ޤައުމީ ޔުނިވަރސިޓީން ކުރިއަށް ގެންދާ ކޯސްތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދީ ކޯސްތަކަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށް ދިނުމަށް ކުރިއަށް ގެންދާ ފަހި ދުވަހުގެ ހަރަކާތްތައް މިއަދު ހަވީރު ފަށާނެއެވެ. ފަހި ދުވަސް ކުރިއަށް ދާނީ މިއަދާއި މާދަމާގެ ހަވީރު 4ން ރޭގަނޑު 10އަށް ކުރިއަށް ގެންދާނެއެވެ.
އެމްއެންޔޫގެ އިދާރީ މަރުކަޒުގައި ކުރިއަށްދާ މި ހަރަކާތުގައި އެ ޔުނިވަރސިޓީގެ ހުރިހާ ފެކަލްޓީ/ސެންޓަރުތަކާބެހޭ މަޢުލޫމާތު ފޯރުކޮށްދޭނެ ކަމަށާއި ޔުނިވަރިސިޓީގެ ކޯސްތަކަށް ވަންނަން ފޯމު ބަލައިގަތުން ވެސް ކުރިއަށް ގެންދާނެއެވެ.
ޤައުމީ ޔުނިވަރސިޓީން ބުނީ، ކުރީ އަހަރުތަކޭ އެއްގޮތަށް މި އަހަރުވެސް ކެރިއަރގައިޑެންސާއި ސްކޮލަރޝިޕް ފުރުޞަތުތަކާއި ތަޖުރިބާކާރު ލެކްޗަރާއިންނާއި ވަން ސްޓޮޕް އެޑްމިޝަން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މީގެ އިތުރުން ކުރީ އަހަރާ ޚިލާފަށް ފަހި ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ތަފާތު ދާއިރާތަކުން އަމަލީގޮތުން ތަޖުރިބާ ކުރުމުގެ ފުރުޞަތު ވެސް ފަހިވެގެންދާނެ ކަމަށެވެ. އެގޮތުން ޕީއެސްއެމްއާ ގުޅިގެން ޚަބަރު ކިޔުމާއި ޕްރެޒެންޓް ކުރުން ފަދަ ހަރަކާތްތަކެއް ވެސް އާންމުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާނެ ކަމަށެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ފަންނީ ޤާބިލް ލެކްޗަރަރުންނާއެކު ތަފާތު އެތައް ދާއިރާ ތަކުން ތަޢުލީމާއި ތަމްރީން ޕްރޮގްރާމުތަކެއް ހިންގަމުންގެންދާ ޔުނިވަރސިޓީއެކެވެ. ޔުނިވަރސިޓީގެ ފަންނީ ދާއިރާތަކުގެ ލެކްޗަރަރުން، އެބޭފުޅުންގެ ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ މަޢުލޫމާތުތާއި، މަތީ ތަޢުލީމު ހާސިލުކުރުމަށް ވާން ޖެހޭ ތައްޔާރީތަކުގެ މަޢުލޫމާތު، މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކާ ހިއްސާ ކުރާނެއެވެ.
ފަހި ދުވަހުގައި މަޢުލޫމާތު ފޯރުކޮށްދެވޭ ދާއިރާތަކުގެ ތެރޭގައި، ބަހާއި އިންސާނީ ޢިލްމުތަކުގެ ދާއިރާ، ތަޢުލީމީ ދާއިރާ، އިންޖިނީއަރިންގ ދާއިރާ، ޞިއްޙީ ދާއިރާ، ފަތުރުވެރިކަމާއި މެހެމާނުދާރީގެ ދާއިރާ، ދީނީ ޢިލްމުގެ ދާއިރާ، ސައިންސްގެ ދާއިރާ، ޝަރީޢަތާއި ޤާނޫނުގެ ދާއިރާ، ވިޔަފާރީގެ ދާއިރާ، ނިޔެމިކަމުގެ ދާއިރާ، ދަނޑުވެރިކަން އަދި ފައުންޑޭޝަން ކޯސްތަކުގެ ދާއިރާ ހިމެނެއެވެ.
advertisment
ހިޔާލު