ވިލުންވެށި ސްކޫލް ބަގީޗާ ޕްރޮގްރާމުގެ ފުރަތަމަ ބަގީޗާ ދަނޑު ހިރިޔާ ސްކޫލުގައި ހުޅުވައިފިއެވެ. "ވިލުންވެށި" ޕްރޮގްރާމް ކުރިއަށް ގެންދަނީ، މޫސުމީ ބަދަލުތަކަށް ވިލުންތެރި ގައުމެއް ބިނާކުރުމާއި، ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ގުޅޭގޮތުން ސްކޫލް ދަރިވަރުންގެ ހޭލުންތެރިކަން އިތުރުކުރުމަށެވެ. އަދި އެހެންމެ ނިއުޓްރިޝަނާއި ދުޅަހެޔޮ ކާނާގެ އިޚްތިޔާރުތަކަށް ދަރިވަރުން ހޭލުންތެރިކުރުވުމާއި، ޢަމަލީ މަސައްކަތުގެ ތެރެއިން ދިރިއުޅުމުގެ ހުނަރުތައް ތަރައްޤީކޮށް، މޫސުމީ ބަދަލުތަކަށް ހޭނިފައިވާ، ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ އުކުޅުތަކަށް ދަރިވަރުން އަހުލުވެރިކުރުވުމަށެވެ.

މި ޕްރޮގްރާމުގެ ދަށުން ހިރިޔާ ސްކޫލުގައި "ގާޑަން އޮފް ގްރޯތު" ގެ ނަމުގައި ބަގީޗާ ދަނޑު އިފްތިތާޙުކޮށްދެއްވީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު އަލީ ޝަރީފާއި، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯއެވެ.

މީގެ ދެ އަހަރު ކުރިން އެ ސްކޫލުގެ ތެރަސްގައި ގާއިމްކުރި ގްރީން ހައުސްގައި ތައްޔާރު ކުރި މި ބަގީޗާ ދަނޑުގައި ގަސް ހައްދަން ބޭނުން ކުރާނީ ވާޓިކަލް ޓަވަރ ޕޮޓެވެ.

މި މަޝްރޫއު ކުރިއަށް ގެންދަނީ، ޖަޕާން ފަންޑް ފޯ ޕްރޮސްޕަރަސް އެންޑް ރެސީލިއަންޓް އޭޝިއާ އެންޑް ދި ޕެސިފިކް (ޖޭއެފްޕީއާރު) އަދި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ފަންޑުކޮށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ އާއި މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއާއި ތައުލީމީ ވުޒާރާއާ ގުޅިގެންނެވެ. ހިރިޔާ ސްކޫލުގައި ބަގީޗާ ތަރައްޤީ ކުރީ ޖަޕާނު ރައްްޔިތުންގެ އެހީގެ ދަށުންނެވެ.

ހިރިޔާ ސްކޫލުން ބުނީ، އެ ސްކޫލުގެ ބަގީޗާ ދަނޑުގައި ގަސް އިންދައި ބެލެހެއްޓުމުގެ މަސައްކަތް އެ ސްކޫލުގެ ތިމާވެށި ކުލަބުން ފެށި ނަމަވެސް ހުރިހާ ގުރޭޑްތަކުގެ ދަރިވަރުން ބައިވެރިކުރާނެ ކަމަށެވެ. މި ދަނޑުގައި ހައްދާ ބާވަތްތަކުގެ ތެރޭގައި ތަރުކާރީގެ ބާވަތްތަކާއި މޭވާގެ ބާވަތްތައް ހިމެނެއެވެ. 
ވިލުންވެށި ޕްރޮގްރާމް ފުރަތަމަ ހިންގަނީ ފަސް ސްކޫލެއްގައެވެ. މާލެ ސަރަހައްދުން މި ޕްރޮގްރާމު ކުރިއަށް ގެންދަނީ ހިރިޔާއާއި ހުޅުމާލޭގައި ހުންނަ ޣާޒީ ސްކޫލުގެ އިތުރުން ވިލިމާލޭގައި ހުންނަ މުޙްޔިއްދީން ސްކޫލުގައެވެ.
advertisment
ހިޔާލު