މަތީ ތައުލީމަށްދާ ދަރިވަރުންގެ ތެރެއިން ސައިންސްގެ ދާއިރާއިން ކިޔަވަނީ އެންމެ 11 އިންސައްތަ ދަރިވަރުން

މަތީ ތައުލީމުގައި ކިޔަވަމުންދާ 28،000 ދަރިވަރުންގެ ތެރެއިން ސައިންސްގެ ދާއިރާއިން ކިޔަވަނީ އެންމެ 11 އިންސައްތަ ދަރިވަރުން ކަމަށާއި އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވެއްޖެއެވެ.

މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ހަފުލާގައި، ތަފާސް ހިސާބުތަކުގެ މައްޗަށް ރިޔާއަތްކުރައްވައި، އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވި ގޮތުގައި، މަތީ ތައުލީމު ހާޞިލްކުރަމުންދާ ދަރިވަރުންގެ 51 އިންސައްތަ ދަރިވަރުން ކިޔަވަމުން ދަނީ ވިޔަފާރިއާއި ހިންގުމާއި ގާނޫނީ ދާއިރާއިންނެވެ. ތައުލީމީ ދާއިރާއިން 14 އިންސައްތަ ދަރިވަރުން ކިޔަވަމުންދާއިރު ސިއްހީ ދާއިރާއިން ވެސް ކިޔަވަނީ 14 އިންސައްތައެއްހާ ދަރިވަރުންނެވެ.

މިނިސްޓަރު ވިދާޅުވީ، ސައިންސްގެ މާއްދާތަކުން ކުރިއަށްދާ ދަރިވަރުން މަދުވީ މަޖުބޫރު މާއްދާގެ ތެރޭގައި ހިމެނޭ ހިސާބު މާއްދާ އޯލެވެލްގައި ދޫކޮށްލުމުގެ ފުރުސަތު ދެވިފައި އޮތުމުން ކަމަށެވެ. އެކަން ބަދަކުކޮށް އެ މާއްދާ މަޖުބޫރު ކުރުމުގެ ނަތީޖާ ކުރިއަށް އޮތް ދެތިން އަހަރު ދުވަހުގެ ތެރޭގައި ފެނިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ތިން ހަތަރު އަހަރެއް ނަގާނެ އޭގެ އަސްލު އިމްޕެކްޓް ދެނެގަންނަން. އޭގެ ސަބަބުން ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލްކުރަންދާ ދަރިވަރުންގެ އަދަދު ގިނަވެގެންދާނެ،" ޑރ. އިސްމާޢިލް ވިދާޅުވިއެވެ.

އޯލެވެލް ނިންމައި، އޭލެވެލްއަށްފަހު، ކުރިއަށްދާން ބޭނުންވާ ކޮންމެ ރޮނގަކުން ކުރިއަށް ދިއުމުގެ ފުރުޞަތު ހުޅުވިފައިވާތީ، އޭގެ ބޭނުން ހިފައިގެން ކުރިއަށް ދިއުމަށް ހުރިހާ ކުދިންނަށް މިނިސްޓަރު، އިލްތިމާސް ކުރެއްވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *