6 ގަޑިއިރު ސްކޫލުގައި ދަރިވަރު ކިޔެވުމުގައި ވަގުތު ހޭދަކޮށްފައި ގެއަށްގޮސް 4 ގަޑިއިރާއި 6 ގަޑިއިރާ ދޭތެރޭ ޓިއުޝަނުގައި ވަގުތު ހޭދަކުރުމާމެދު ފުންކޮށް ވިސްނަންޖެހޭ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
މަތީ އަރުތަވެރީންގެ ހަފުލާގެ ފުރަތަމަ ދަންފަޅީގައި ވާހަކަދައްކަވަމުން މިނިސްޓަރު، ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ، ދަރިވަރުން މިހާރަށްވުރެ ބޮޑަށް އެކުދިންގެ އުނެގެނުމަށް ޒިންމާވާން ޖެހޭ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ކިޔަވަން ދަރިވަރުންގެ ޝައުޤުވެރިކަން އިތުރުވާން ޖެހޭ ކަމަށާއި އަމިއްލައަށް ޒިންމާ ނަގާނަމަ އެއީ އެކުދިންގެ ވިސްނުމާއި ފިލާވަޅު އުނގެނުމަށް ބޭނުންވާ އުކުޅުތައް ތަރައްޤީވެގެންދާނެއެވެ. އިލްމީ އެކިއެކި ދިރާސާތަކުން ފާހަގަވަމުންދަނީ ކަށަވަރުވެފައި ވަނީ، އަމިއްލަ އުނގެނުމަށް ޒިންމާދާރުވެ ކަންކަންބަލައި ހޯދައި ކަންކަމާ ދޭތެރޭ ވިސްނާ ދަރިވަރުން އުނގެނުމުގައި ދެމިހުރުމުގެ ފުރުޞަތު ބޮޑުކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެއީ ހުރިހާ ލެވެލްއެއްގައި ވެސް ބާރުއަޅަންޖެހޭ ކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާ ކަމަށެވެ.
ޑރ. އިސްމާއިލް ވިދާޅުވީ، ވަރަށް ބޮޑަށް އަޅުގަނޑުމެންގެ ތެރޭގައި މި އޮތީ ޓިއުޝަންގެ ސަޤާފަތެއް އަށަގެންފައި ކަމަށާއި އެއްވެސް މިނިސްޓަރަކު އެ ވާހަކަ އެ ލެވެލްގައި ނުދައްކަވާ ކަމަށެވެ.
"ދަރިވަރަކު ހަ ގަޑިއިރުވަންދެން ސްކޫލުގައި ވަގުތު ހޭދަކޮށްފައި ގެއަށް މިދަނީ. ގެއަށް ގޮސް ގާތްގަޑަކަށް ހަތަރުގަޑިއިރާއި ހަ ގަޑިއިރާ ދެތެރޭ ވަގިތު ހޭދަކުރޭ ޓިއުޝަންގައި" ހުރިހާ ކުދިންގެ ވާހަކައެއްނޫން ނަމަވެސް ގިނަ ކުދިން ޓިއުޝަން ނަގަމުންދާކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާކަން އިޝަރާތްކުރައްވައި މިނިސްޓަރު ވިދާޅުވިއެވެ.
"މިއީ، ފުންކޮށް ވިސްނަންޖެހޭ ކަމެއް. ދަރިވަރުންނަށް މަދަރުސާއިން ބޭރުން ވެސް އެހީތެރިކަން ބޭނުންވާނެ. އެކަމަކު އެ އެހީތެރިކަން ދޭންވާނީ މަދަރުސާގައި އުނގެނޭ ފިލާވަޅުގައި ކުދިން ބައިވެރިވުން ނުގެއްލޭފަދަ ގޮތަކަށް. ކުދިންނަށް ވިސްނާދޭން އެބަޖެހޭ، ކުލާހުގައި، މަދަރުސާގައި ކިޔަވައިދޭ ފިލާވަޅަށް ސަމާލުކަންދޭން" ޑރ. އިސްމާއިލް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެހާ ގިނަ ވަގުތުތަކެއް ގޭތެރެއިން ޓިއުޝަނަށް ނެގޭކަމަށް ވާނަމަ ދަރިވަރުންގެ ދުޅަހެޔޮކަމަށް އޭގެ އަސަރުކުރާނެ ކަމަށާއި ކުޅިވަރުގެ އިތުރުން ހިތްއުފާވާ ކަންތައްތައް ހުސްވަގުތުގެ ބޭނުންހިފައި، އަމިއްލައަށް ވަގުތު މެނޭޖްކުރުމުގެ ކަންކަންވެސް ދަރިވަރުން ކުރަންޖެހޭ ކަމަށެވެ.
