އެލައިޑް އިންޝުއަރެންސުން ސީއޭ މޯލްޑިވްސްގެ މެންބަރުންނަށް ޚާއްޞަ އިނާޔަތްތަކެއް ދެނީ

އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް އާއި އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީ.އޭ މޯލްޑިވްސް) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އެކައުންޓެންސީ ދާއިރާ ކުރިއަރުވައި، ސީ.އޭ މޯލްޑިވްސްގެ މެންބަރުންނަށް ލިބޭ ފައިދާތަކާއި އިނާޔަތްތައް އިތުރުކުރުމެވެ.

މި ބައިވެރިވުމުގެ ދަށުން، ދާއިރާގެ ފަންނީ ތަރައްގީއާއި، މައުލޫމާތާއި ތަޖުރިބާ ބަދަލުކުރުމާއި، ދިރާސާތައް ކުރުމަށް އިސްކަންދެވޭނެއެވެ. އަދި އެކައުންޓިންގ ދާއިރާގައި އަޚްލާގީ މިންގަނޑުތައް ހިފެހެއްޓުމާއި، މާލީ ދާއިރާގެ ދެފުށް ފެންނަ މިންވަރު އިތުރުކޮށް، ރާއްޖޭގެ މާލީ އަދި އެކައުންޓިންގ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރާނެއެވެ.

މި އެއްބަސްވުމުގެ ދަށުން، އެލައިޑް އިންޝުއަރެންސްގެ މުވައްޒަފުންގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް ސީ.އޭ މޯލްޑިވްސްގެ މެންބަރުންނަށް ވުމަށް އެ ކުންފުނިން ހިތްވަރު ދޭނެއެވެ. މީގެ އިތުރުން، ދެ މުއައްސަސާ ގުޅިގެން އިންސާނީ ވަސީލަތްތައް ބިނާކުރުމާއި، ރާއްޖޭގެ ބާޒާރާ ގުޅޭ ތަފާތު ދިރާސާތައް ކުރުމަށް ވެސް ވަނީ ނިންމާފައެވެ.

އެލައިޑުން ބުނިގޮތުގައި ސީ.އޭ މޯލްޑިވްސްގެ މެންބަރުންނަށް މި އެއްބަސްވުމުގެ ދަށުން ޚާއްޞަ ލުއިތަކެއް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި، މަސައްކަތުގެ ހުއްދަ ހޯދުމަށް ބޭނުންވާ 'ޕްރޮފެޝަނަލް އިންޑެމްނިޓީ ތަކާފުލް' ހޯދުމުގައި ލުއި އަގުތަކެއް ހަމަޖެހުމާއި، ލިޔެކިޔުންތައް ހުށަހެޅުމުގައި ލުއި ގޮތްތަކެއް ހަމަޖެހުން ހިމެނެއެވެ. އަދި ސީ.އޭ މޯލްޑިވްސްގެ މެންބަރުންނާއި ދާއިމީ މުވައްޒަފުންނަށް "ގްރޫޕް ހެލްތު ތަކާފުލް" އާއި "ގްރޫޕް ޓާމް ލައިފް ތަކާފުލް" ޚާއްޞަ އިނާޔަތްތަކަކާއެކު ލިބޭނެ އިންތިޒާމު ވެސް ވަނީ ހަމަޖެހިފައެވެ.

މި ބައިވެރިވުމަކީ ރާއްޖޭގެ މާލީ ދާއިރާގެ ފެންވަރު މަތިކުރުމަށާއި، ދާއިރާގެ މިންގަނޑުތައް ހަރުދަނާކޮށް، އިތުބާރު ހުރި ދެފުށް ފެންނަ މާލީ ނިޒާމެއް ބިނާކުރުމަށް އެލައިޑް އިންޝުއަރެންސާއި ސީ.އޭ މޯލްޑިވްސް އިން ކުރާ މަސައްކަތުގެ މުހިންމު ފިޔަވަޅެއް ކަމަށް އެލައިޑުން ދެކެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *