އެމްއެންޔޫގެ ފުރަތަމަ ލާރނިންގ ފެސްޓިވަލް "މަހާސަމާ" ފުރަތަމަ ޓާމުގެ ޗުއްޓީތެރޭގައި، ބައިވެރިވާން ހުޅުވާލައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން ކުރިއަށްގެންދާ "ފުރާތަ" ޕްރޮގްރާމުގެ "ލައިފްލޯންގ ލާރނިންގ" ސިޔާސަތުގެ ދަށުން "އާމަސާހަމަ" ގެ ނަމުގައި ކުރިއަށް ގެންދާ ލާރނިންގ ފެސްޓިވަލްގެ ފުރަތަމަ ފިޔަވަހީގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިއީ ތަޢުލީމާއި، މަޢުލޫމާތު ބަދަލުކުރުމާއި، އިޖުތިމާޢީ ބައިވެރިވުމުގެ ތެރެއިން ކުދިންނާއި ޒުވާނުންނަށް މުހިންމު އުނދަގޫތަކެއް ފަހިކޮށްދިނުމަށް ފަރުމާކޮށްފައިވާ ސިލްސިލާ ވަރކްޝޮޕް ފެސްޓިވަލެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް ރަޖިސްޓްރީ  ކުރުމުގެ މުއްދަތު 11 ޖުލައި 2026 އާ ހަމައަށް ހަމަޖެހިފައިވާއިރު، މި ޙަރަކާތްތައް ކުރިއަށްދާނީ 19 ޖުލައި އިން 23 ޖުލައި 2026 އަށެވެ.

"ފުރާތަ" ޕްރޮގްރާމަކީ އުފާވެރި އުނގެނުމުގެ މާޙައުލެއްގެ ތެރެއިން، ރަސްމީ ތަޢުލީމީ ނިޒާމަށް އަހުލުވެރި ކުރުވުމުގެ ގޮތުން ކުދިންނާއި ޒުވާނުންގެ ޝަޚްޞިއްޔަތާއި، ތަޢުލީމީ ފެންވަރާއި، އަދި އިޖުތިމާޢީ ހުނަރުތައް ތަރައްޤީކުރުމަށް ފަރުމާކޮށްފައިވާ މަޝްރޫޢެކެވެ. މީގެ މައިގަނޑު މަޤްޞަދަކީ ބައިވެރިންގެ ކިބައިގައި ހުންނަ އުނގެނުމާއި ލިޔަން ކިޔަން ދަތުމުގެ އަސާސީ ހުނަރުތައް އިތުރުކޮށް އައު ކަންކަން ހޯދުމުގެ ޝައުޤުވެރިކަމާއި، އުފެއްދުންތެރިކަމާއި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިތުރުކޮށް، އެނގެނުމަށް އޮންނަ ލޯބި އިތުރުކުރުމެވެ.

މި ޕްރޮގްރާމް ބަހާލެވިފައިވަނީ ތިން އުމުރުފުރާއަކަށެވެ.

އެއީ،

  • ކެޓަގަރީ އޭ (9 އަހަރާއި 12 އަހަރާ ދެމެދު)،
  • ކެޓަގަރީ ބީ (13 އަހަރާއި 15 އަހަރާ ދެމެދު)،
  • ކެޓަގަރީ ސީ (16 އަހަރާއި 18 އަހަރާ ދެމެދު)

މި ފިޔަވަހީގައި ހިމެނޭ މުހިންމު ދާއިރާތަކުގެ ތެރޭގައި، "ސްޓޯރީޓެލިންގ އިން އެކްޝަން" އާއި "ވާހަކައިގެ ދުނިޔެ"، "އިސްލާމީ އަޚްލާޤާއި އާދަބުތައް"، "ރޮބޮޓިކްސް"، "އާންމު ދިރިއުޅުމުގެ ހިސާބު"، "ސައިންސްގެ ހޯދުންތައް"، "ނަފްސާނީ ދުޅަހެޔޮކަމާއި ހިތްވަރު"، އަދި "ކިޔެވުމުގެ ހުނަރުތައް" ހިމެނެއެވެ.

ކޮންމެ ވަރކްޝޮޕެއްވެސް ބައްޓަންކޮށްފައިވަނީ ބައިވެރިންނާ ގުޅިގެން ކުރިއަށްގެންދާ، ޢަމަލީ ޙަރަކާތްތަކާއި ދިރާސީ ހޯދުންތަކުގެ މައްޗަށް ބިނާވެފައިވާ ޝައުޤުވެރި ގޮތްތަކަށެވެ. މި ސެޝަންތައް ކުރިއަށްގެންދިއުމުގައި އިސްކޮށް މަސައްކަތް ކުރާނީ ޤައުމީ ޔުނިވަރސިޓީގެ އެކަޑެމިކް މުވައްޒަފުންނެވެ.

މި ޕްރޮގްރާމްގެ ކިޔެވުން ކޮންމެ ދުވަހަކު ހެނދުނު 8:15 އިން ހަވީރު 3:30 އަށް ކުރިއަށްދާއިރު، ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ 23 ޖުލައި ގައެވެ.

މިއީ ޢާންމު މުޖުތަމަޢާ އޮންނަ ގުޅުން ބަދަހިކޮށް، ފައިދާހުރި އަދި ޢަމަލީ ތަޖުރިބާ ލިބޭނޭފަދަ އުނގެނުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް އެމް.އެން.ޔޫ އިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ކުދިން، ތިރީގައިވާ ލިންކް މެދުވެރިކޮށް ސުންގަޑި ހަމަވުމުގެ ކުރިން ރަޖިސްޓްރީ ކުރުމަށް ބެލެނިވެރިންނަށް އެ ޔުނިވަރސިޓީން އިލްތިމާސްކުރެއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *