ގިނަ މީހުންނަށް ޤިރާއަތްތަކުގެ ޢިލްމު އެނގިފައި ނުވަނީ ކީއްވެ؟

އަބްދުﷲ ނަސީމް އަބްދުލް މަތީން

ގިނަ މުސްލިމުންނަށް ޤިރާއަތްތަކުގެ ޢިލްމު އެނގިފައި ނުވުމުގެ މައިގަނޑު ސަބަބަކީ 1924 ވަނަ އަހަރު މިޞްރުގެ ޤާހިރާގައި ޗާޕުކުރެވުނު ޙަފްޞް ރިވާޔަތަށް ލިޔެވުނު މުޞްޙަފު، މުޅި ދުނިޔެއަށް ޢާންމުވުމެވެ. މިހެންވުމުގެ ސަބަބުން މުސްލިމުންގެ ޢާންމު ދިރިއުޅުމުގެ ތެރެއިން އެހެން ޤިރާއަތްތަކާއި މެދު ފިކުރުކުރުމުގެ ފުރުޞަތު ވަނީ ވަރަށް ބޮޑަށް ގެއްލިފައެވެ. އިލްމީ ދިރާސާތަކުން ދައްކާ ގޮތުގައި 20 ވަނަ ޤަރުނުގެ ތެރޭގައި ޤުރުއާން އުނގެނުމުގެ ވައްޓަފާޅިއަށް މިކަމުގެ އަސަރު ވަރަށް ބޮޑަށް ފޯރާފައިވެއެވެ.

ދެވަނަ ސަބަބަކީ، ތަޢުލީމީ މަންހަޖުތަކުގައި އިސްކަންދޭ ދާއިރާތަކެވެ. އިސްލާމީ ތަޢުލީމު ފޯރުކޮށްދޭ ގިނަ ޤައުމުތަކުގައި ބޮޑު އިސްކަމެއް ޢާއްމުކޮށް ދީއުޅެނީ ތަޖުވީދާއި، ޙިފްޒާއި، ތިލާވަތުކުރުމަށެވެ. ޤިރާއަތްތަކުގެ ޢިލްމަކީ ހަމައެކަނި ޢުލޫމުލްޤުރުޢާންގެ ދާއިރާއިން ކިޔެވުން ކުރިއަށްދާ މީހުން އުނގެނޭނެ މަތީ ފަންތީގެ ޢިލްމެއްގެ ގޮތުގައި ބެލެވިފައި އޮތުމުގެ ސަބަބުން، ގިނަ ސުކޫލު ދަރިވަރުންނަށް ޤިރާޢަތުގެ ޢިލްމަކީ ކޮބައިކަން ނޭނގިހުރެ ކިޔެވުން ނިންމާލަން ޖެހެއެވެ.

ތިންވަނަ ސަބަބަކީ، ޤިރާއަތަކީ "ތަލައްޤީ" (އޯރަލް ޓްރާންސްމިޝަން) ގެ އުޞޫލުގެ މައްޗަށް ބިނާވެފައިވާ ޢިލްމަކަށް ވުމެވެ. މީގެ ސަބަބުން މި ޢިލްމު އުނގެނުމަށްޓަކައި އެކަމުގެ މާހިރުންގެ އަރިހުން ގިނަ ވަގުތު ހޭދަކުރަން ޖެހެއެވެ. މިކަމަށްޓަކައި މުދައްރިސާއި ދަރިވަރާއި ދެމެދު ސީދާ ގުޅުމެއް ބާއްވަންޖެހޭއިރު، މިއީ ކުރު މުއްދަތެއްގައި، އެހާ ގިނަ ކުދިންނާއިއެކު ކިޔަވައިދޭންޖެހޭ މާޙައުލެއްގައި ވުމަށްވުރެ ނުވުން ގާތް ކަމެކެވެ.

ތަޢުލީމާއި، ހަނދާން ބެހެއްޓުމުގެ ބާރާއި، ވިސްނުމުގެ ތަރުބިއްޔަތު

ޤިރާއަތްތަކުގެ ޢިލްމަކީ އިންސާނާގެ ވިސްނުމާއި ހަނދާން ބެހެއްޓުމުގެ ބާރު ވަރުގަދަކޮށްދޭ ފިކުރީ ތަރުބިއްޔަތެކެވެ. މި ޢިލްމު އުނގެނޭ ދަރިވަރުން، އެންމެ ޤިރާއަތެއްގެ ފަންނުވެރިއަކަށް ވުމަށްޓަކައި އާންމުކޮށް 3 މަހާއި 4 މަހާއި ދެމެދުގެ މުއްދަތެއް ހޭދަކުރެއެވެ. އަދި 10 ޤިރާޢަތް އުނގެނުމަށް ޤަޞްދުކުރާ މީހަކު ފަސްވަރަކަށް އަހަރު މިކަމުގައި ހޭދަކުރަންޖެހެއެވެ. މީގެ ސަބަބުން، ޤިރާއަތަކީ ދުނިޔޭގައި އޮތް އެންމެ ވަރުގަދަ އަދި އެންމެ ބުރަ ޢިލްމަށް ވެގެން ގޮސްފައިވެއެވެ.

