ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި، ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަސް އަދި ދުނިޔޭގެ ފޮތުގެދުވަސް ފާހަގަކުރުމުގެ ގޮތުން ވަނީ ހަފްލާއެއް ބާއްވައިފިއެވެ.
މިއަހަރަކީ ޔުނިވަރސިޓީގެ ކުތުބުޚާނާ، ޒަމާނާ އެއްގޮތަށް މަރާމާތުކުރުމަށްފަހު 5 މެއި 2015 ގައި އަލުން ހުޅުވާ، ޚިދުމަތް ދެމުން އަންނަތާ 10 އަހަރު ފުރުނު އަހަރެވެ. އެހެންކަމުން ލައިބްރަރީ މުވައްޒަފުން އެކުލަވައިލި، ފާއިތުވެދިޔަ 10 އަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތުގެ ޑޮކިއުމެންޓަރީ ވިޑިއޯއެއް މިހަފްލާގައި ހުށައެޅިއެވެ.
ޙަސަން ޤާސިމް 1990 ވަނަ އަހަރު އަތުން ލިޔުއްވާފައިވާ ދިވެހިބޭސްވެރިކަމުގެ 3 ފޮތް ރުއްގަލުބޭސް، ޢިލާޖުލްޣުރްބާ، އެކިއެކި ޝަރުބަތާއި މަޢުޖޫން، ލައިބްރަރީން ކޮމްޕިޔުޓަރުން ލިޔެ އެކުލަވާލުމަށްފަހު، ތަޢާރަފްކުރިއެވެ. އަދި މިބޭސްވެރިކަމުގެ މަސައްކަތުގެ ވީޑިއޯއެއް ވެސް ހުށަހެޅިއެވެ. އެއަށްފަހު، އަގުވަޒަންކުރުމުގެ ގޮތުން އަލްފާޟިލް ޙަސަން ޤާސިމަށް ހަނދާނީ ފިލައެއް ވަނީ އަރުވާފައެވެ.
ޔުނިވަރސިޓީގެ ލައިބްރަރީ އިން "ހޮބާ" ގެ ނަމުގައި އުފައްދާ ތަރައްޤީކުރަމުން އަންނަ، އަދި ޢާންމުކޮށް ހުޅުވައިލެވިފައިވާ، ޑިޖިޓަލް ވެބްސައިޓުގައި ތަފާތު ޖަމާތައް ހިމެނުމުގެ މަސައްކަތް އަންނަނީ ކުރަމުން، އެގޮތުން 47 އަހަރުވެފައިވާ މި މުއައްސަސާގެ ތާރީޚް އަރުޝީފުކުރުމާއި ޢާންމުކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައިކަން އިޢުލާންކުރިއެވެ.
މިހަފުލާގައި 8 ފަރާތަކުން އަގުހުރި ފޮތާއި އޯޑިއޯ ފައިލްސް ހަދިޔާކުރެއްވިއެވެ. އަދި މިފަރާތްތަކަށް އަގުވަޒަންކުރުމުގެ ލިޔުން ހަވާލު ކުރެވުނެވެ.
advertisment
ހިޔާލު