"ބެލެނިވެރިންނާއި ސްކޫލާއި މުދައްރިސުން ގުޅިގެން ކުރާ މަސައްކަތުން ކުއްޖާއަށް މަތީ ނަތީޖާއާ ހަމައަށް ވާޞިލްވެވެނީ. ކުއްޖެއްގެ މުސްތަގުބަލަށް އުޖާލާކުރުމަށްޓަކައި މިހާރަށްވުރެ ބޮޑަށް ވާހަކަދައްކަން އެބަޖެހޭ. ގޮންޖެހުންތައް ހައްލުކުރަންޖެހޭ. ސްކޫލުގެ ތެރޭގައި އުފެދޭ އެކިއެކި ނުތަނަވަސްކަން ހަގީގީއުނގެނުމުގެ ވެއްޓަކަށް ބަދަލުކުރަން އެބަޖެހޭ. މިއީ މިއަދު އަޒުމް އާލާކުރަންޖެހޭ ކަމެއް. މި މަގަށް މުޅި ނިޒާމު ބައްޓަން ވާން ޖެހޭ"
އުފެދޭ ނުތަނަވަސްކަމުން ހަޤީޤީ އުނގެނުމުގެ ވެއްޓަކަށް ސްކޫލުތައް ބަދަލުކުރަން އެބަޖެހޭ ކަމަށާއި އެކަން ކުރުމަށް ބެލެނިވެރިންނާއި ސްކޫލާއި މުދައްރިސުން ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު، ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ފާއިތުވި އަހަރުގެ މަތީ އަރުތަވެރިންގެ އިނާމު ދިނުމަށް މިއަދު ފެށި ރަސްމިއްޔާތުގެ ދެވަނަ ދަންފަޅީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާގެ ދެވަނަ ދަންފަޅީގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އަޅުގަނޑުމެން ދިވެހިން ވެސް ޤާބޫލުކުރަނީ މަންމަގެ އުނގަކީ ކުޑަކުއްޖެއްގެ ފުރަތަމަ މަދަރުސާ ކަމަށާއި، އެންމެ ފުރަތަމަ މުދައްރިސަކީ މަންމަ ކަމަށެވެ.
އެއިން އެނގެނީ ތައުލީމު ފޯރުކޮށްދިނުމުގައި، ކުއްޖަކު ބައްޓަން ކުރުމުގައި ދިރިއުޚުމަށް ތައްޔާރުކުރުމުގައި މައިންބަފައިންގެ އިސްދައުރު، ކަމަށާއި މުދައްރިސުންނާއި ބެލެނިވެރިން އަދި ސްކޫލުގެ އެންމެ އިސްވެރިން ހިމެނޭހެން އެންމެން ގުޅިގެން ކާމިޔާބުކަމާއެކު މަސައްކަތްކުރެވިއްޖެ އަޅުގަނޑުމެންނަށް ފޮނިނަތީޖާ ފެނިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ގޭތެރެއިން ދަރިވަރުންނަށް ދޭ ވިސްނުމުން، މުދައްރިސުންނަށް ގަދަރާއި އިހުތިރާމްކުރުމާއި ސްކޫލްތަކުގައި ހަދާފައި ހުންނަ ގަވާއިދާއި އުޞޫލުތަކަށް ހުރުމަތްތެރިކޮށް ހިތުމާއި ކިޔެވުމަށް ޝައުގުވެރިކަން އާލާކޮށްދޭ. އަދި މިއާއެކު، ކިޔެވުމުގެ މަތީގައި ދެމިހުރުމުގެ ވިސްނުން ފޯރުކޮށްދިނުމުގެ އެންމެ މުހިންމު މަރުކަޒަކީ، އެންމެ މުހިންމު ތަނަކީ، އެންމެ މުހިންމު މަދަރުސާއަކީ ވެސް ކޮންމެ ކުއްޖެއްގެވެސް ގެ" މިނިސްޓަރު އިސްމާއިލް ޝަފީއު މިއަދު ހަވީރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ސްކޫލެއްގެ ތެރެއިން މަދު ވަގުތުކޮޅެއްގެ ތެރޭގައި އަޅުގަނޑުމެންގެ މުދައްރިސުންގެ ހުނަރާ ގާބިލުކަމުން ކުއްޖަކު ވަކި މާއްދާއަކަށް ޝައުގުވެރިވާގޮތަށް ބައްޓަން ކުރެވިދާނެ ކަމަށާއި މުދައްރިސުން ކުރާކަންކަން ދެމެހެއްޓެނެވިގޮތެއްގައި ކުރިއަށް ދާނީ، ގޭތެރެއިން ބެލެނިވެރިންނާއި އާއިލާގެ ފަރާތުން ކުއްޖާއަށް ލިބޭ އެހީތެރިކަމާއި އެހީތެރިކަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، 1960 ވަނަ އަހަރުގެ ތެރޭގައި އެމެރިކާގެ ޗައިލްޑް ރައިޓްސް އެކްޓް ފާސްކުރުމާ ގުޅިގެން ކުރެވުނު ވަރަށް މަޝްހޫރު ދިރާސާއެއްގައި، ދަރިވަރުންގެ ނަތީޖާއަށް އެންމެ ބޮޑަށް އަސަރުކުރަނީ ކޮންކަމެއްތޯ ބެލިކަމަށެވެ. އެތައް ހާސް ސްކޫލެއްގައި އެތައްލައްކަ ކުދިން ބޭނުންކޮށްގެން ކުރި، ކޯލްމަން ރިޕޯޓްގެ ގޮތުގައި މަޝްހޫރުވި މި ދިރާސާއިން އެނގިގެން ދިޔައީ، ކުއްޖާގެ ނަތީޖާއަށް އެންމެ ބޮޑު ތަފާތު ކަމެއް ގެނުވާ ތަނަކީ ކުއްޖާ ގެ ކަމަށެވެ.