ޤިރާޢަތު ޢިލްމުގެ ސަބަބުން ކަންކަން ހަނދާނުގައި ބެހެއްޓުމުގެ ގާބިލިއްޔަތާއި، އަޑުތައް ވަކިކޮށް ދެނެގަތުމުގެ ހުނަރާއި، ބަހަވީ ހޭލުންތެރިކަން، ޒަމާނީ އެހެން އެއްވެސް މަންހަޖަކުން ނުލިބޭ މިންވަރަށް ތަރައްޤީވެގެންދެއެވެ. ނިއުރޯލޮޖިކަލް ދިރާސާތަކުން ދައްކާ ގޮތުގައި، އުޞޫލުތަކެއްގެ މަތިން ތަކުރާރުކޮށް ކިޔެވުމަކީ، ފޮތް ކިޔައިގެން ދަސްކުރުމަށްވުރެ ބޮޑަށް ގިނައިރު ތަކެތި ސިކުނޑީގައި ހަރުލެއްވުމަށް ބޭނުންކުރެވޭ އެއް އުކުޅެވެ.

ނިންމުން

ޤިރާއަތުގެ ޢިލްމަކީ އިސްލާމީ ތާރީޚުގައި އެންމެ ފުރިހަމައަށް ރައްކާތެރިކުރެވިފައިވާ އެއް ޢިލްމީ ތަރިކަ ކަމުގައި ވީނަމަވެސް، ޢާއްމުން އެއިލްމަކާއި އެންމެ ބޮޑަށް ބީރައްޓެހިވެފައިވާ އޮތް ޢިލްމަށް މިއަދު މި ޢިލްމު ވަނީ ވެގެން ގޮސްފައެވެ. ދުނިޔޭގައި މިވަގުތު ތިބި ދެ ބިލިއަނާ ގާތްކުރާ މުސްލިމުންގެ ތެރެއިން، "ޙަފްޞް" ރިވާޔަތް ފިޔަވައި އެހެން ޤިރާއަތް ވާކަން އެނގެނީ ވަރަށް މަދު ބައެކެވެ.

މީކަމުގެ ހަޤީޤީ މައްސަލައަކީ ޤިރާއަތުގެ އިލްމާއިމެދު މުސްލިމުންގެ މެދުގައި ހޭލުންތެރިކަން ކުޑަވުމެވެ. މި ޢިލްމު ޙާސިލްކުރުމަށްޓަކައި ތިބާ މަސައްކަތްކުރާށެވެ. ދިވެހިރާއްޖެއިން އަދި ރާއްޖެއިން ބޭރުންވެސް މިޢިލްމު ޙާސިލްކުރުމުގެ ފުރުސަތު އެބައޮތެވެ. މިދިޔަ އަހަރުގެ މެއިމަހު ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއިން ވަނީ "10 ޤިރާއަތުން އިޒާޒާދޭ ޕްރޮގްރާމް" އިފްތިތާޙް ކޮށްފައެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުންވެސް އޮންލައިންކޮށް 10 ޤިރާއަތުން އިޒާޒާ ޙާސިލްކުރުމުގެ ފުރުސަތު އެބައޮތެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް މަކުތަބުތަކަކީ މެލޭޝިޔާގެ އަލްއަޒްޙަރު އެކެޑަމީއާއި މިޞްރުގެ ވަރައްތިލް އެކެޑަމީއެވެ. ޤިރާއަތު ޢިލްމު ފޮރުވިފައިވަނީ ކިޔަވައިދޭ ކްލާސްތަކުގައެވެ. އެދުރުންގެ ސިލްސިލާތަކުގައެވެ. ފަތިސް ނަމާދަށްފަހު އިވޭ މަޑުމައިތިރި ކިޔެވުންތަކުގެ ތެރޭގައެވެ. އެއް ވަޙީއެކެވެ. ރައްކާތެރިކުރެވިފައިވާ ދިހަ އަޑެވެ. އަދި މިއީ މި އަޑުތައް އަހަން ދަސްކުރަމުންދާ ދުނިޔެއެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *