ދަރިވަރުންނާ ގުޅޭ ކަންކަމަކީ ހަމައެކަނި މުދައްރިސުންގެ ޒިންމާއެއްކަމުގައި ބަލައިގެން ނުވާނެ. އަދި މައިންބަފައިންނަކީވެސް އެކަނިމާކަނި މިކަން ކުރަންޖެހޭ ބައެއް ކަމަށް އިސްކޫލްތަކުން ދެކިގެން ނުވާނެ.
ކޮންމެ ކުއްޖެއްގެ ކާމިޔާބީއަށްޓަކައި، އާއިލާތަކާއި އިސްކޫލްތައް ގުޅިގެން އެއް އަޒުމެއްގައި މަސައްކަތްކުރާނަމަ، ކުދިން ކުރިއަރައި ދާނެ ކަމަށާއި އަދި، ސްކޫލަށް ކިޔަވަންދާ ހިތްވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވެއްޖެއެވެ.
ފޭސްބުކްގައި މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ލިޔުއްވާފައިވާ ގޮތުގައި މައިންބަފައިންނަކީ ކުއްޖާގެ އެންމެ ފުރަތަމަ މުދައްރިސުން ކަމަށާއި ކުއްޖާގެ ބޮޑުވުމާއި ކުރިއެރުމަށް މައިންބަފައިންނަށްވުރެ ބޮޑު ނުފޫޒެއް ފޯރުވޭނެ އެހެން އެއްވެސް ބަޔަކު ނެތް ކަމަށެވެ.
"ހެކިތަކުން ދައްކާ ގޮތުގައި، ކުދިންނަށް އެންމެ ރަނގަޅު ކުރިއެރުމެއް ލިބެނީ ލޯތްބާއި، ހިތްވަރާއި، އިރުޝާދާއި އަދި ސާފު ހައްދުތަކެއް ކަނޑައެޅިފައިވާ މާހައުލެއްގައި ބޮޑެތިވުމުންނެވެ. މައިންބަފައިން އެކުދިންގެ ތަޢުލީމަށް ހޭލުންތެރިވެ، އަޅާލާ ކުދިން, ގަވާއިދުން ސްކޫލަށް ދިއުމާއި، ކިޔެވުމުން މަތީ ނަތީޖާ ހާސިލުކުރުމާއި، ރަނގަޅު އަޚްލާޤެއްގައި ހުރުމުގެ އިތުރުން ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ލިބުމުގެ ފުރުސަތު މާ ބޮޑެވެ" މިނިސްޓަރު ލިޔުއްވާފައިވެއެވެ.
ކުދިންނަށް އުނގަންނައިދިނުމާއި، އެކުދިންގެ ކިބައިގައިވާ ހުނަރުތައް ދެނެގަތުމާއި، އަދި މުސްތަޤްބަލަށް ތައްޔާރުކޮށްދިނުމުގައި މުދައްރިސުންގެ މުހިންމު ޒިންމާއެއް އޮންނަކަން ބަޔާން ކުރައްވައި މިނިސްޓަރު ވިދާޅުވެފައިވަނީ، ކުއްޖާގެ އާއިލާއިންނާއި މައިންބަފައިންގެ ފަރާތުން ލިބެންޖެހޭ އަޅާލުމާއި، އަދަބު އަޚްލާޤާއި، އޯގާތެރިކަމާއި އަދި ހިތްވަރު ދިނުމުގެ ބަދަލެއް ސްކޫލަކަށް ނުދެވޭނެ ކަމަށެވެ. މުދައްރިސަކަށް ދުވާލަކު މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި ކުއްޖާއަށް ހިތްވަރު ދެވިދާނެ ކަމަށާއި ކުއްޖާގެ ވިސްނުން ތަރައްގީކޮށް އިންސްޕައަރ ވެސް ކުރެވިދާނެ ކަމަށެވެ. ނަމަވެސް ކުއްޖާގެ ދިރިއުޅުމުގެ ވިސްނުމާއި، އަގުތަކާއި މުދައްރިސް އާލާކުރި އުންމީދުތައް ބައްޓަންކޮށްދިނުމުގެ އެންމެ އިސް ދައުރެއް އަދާކުރެވޭނީ ގޭތެރެއިން ކަމަށް ޑރ. އިސްމާއިލް ލިޔުއްވާފައިވެއެވެ.
"މައިންބަފައިންގެ ބައިވެރިވުން މިއީ ދިރިއުޅުމުގައި އިންތިހާއަށް މުހިންމު ކަމަކަށް ވަނީ އެހެންވެއެވެ. ކުއްޖާގެ ދުވަސް ފާއިތުވިގޮތް އަހާލުމާއި، ކޮންމެ ދުވަހަކު ސްކޫލަށް ދާކަން ކަށަވަރުކުރުމާއި، ގޭގައި ކިޔެވުމަށް އެހީތެރިވުމާއި، އުންމީދުތަކެއް ކަނޑައެޅުމާއި، އަދި އެކުގައި އުފާވެރި ވަގުތު ހޭދަކުރުމަކީ ކުޑަ ކަންތައްތަކެއްގެ ގޮތުގައި ފެނުނު ނަމަވެސް، މިއީ މުޅި އުމުރަށް ދެމިގެންދާނެ ފުން އަސަރުތަކެއްކަން ކަށަވަރެވެ." ގިނައަދަދެއްގެ ކުދިން ސްކޫލްތަކަށް ނުދާ މައްސަލައިގެ ކަންބޮޑުވުމުގެ ތެރެއިން މިނިސްޓަރު ވިދާޅުވެފައިވެއެވެ.
މިނިސްޓަރު ވިދާޅުވީ، ވަރުގަދަ ތަޢުލީމީ ނިޒާމެއް ބިނާކުރުމަށް މައިންބަފައިންނާއި ސްކޫލްތަކާ ދެމެދު އޮންނަ ތެދުވެރި، ބަދަހި ގުޅުމުގެ މުހިންމުކަން ބޮޑުކަމަށާއި އެ މަސައްކަތުގައި މުދައްރިސުންގެ ގަދަރާއި އިހުތިރާމް ތާއަބަދުމެ ކުދިންގެ ހިތުގައި ބިންވަޅުނަގައިދިނުމަށް ބެލެނިވެރިން މިހާރަށްވުރެ ބޮޑަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ.
"ދަރިވަރުންނާއި ގުޅޭ ކަންކަމަކީ ހަމައެކަނި މުދައްރިސުންގެ ޒިންމާއެއްކަމުގައި ބަލައިގެން ނުވާނެ. އަދި މައިންބަފައިންނަކީވެސް އެކަނިމާކަނި މިކަން ކުރަންޖެހޭ ބައެއް ކަމަށް އިސްކޫލްތަކުން ދެކިގެން ނުވާނެ" މިނިސްޓަރު ލިޔުއްވާފައިވެއެވެ.
މިނިސްޓަރު ވިދާޅުވީ، އަޅުގަނޑުމެންގެ ކުދިންނަށް އަޅުގަނޑުމެންގެ ވަގުތާއި، އިރުޝާދާއި އަދި ނުގުޑާފަދަ އެހީތެރިކަން ހައްޤު ކަމަށާއި މިއަދު އެކުދިންގެ މުސްތަޤްބަލަށްޓަކައި އަޅުގަނޑުމެން ކުރާ އިންވެސްޓްމަންޓަކީ، މާދަމާ މި ޤައުމަށް ލިބޭނެ ވަރުގަދަ، އޯގާތެރި، އަދި ފާގަތި މުސްތަޤްބަލެއް ކަމަށެވެ.
advertisment
ހިޔާލު