އެ ދިރާސާއަށްފަހު، ކުއްޖާގެ ނަތީޖާ މަތިކުރުމަށްޓަކައި ސްކޫލުތަކަށް ކުރެވޭނީ ކޮންކަމެއްތޯ ބެލުމަށް އެތައް ދިރާސާއެއް ކުރިކަމަށާއި އެގޮތުން ހެދި ދިރާސާއިން ފާހަގަވީ ހަތްކަމެއް ސްކޫލެއްގައި ޤާއިމްކުރެވިއްޖެ ނަމަ ކޮންމެ ދަރިވަރަކަށްވެސް ކާމިޔާބީއާ ހަމައަށް ދެވިދާނެ ކަމަށެވެ.
އޭގެ ތެރެއިން މިނިސްޓަރު ޑރ. އިސްމާއިލް ފާހަގަ ކުރެއްވީ އެންމެ ކަމެކެވެ. އެއީ، ސްކޫލާ ބެލެނިވެރިންނާ ދޭތެރޭ އޮންނަ ގުޅުމެވެ. މި ގުޅުން ހަރުދަނާ ކުރެވިއްޖެ ކަމުގައިވަނީނަމަ މުދައްރިސުންނަށް އޮންނަ ލޯތްބާއި ގަދަދު އިތުރުވެގެންދާނެއެވެ. ދަރިވަރަށް ދިމާވާ އެކި ކަންކަމުގައި ސްކޫލާ ބެލެނިވެރިންނާ ގުޅިގެން އެއް އަމާޒަކަށް މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން އިތުރުވެގެންދާނެއެވެ. ތައުލީމުގެ މުހިންމުކަން ދަރިވަރުންނަށް ވިސްނައިދިނުމުގެ ކަންކަން މާ ފުރިހަމައަށް ކުރެވިގެންދާނެއެވެ. އަދި ކުއްޖާ ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިންނަށް ކާމިޔާބު މަސައްކަތެއް ކުރެވޭނެއެވެ.
"ބެލެނިވެރިންނާއި ސްކޫލާއި މުދައްރިސުން ގުޅިގެން ކުރާ މަސައްކަތުން ކުއްޖާއަށް މަތީ ނަތީޖާއާ ހަމައަށް ވާޞިލްވެވެނީ. ކުއްޖެއްގެ މުސްތަގުބަލަށް އުޖާލާކުރުމަށްޓަކައި މިހާރަށްވުރެ ބޮޑަށް ވާހަކަދައްކަން އެބަޖެހޭ. ގޮންޖެހުންތައް ހައްލުކުރަންޖެހޭ. ސްކޫލުގެ ތެރޭގައި އުފެދޭ އެކިއެކި ނުތަނަވަސްކަން ހަގީގީއުނގެނުމުގެ ވެއްޓަކަށް ބަދަލުކުރަން އެބަޖެހޭ. މިއީ މިއަދު އަޒުމް އާލާކުރަން ޖެހޭ ކަމެއް. މި މަގަށް މުޅި ނިޒާމު ބައްޓަން ވާން ޖެހޭ" ބެލެނިވެރިންނާއި ސްކޫލާ އޮންނަ ގުޅުން ހަރުދަނާ ކުރުމަށް، ޕްރިންސިޕަލުންނާއި ބެލެނިވެރިންނަށް ބާރުއަޅުއްވަމުން މިނިސްޓަރު ވިދާޅުވިއެވެ.
advertisment
ހިޔާލު