ބައިނަލްއަޤްވާމީ "ކިއު.އެސް ސްޓާރސް" ރޭޓިންގެ އެންމެ މަތީ ދަރަޖަ ކަމަށްވާ 5 ތަރީގެ ރޭޓިންގ ވިލާ ކޮލެޖަށް

ދުނިޔޭގެ ފެންވަރުގައި ޔުނިވަރސިޓީތަކާއި ކޮލެޖުތަކުގެ ފެންވަރު ވަޒަންކުރާ އެންމެ މަޝްހޫރު އެއް އިދާރާ ކަމުގައިވާ ކިއުއެސް – ކުއަކުއަރެލީ ސައިމަންޑްސް (QS Quacquarelli Symonds) ގެ "ކިއު.އެސް ސްޓާރސް" ރޭޓިންގ ނިޒާމުގެ ދަށުން ވިލާ ކޮލެޖަށް 5 ތަރީގެ ރޭޓިންގއެއް ލިބިއްޖެއެވެ. މިއީ ކިއު.އެސް ސްޓާރސް އިން ވިލާ ކޮލެޖު ވަޒަންކުރި ދެވަނަ ފަހަރު ކަމަށްވާއިރު، ދެ އަހަރު ދުވަހުގެ ކުރު މުއްދަތެއްގެ ތެރޭގައި 4 ތަރިން 5 ތަރިއަށް ކޮލެޖުގެ ރޭޓިންގ ކުރިއަރައިގެން ދިއުމަކީ ޙާޞިލުކުރެވުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.

މި ރޭޓިންގ ރަސްމީކޮށް އިޢުލާންކޮށްފައިވަނީ މިއަދު ހެނދުނު ވިލާ ކޮލެޖުގައި ބޭއްވި "ވީ.ސީ ބްރެކްފަސްޓް" ނެޓްވޯކިންގ ޙަރަކާތުގައެވެ. މި ރަސްމިއްޔާތުގައި ކިއު.އެސް ސްޓާރސްގެ ނަތީޖާ އިޢުލާންކޮށްދެއްވައި، ރެކޮގްނިޝަން ސެޓްފިކެޓް ވިލާ ކޮލެޖާ ޙަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު، ކިއު.އެސް އިންޑިއާގެ ޗެއަރ އަދި ވައިސް ޕްރެޒިޑެންޓް އޮފް ސްޓްރެޓީޖިކް އެންޑް އިންޓަނޭޝަނަލް އެންގޭޖްމަންޓް، ޑރ. އަޝްވިން ފެނާންޑޭޒް އެވެ. ވިލާ ކޮލެޖުގެ ފަރާތުން މި ޝަރަފުވެރި ސެޓްފިކެޓާ ޙަވާލުވެވަޑައިގަތީ ކޮލެޖުގެ ރެކްޓަރ ޑރ. އަޙްމަދު އަންވަރާއި ވައިސް ރެކްޓަރ، އެސޯސިއޭޓް ޕްރޮފެސަރ ޑރ. ޢަލީ ނަޖީބެވެ.

ކިއު.އެސް ސްޓާރސްގެ މެތަޑޮލޮޖީގެ ދަށުން ކުރެވުނު އޮޑިޓަށްފަހު، ވަޒަންކުރެވުނު 9 ދާއިރާގެ ތެރެއިން މައިގަނޑު 6 ދާއިރާއަކުން ވިލާ ކޮލެޖަށް ވަނީ އެންމެ މަތީ ދަރަޖަ ކަމުގައިވާ 5 ތަރި ލިބިފައެވެ. އެ ދާއިރާތަކަކީ:

  • ކިޔަވައިދިނުމުގެ ފެންވަރު (Teaching)
  • ދަރިވަރުންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުން (Employability)
  • އޮންލައިންކޮށް ކިޔަވައިދިނުން (Online Learning)
  • ބައިނަލްއަޤްވާމީ ގުޅުންތައް (Global Engagement)
  • ހަރުދަނާ ހިންގުން (Good Governance)
  • ތިމާވެއްޓަށް ކުރާ އަސަރު (Environmental Impact)

މީގެ އިތުރުން، އެކަޑަމިކް ޑިވެލޮޕްމަންޓް (Academic Development) އާއި، ޑައިވަރސިޓީ، އެކުއިޓީ އަދި އިންކްލޫޝަން (Diversity, Equity & Inclusion) ގެ އިތުރުން، ވިލާ ކޮލެޖުގެ މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (MBA) ޕްރޮގްރާމަށް ވަނީ 4 ތަރި ލިބިފައެވެ.

މި ޙަރަކާތުގައި "Our Journey of Impact, Growth and Aspirations" މި މައުޟޫޢަށް މަރުޙަބާގެ ބަސްފުޅު ވިދާޅުވަމުން، ވިލާ ކޮލެޖުގެ ވައިސް ރެކްޓަރ، ޑރ. ޢަލީ ނަޖީބު ވަނީ ކިއު.އެސް ސްޓާރސް އިން ލިބުނު ކާމިޔާބީއަށް އަލިއަޅުއްވާލައްވާފައެވެ. ޑރ. ނަޖީބު ވިދާޅުވީ، "ދުނިޔޭގެ އެންމެ އިތުބާރުހުރި އެއް އިދާރާ ކަމަށްވާ ކިއު.އެސް އިން 5 ތަރީގެ އެންމެ މަތީ ރޭޓިންގއެއް ލިބުމަކީ، ވިލާ ކޮލެޖުން ފޯރުކޮށްދޭ ތަޢުލީމުގެ ފެންވަރާއި، މުއައްސަސާގެ ހިންގުން ބައިނަލްއަޤްވާމީ މިންގަނޑުތަކުން ބަލައިގަތްކަމުގެ އަލިގަދަ ހެއްކެއް. މިއީ އަޅުގަނޑުމެންގެ 'ޖަރނީ އޮފް އިމްޕެކްޓް' ގައި ޙާޞިލުކުރެވުނު ވަރަށް ތާރީޚީ ކާމިޔާބީއެއް، އަދި މުޅި ރާއްޖޭގެ މަތީ ތަޢުލީމީ ދާއިރާއަށްވެސް ލިބުނު ވަރަށް ބޮޑު ފަޚުރެއް،" ކަމަށެވެ.

 

މީގެ އިތުރުން، ކޮލެޖުގެ ކުރިމަގުގެ އަމާޒުތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ޑރ. ނަޖީބު ވަނީ ކޮލެޖުގެ އައު އިސްނެގުމެއް ކަމުގައިވާ "އެލަމްނައި މެންޓަރިންގ އިނިޝިއޭޓިވް" ވަރަށް އަވަހަށް ތަޢާރަފުކުރައްވާނެކަން އިޢުލާންކުރައްވާފައެވެ. އިންޑަސްޓްރީގެ ތަޖުރިބާކާރުންނާއި ފަންނީ ބޭފުޅުންނާ ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ، ދަސްވެނިވާ ދަރިވަރުންނަށް ހަމައެކަނި ފަންނީ މަޢުލޫމާތުގެ ބަދަލުގައި، ވަޒީފާގެ އަމަލީ މާޙައުލުގައި ބޭނުންހިފޭނެ ލީޑަރޝިޕް ހުނަރާއި މުހިންމު ސޮފްޓް ސްކިލްސް ދަސްކޮށްދީ މެންޓަރ ކުރުމެވެ. ޑރ. ނަޖީބު ފާހަގަކުރެއްވި ގޮތުގައި، މިއީ ޤައުމީ ތަރައްޤީއަށް ބޭނުންވާ ޤާބިލު ޖީލެއް ބިނާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.

ޝަރަފުވެރި މެހެމާނު ޑރ. އަޝްވިން ފެނާންޑޭޒް ދެއްކެވި ވާހަކަފުޅުގައި، ވިލާ ކޮލެޖުން ހޯދި މި ކާމިޔާބީއަކީ މުޅި ދިވެހިރާއްޖެއަށް ލިބުނު ފަޚުރެއްކަން ފާހަގަކުރެއްވިއެވެ. އަދި ކިއު.އެސް ސްޓާރސް އަކީ ހަމައެކަނި ޔުނިވަރސިޓީ ރޭންކިންގއެއް ނޫން ކަމަށާއި، އެއީ 50 އަށްވުރެ ގިނަ އިންޑިކޭޓަރުގެ މައްޗަށް ބިނާކޮށް، މުއައްސަސާގެ ފެންވަރު 360 ޑިގްރީން ވަޒަންކޮށްދޭ ފުރިހަމަ ނިޒާމެއްކަން އޭނާ ބަޔާންކުރެއްވިއެވެ. މީގެ އިތުރުން، "Small Nation, Global Talent: Building a Future-Ready Workforce for the Maldives" މި މައުޟޫޢުގެ ދަށުން ޑރ. ފެނާންޑޭޒް ވަނީ ޚާއްޞަ ލީޑަރޝިޕް ޓޯކެއްވެސް ދެއްވާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *