ހުރަވީ ސްކޫލުން އިންތިޒާމުކޮށްގެން ބޭއްވި "ހުރަވީ އޯޕަން ޤުރްއާން މުބާރާތް 2026″ ގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ކުލަގަދަގޮތެއްގައި ބާއްވައިފިއެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ 2026 ޖުލައި 12 ވީ އާދީއްތަ ދުވަހު ހުރަވީ ސްކޫލްގެ ހޯލުގައެވެ.
މި މުބާރާތުގެ ނަތީޖާ އިޢުލާންކުރި އިރު، މުޅި މުބާރާތުން އެންމެ މޮޅު ވަނަތައް ހޯދި ދަރިވަރުންނަށް ވަނީ އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. އެގޮތުން، މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ހޯދާފައިވަނީ 7 އެފްގެ ދަރިވަރު އިޒްކާން ބިން ޝާހިދު އެވެ. އަދި މުޅި މުބާރާތުން ހިތުން ކިޔެވުމުގެ ގޮފިން އެއްވަނަ ހޯދާފައިވަނީ 10 ބީ 1 ގެ ދަރިވަރު ޢީސާ މީސާތް ބިން ޢަބްދުﷲ އެވެ.

މުޅި މުބާރާތުން 1 ވަނަ ހޯދާފައިވަނީ 7 އެފްގެ އިޒްކާން ބިން ޝާހިދު އެވެ.
މި ރަސްމިއްޔާތުގައި ޚާއްޞަ ކަމެއްގެ ގޮތުން، ކީރިތި ޤުރްއާން ހިތުދަސްކޮށް ޙާފިޡްކަމުގެ ސަނަދު ހާސިލްކޮށްފައިވާތީ، 8 އެޗްގެ ދަރިވަރު އަލްޙާފިޡް ޢަބްދުﷲ ޢައްޔާޝް އިބްރާހީމް ޝާހްގެ އަގުވަޒަންކޮށް، ސްކޫލުން ދޭ ޚާއްޞަ ބެޖާއި ހަނދާނީ ފިލާ އަދި ސޭޝް ވަނީ އަރުވާފައެވެ.
ޢައްޔާޝްއަކީ އުމުރުން އެންމެ 8 އަހަރުގައި، 12 ޖަނަވަރީ 2020 ގައި ކީރިތި ޤުރްއާން ހިތުދަސްކުރަން ފެށި ނަމޫނާ ދަރިވަރެކެވެ. ކޯވިޑްގެ ދަތި ދުވަސްވަރުގައިވެސް ދޫނުދޭ ފަދަ ވަރުގަދަ ޢަޒުމަކާއެކު މަސައްކަތްކޮށް، 28 މާރިޗް 2024 ގައި އޭނާ ވަނީ މުޅި ޤުރްއާން ހިތުދަސްކޮށް ނިންމާފައެވެ. އޭގެ ފަހުން މުރާޖަޢާގެ މަރުޙަލާތައް ފުރިހަމަކޮށް، 12 މާރިޗް 2026 ގައި އުމުރުން އެންމެ 13 އަހަރުގައި ޢައްޔާޝް ވަނީ ޙާފިޡުކަމުގެ ސަނަދު ހާސިލުކޮށްފައެވެ.

މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާނަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ލެކްޗަރަރ އަލްފާޟިލް އިބްރާހީމް ރަޝީދު ޙަސަން އެވެ. މި ރަސްމިއްޔާތުގައި ސްކޫލްގެ އިސްވެރިންނާއި، މުދައްރިސުންގެ އިތުރުން ގިނަ އަދަދެއްގެ ބެލެނިވެރިން ބައިވެރިވެފައިވެއެވެ.
ހުރަވީ ސްކޫލުން މިފަދަ މުބާރާތެއް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބިޖެއްސުމާއި، ތަޖުވީދުގެ މަގުން ރީތިކޮށް ޤުރްއާން ކިޔަވަން ދަރިވަރުންނަށް ދަސްކޮށްދިނުމެވެ.
advertisment
ހިޔާލު