ސަބަބެއް ނެތި ސްކޫލަށް ނުދާ ދަރިވަރުންނަށް ފިޔަވަޅުއަޅަން ޕްރިންސިޕަލުންނަށް އަންގައިފިން: އެޑިޔުކޭޝަން މިނިސްޓަރު

އެއްވެސް ސަބަބެއް ނެތި ސްކޫލަށް ނުދާ ދަރިވަރުންނަށް ފިޔަވަޅުއަޅަން ޕްރިންސިޕަލުންނަށް އަންގާފައިވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު، ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، ބަލިވެގެން ނުވަތަ ފްލޫއެއް ޖެހިގެން ދަރިވަރަކަށް ސްކޫލަށް ނުދެވިދާނެ ކަމަށާއި އެހެން ނަމަވެސް އެއްވެސް ސަބަބަކާނުލައި ސްކޫލަށް ކުއްޖަކު ނުދިއުމަކީ އެއީ ވެގެންވާނެ ކަމެއް ނޫން ކަމަށެވެ.

ގަވާއިދުން ސްކޫލަށް ނުދާ ކުދިންގެ އަދަދު 8000 އަށް އަރާކަމަށް ދާދި ފަހުން މިނިސްޓަރު ވިދާޅުވުމާ ގުޅިގެން ކުރިމަތިވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، އެއްވެސް ސަބަބަކާހުރެ ސްކޫލަށް ނުދާ ދަރިވަރުން ދެނެގަނެ ފިޔަވަޅު އެޅުމަށް ޕްރިންސިޕަލުންނަށް އަންގަވާފައިވާނެ ކަމަށާއި، އެކަން އެހެން ވެގެން ދިޔައީ "މޮނިޓަރިން މެކޭނިޒަމް" ދަށްވުމުގެ ސަބަބުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އެޓެންޑެންސް ޕޮލިސީއެއް އޮތް ނަމަވެސް ސްކޫލުތަކުން މިނިސްޓްރީއަށް ރިޕޯޓް ކުރަން ޖެހެނީ ޖެހިޖެހިގެން ތިން ދުވަހު ސްކޫލަށް ހާޒިރު ނުވާނަމަ ކަމަށެވެ. ގިނަ އަދަދެއްގެ ދަރިވަރުން ސްކޫލަށް ނުދާކަން ފާހަގަވީ،

މި އަހަރު ޖުލައި މަހުން ފެށިގެން ދަރިވަރުންގެ އެޓެންޑެންސް ސްކޫލަށް ކޮންމެ ދުވަހަކު އެ އެޑިޔުކޭޝަން މިނިސްޓްރީއަށް ފޮނުވަން ފެށުމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދަރިވަރަކު ސްކޫލަށް ނުގޮސް ހުންނަން އެ މިނިސްޓްރީން ދޫކޮށްނުލާނެ ކަމަށާއި އެކަމަށް އެކަށީގެންވާ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.

ކުރިން މިނިސްޓަރު ވިދާޅުވެފައި ވަނީ ސްކޫލަށް ހާޒިރުނުވާ ދަރިވަރުންގެ އަދަދު 8000ން މަތީގައި ހުރިއިރު، އޭގެ ތެރެއިން 40 އިންސައްތައަކީ މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ދަރިވަރުން ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *