ރާއްޖޭގައި ކިޔަވާ ކޮންމެ ނުބަ ދަރިވަރަކަށް މުދައްރިސަކު މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ބުނެފިއެވެ.
މުދައްރިސުންގެ ދުވަހާ ގުޅިގެން އެ ބިއުރޯއިން އާންމުކުރި މައުލޫމާތަށް ބަލާއިރު، ހުސްވި އަހަރުގެ ނިޔަލަށް ރާއްޖޭގައި 10،615 މުދައްރިސުން ކިޔަވައިދެމުން ގެންދިއެވެ. ކިޔަވައި ދޭ މުދައްރިސުންނަށް ބަލާއިރު، 72 އިންސައްތަ އަކީ އަންހެން މުދައްރިސުންނެވެ. ފިރިހެނުންގެ އިންސައްތަ އަކީ އެންމެ 28 އިންސައްތައެވެ. މާލޭގެ ސްކޫލްތަކުގައި މަސައްކަތް ކުރާ މުދައްރިސުންގެ 82.1 އިންސައްތަ އަންހެން މުދައްރިސުންނަށް ކަމަށް ވާއިރު، އަތޮޅުތެރޭގައި މަސައްކަތްކުރާ އަންހެން މުދައްރިސުންގެ އިންސައްތައަކީ 68.6 އެވެ. މި ނިސްބަތަށް ބަލާއިރު، ކޮންމެ 10 މުދައްރިސަކުން ހަތް މުދައްރިސަކީ އަންހެނެކެވެ.
މާލެއާއި އަތޮޅުތެރޭގެ ސްކޫލްތަކުގައި މަސައްކަތް ކުރާ މުދައްރިސުންނަށް ބަލާއިރު، މާލޭގައި މަސައްކަތް ކުރާ ދިވެހި މުދައްދިސުންގެ އަދަދަކީ 2،536 އެވެ. މީގެ އިތުރުން 377 ބިދޭސީ މުދައްރިސުންވެސް މާލޭގެ ސްކޫލްތަކުގައި މަސައްކަތް ކުރަމުން ގެންދެއެވެ. އަތޮޅުތެރެއަށް ބަލާއިރު، 5،965 ދިވެހި މުދައްރިސުން މަސައްކަތް ކުރާއިރު، ބިދޭސީން މުދައްރިސުންގެ އަދަދަކީ 1،737އެވެ. މި އަދަދަށް ބަލާއިރު، މުދައްރިސުންގެ އާބާދީގެ ވިހި އިންސައްތައަކީ ބިދޭސީ މުދައްރިސުންނެވެ.
ތަފާސް ހިސާބަށް ބަލާއިރު، ކިޔަވައިދޭ މުދައްރިސުންގެ 20 އިންސައްތައަކީ ތަމްރީނުވެފައި ތިބި މުދައްރިސުން ނޫނެވެ.
advertisment
ހިޔާލު