބެލެނިވެރިންގެ ބައިވެރިވުން: ސްކޫލާއި ބެލެނިވެރިންނާ ދެމެދު އޮންނަ މުއާމަލާތް ވަރުގަދަކުރުން.
- ކިޔަވައިދިނުން ޝައުގުވެރިކުރުން: އަމަލީ ގޮތުން ބައިވެރިވެވޭ ގޮތަށް ފިލާވަޅުތައް ބައްޓަންކުރުމާއި ސްކޫލަކީ ދަރިވަރުންނަށް އުޅެން ފަސޭހަ، ޝައުގުވެރި މާހައުލަކަށް ހެދުން.
- ހާޒިރީ ބެލުން: މައްސަލަ ބޮޑުވުމުގެ ކުރިން، މަދު ދުވަސްކޮޅަކު ހާޒިރުނުވިޔަސް އެކަން ދެނެގަނެ ފިޔަވަޅު އެޅުން.
ސްކޫލަށް ހާޒިރުނުވުމަކީ މުޅި ދުނިޔެއަށް ވެސް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. މީގެ ސަބަބުތައް ތަފާތުވި ނަމަވެސް، ދިރާސާތަކުން ދައްކާ ގޮތުގައި އަދަބު ދިނުމުގެ ބަދަލުގައި، އޯގާތެރިކަމާއެކު މައްސަލަ ދެނެގަނެ، އެހީތެރިކަން ފޯރުކޮށްދީގެން މިކަމަށް ދާއިމީ ހައްލެއް ހޯދިދާނެއެވެ. ސްކޫލްތަކާއި އާއިލާތަކާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދީ، އަދި އުނގަންނައިދިނުމުގެ މާހައުލަކީ ކުދިން ގަޔާވާ ފަދަ ތަނަކަށް ހަދައިގެން، ކޮންމެ ކުއްޖަކަށްމެ ފުރިހަމަ ތަޢުލީމެއް ހާސިލުކުރުމުގެ ފުރުސަތު ފަހިކޮށްދެވިދާނެއެވެ.
advertisment
ހިޔާލު