ވިލާ ކޮލެޖާއި، ޔުނިވަރސަލް ފައުންޑޭޝަން އަދި ވަރސާ ހޮސްޕިޓާލިޓީ ގުޅިގެން ކުރިއަށްގެންދިޔަ "ޑިސްކަވަރ ހޮސްޕިޓާލިޓީ ޕްރޮގްރާމް" ނިންމި ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އިސްލާމީ މަރުކަޒުގައި ބޭއްވި މި ރަސްމިއްޔާތުގައި، ސެޓްފިކެޓް 3 އިން ހޮސްޕިޓާލިޓީ އަދި ސެޓްފިކެޓް 3 އިން ކަލިނަރީ އާރޓްސް ފުރިހަމަކުރި 24 ދަރިވަރަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އިސްމާޢީލް ޝަފީޢުއެވެ.

މި ރަސްމިއްޔާތުގެ ތެރެއިން، ބަރޮސް މޯލްޑިވްސް، ވެލައްސަރު މޯލްޑިވްސް، ކުރުމްބާ މޯލްޑިވްސް އަދި ހުވަފެންފުށި މޯލްޑިވްސްގެ ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުންނާއެކު ޚާއްޞަ ޕެނަލް މަޝްވަރާއެއް ކުރިއަށް ގެންދިޔައެވެ. މީގެ މައިގަނޑު މަޤްޞަދަކީ ދަސްވެނިވި ދަރިވަރުންނަށް ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި ކުރިއަށްދާނެ ގޮތުގެ މުހިންމު މަޢުލޫމާތު ފޯރުކޮށްދިނުމެވެ.

މި ރަސްމިއްޔާތަކީ އައު ދެ ބެޗެއްގެ ކިޔެވުންވެސް ރަސްމީކޮށް ފެށިގެންދިޔަ މުނާސަބަތެކެވެ. އެގޮތުން ހޮސްޕިޓާލިޓީގެ 8 ވަނަ ބެޗާއި ކަލިނަރީ އާރޓްސްގެ 3 ވަނަ ބެޗުގައި ބައިވެރިވާ 30 ދަރިވަރަކަށް ވަނީ ސްޕޮންސަރޝިޕް ލެޓަރ ހަވާލުކޮށްފައެވެ. ޔުނިވަރސަލް ފައުންޑޭޝަނުން ހުރިހާ ޚަރަދެއް ހަމަޖައްސައިދޭ މި ޕްރޮގްރާމަކީ، ވިލާ ކޮލެޖުގައި ކުރިއަށްދާ ކްލާސް ރޫމް ކިޔެވުމާއި ޔުނިވަރސަލްގެ ރިސޯޓުތަކުގައި ކުރިއަށްދާ އަމަލީ ތަމްރީނުތައް ހިމެނޭހެން، ދިވެހި ޒުވާނުން ފަތުރުވެރިކަމުގެ ދާއިރާއަށް އަހުލުވެރިކުރުވުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. 2017 ވަނަ އަހަރުން ފެށިގެން މި ޕާޓްނަރޝިޕްގެ ދަށުން މިހާތަނަށް 179 ދަރިވަރުން ވަނީ ތަމްރީނު ފުރިހަމަކޮށް ދަސްވެނިވެފައެވެ.
advertisment
ހިޔާލު