ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކުރާ "އެމް.އެން.ޔޫ ފަހި ދުވަސް 2026″ މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ހަރަކާތަކީ މަތީ ތަޢުލީމަށް އުންމީދުކުރާ ދަރިވަރުންނާއި، ބެލެނިވެރިން އަދި އާންމު ފަރާތްތަކަށް އަމާޒުކޮށްގެން، އެއް ތަނަކުން އެޑްމިޝަންގެ ޚިދުމަތްތަކާއި، ކެރިއަރ ގައިޑަންސް އަދި ތަޢުލީމީ ދާއިރާތަކާ ގުޅުންހުރި ތަަފާތު ތަޖުރިބާތައް ފޯރުކޮށްދިނުމަށް ބާއްވާ ހަރަކާތެކެވެ.

މާދަމާ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ވެސް އެމް.އެން.ޔޫގެ މަރުކަޒީ އިދާރާގައި ކުރިއަށް ގެންދާނެ މި ހަރަކާތަކީ، ޔުނިވަރސިޓީގެ އެކި ދާއިރާތަކުގެ ކިޔަވައިދޭ މުދައްރިސުންނާއި، މިހާރު ކިޔަވަމުންދާ ދަރިވަރުން އަދި ސިނާޢީ ދާއިރާތަކުގެ ފަރާތްތަކާ ސީދާ ބައްދަލުކޮށް، ކޯސްތަކާއި ޔުނިވަރސިޓީގެ ދިރިއުޅުމާ ބެހޭ މަޢުލޫމާތު ހޯދުމަށް ލިބޭ ރަނގަޅު ފުރުޞަތެކެވެ.
މި ހަރަކާތުގެ އެންމެ ފާހަގަކޮށްލެވޭ އެއް ޚިދުމަތަކީ "ވަން-ސްޓޮޕް އެޑްމިޝަން ސެންޓަރު" އެވެ. މި ސެންޓަރު މެދުވެރިކޮށް އެމް.އެން.ޔޫގެ އެކި ޕްރޮގްރާމްތަކާ ބެހޭ ފުރިހަމަ މަޢުލޫމާތު ހޯދުމާއި، ޝަރުޠުތައް އޮޅުންފިލުވުމާއި، ކޯސްތަކަށް ކުރިމަތިލުމުގެ އިތުރުން ރެޖިސްޓްރޭޝަންގެ ކަންކަން ޔުނިވަރސިޓީގެ މުވައްޒަފުންގެ އެހީތެރިކަމާއެކު ނިންމާލެވޭނެއެވެ. މީގެ އިތުރުން، ދަރިވަރުންގެ ޝައުޤުވެރިކަމާއި، ހުނަރާއި، މުސްތަޤުބަލުގެ އުންމީދުތަކާ ގުޅޭ ތަޢުލީމީ ދާއިރާތައް އިޚްތިޔާރުކުރުމަށް އެހީތެރިވެދޭ ކެރިއަރ ގައިޑަންސް ސެޝަންތައް ވެސް ކުރިއަށްދާނެއެވެ.

މި ޚިދުމަތްތަކުގެ އިތުރުން، އެމް.އެން.ޔޫގެ ފެކަލްޓީތަކާއި ސެންޓަރުތަކުން އިންތިޒާމުކުރާ ތަފާތު "ހޭންޑްސް-އޮން" ތަޖުރިބާތަކެއް ވެސް މި ހަރަކާތުގެ ތެރެއިން ފެނިގެންދެއެވެ. އޭގެ ތެރޭގައި ސައިންސްގެ ތަޖުރިބާތަކާއި، އިންޖިނިއަރިންގ އަދި ޓެކްނޮލޮޖީއާއި، ކުރެހުމާއި ފަންނުވެރިކަމުގެ ހަރަކާތްތަކާއި، ފިޒިއޮތެރަޕީގެ މައުލޫމާތާއި، ކަނޑުދަތުރުފަތުރުގެ ދާއިރާގެ މައުލޫމާތާއި ދިރާސާކުރުމާއި ބަހުގެ ކުޅިވަރުތައް ފަދަ ޝައުޤުވެރި ކަންކަން ހިމެނެއެވެ. މި ހަރަކާތުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)، ޕަބްލިކް ސާވިސް މީޑިއާ (ޕީ.އެސް.އެމް)، މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމް.އެސް.އެސް) އަދި ފިޒިއޯ ސޮލިއުޝަންސް ފަދަ މުއައްސަސާތަކުން ބައިވެރިވެ، ވަޒީފާގެ ފުރުޞަތުތަކާއި ސިނާޢީ ދާއިރާތަކުގެ މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވުމުގެ ފުރުޞަދު ދެއެވެ.
އެމް.އެން.ޔޫ ފަހި ދުވަސް 2026 އަށް ޒިޔާރަތްކޮށް، ތަޢުލީމީ ކުރިމަގު ބައްޓަންކުރުމުގެ މި ފުރުޞަތުގެ ބޭނުން ހިފުމަށް ހުރިހާ ދަރިވަރުންނާއި ބެލެނިވެރިންނަށް އެ ޔުނިވަރސިޓީން ދައުވަތު އަރުވައެވެ. މި ހަރަކާތް މާދަމާ، 12 ޖުލައި 2026 ގެ ނިޔަލަށް އެމް.އެން.ޔޫ މަރުކަޒީ އިދާރާގައި ކުރިއަށްދާނެއެވެ.
އެމް.އެން.ޔޫ ފަހަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ފަރާތަކަށް ލެޕްޓޮޕެއް އިނާމެއްގެ ގޮތުގައި ވަނީ ހުށައަޅާފައެވެ.
advertisment
ހިޔާލު