ދިރާސާތަކުން ދައްކަނީ އުނގެނުމުގައި އަމިއްލައަށް އިސްނަގާ ދަރިވަރުން އިސްނަގައިގެން ކަންކަން ހޯދައި ބަލައި ދަސްކުރާ ދަރިވަރުން އެކަން އެކުދިންގެ ހިތުގައި، ސިކުޑީގައި ހަރުލުމުގެ އިންސައްތައަކީ ގާތްގަޑަކަށް 75އިންސައްތައާ ގާތްކުރާ އަދަދެއްކަން މިނިސްޓަރު ދިރާސާތަކުގެ އަލީގައި ވިދާޅުވިއެވެ.
"އެހެން މީހުންނަށް ބަރޯސާވެގެން، އެހެން މީހުންގެ އެހީތެރިކަމުގައި ސްޕޫންފީޑްކުރާ ކަމުގައިވާނަމަ، ކުދިންގެ ހިތުގައި، ކުދިންގެ ސިކުނޑީގައި އެ މާއްދާއާ ގުޅެ އިލްމް ހަރުލާފައި ހުންނަ މިންވަރު ވަރަށް ބޮޑަށް ދަށްވެގެންދާނެ. މިއީ، ވިސްނައި ބެލެނިވެރިންނާ ދަރިވަރުން ހޭލުންތެރިކޮށް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމެއް" ކަންބޮޑުވުން ފާޅުކުރައްވައި މިނިސްޓަރު ވިދާޅުވިއެވެ.
މުދައްރިސުންނަށް އިޝާރާތްކުރައްވައި މިނިސްޓަރު ވިދާޅުވީ، އަޅުގަނޑުމެންގެ އެންމެންގެ ވިސްނުމާއި މަޤްޞަދަކަށް ވާންވީ، ކުލާހުގެ ތެރޭގައި ދެވޭ ފިލާވަޅުގެ ޒަރީއާއިން ދަރިވަރުން ބޭނުންވާ މިންވަރަށް އުނގަންނައިދިނުގެ ކަންތައްތައް ބައްޓަންކުރެވޭތޯ ބެލުން ކަމަށެވެ.
"މިހެން ނުވާކަމުގައިވާނަމަ އުނގަންނައިދިނުމުގެ ކަންތައްތައް ބަލިކަށިވެ ޓިއުޝަންގެ ސަގާފަތް މިހާރަށްވުރެ ބޮޑަށް ވަރުގަދަވާތަން ފެނިގެންދާނީ" މިނިސްޓަރު ވިދާޅުވިއެވެ.
ކިޔެވުމަށް އިސްނަގައި އަމާޒެއް ކަނޑައެޅިގެން މަސައްކަތް ކުރާނަމަ ކިޔެވުމަށް އެ ދަރިވަރަކު އޮންނަ އިތުބާރު އިންތިހާއަށް މަތި ކަމަށެވެ. އިލްމީ ދިރާސާތަކުން ދައްކާ ގޮތުގައި، ރަނގަޅު ނަތީޖާއެއް ހޯދަން އެކުދިންގެ ހިތުގައި އޮންނަ އިތުބާރު 75 އިންސައްތަ މަތިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އުނގެނުމުގެ ކަންކަމުގައި އަޅުގަނޑުމެން އެންމެން ގުޅިގެން ކުރާ މަސައްކަތަކުން ނޫނީ ކުރިއެރުމެއް ނުހޯދޭނެ ކަމަށެވެ. އެހެންވެ ސްކޫލާއި މުދައްރިސުންނާއި ބެލެނިވެރިންނާއި މުދައްރިސުން ގުޅިގެން މަސައްކަތް ކުރުމަށް މިނިސްޓަރު ގޮވާލެއްވިއެވެ.
advertisment
ހިޔާލު