"ސްކޫލް ގަނާކުރުން" ހިތްދަތި ތަޖުރިބާތަކާއި، އޭގެ ނުރައްކާ

ހަލީމަތު ނަޖްވާ

ސްކޫލަކީ ކޮންމެ ކުއްޖެއްގެވެސް އުންމީދުތަކުގައި ކުލަޖައްސައިދޭ އުނގެނުމުގެ މާތް ބަގީޗާއެވެ. އެއީ ތަރުބިއްޔަތާއި އޯގާތެރިކަމާއި، އެކުވެރިކަމުގެ ފޮނި މި މީރުކަން، "ލިބިގަންނަން އޮތް އަމާން ބަނދަރެވެ. ނަމަވެސް، ހިތާމައަކީ މިއަދު އަޅުގަނޑުމެންގެ ސްކޫލް މާހައުލުގެ ތެރެއިން ގަނާކުރުމާއި ފުރައްސާރަކުރުމާއި ބާކީކުރުމުގެ ހިތްދަތި މަންޒަރުތައް ފެންނަމުންދިއުމެވެ. އެތައް ކުދިންނެއްގެ މޫނުމަތިން އުފާވެރިކަން ފޮހެލައި، އެކުދިންގެ ނަފްސާނީ ހަމަޖެހުން ނަގާލާ މި ނުބައި އާދައަކީ، މުޅި މުޖުތަމައު ސަމާލުވާންޖެހިފައިވާ ނުރައްކާތެރި ވަބާއެކެވެ. ސްކޫލުގެ ރަނގަބީލުގެ އަޑަކީ ބައެއް ކުދިންނަށް އުފާވެރިކަމުގެ މިއުޒިކަކަށް ވިޔަސް އަނެއްބައި ކުދިންނަށް އެއީ ނުތަނަވަސްކަމާއި ބިރުވެރިކަމުގެ ސިގުނަލެކެވެ.

ފުރައްސާރަކުރުމަކީ ހަމައެކަނި ޖިސްމާނީ ގޮތުން ދެވޭ އަނިޔާއެއް ނޫނެވެ. ދުލުން ބުނާ ހިތްދަތި ބަސްތަކާއި މަލާމާތްކުރުމުގެ އެންމެ ނުރައްކާތެރި އެއް ކަމަކީ "ބާކީކުރުން" ނުވަތަ އިޖުތިމާއީ، ގޮތުން އެކަހެރިކޮށްލުމެވެ. ކުލާހުގެ އެހެން ކުދިން އެކުގައި ކުޅެ، މަޖާކުރާއިރު އެއްވެސް، ކުށަކާ ނުލައި އެއް ކުއްޖަކު ބާކީކޮށްލުމަކީ ކުއްޖެއްގެ ނަފްސާނީ ދުޅަހެޔޮކަމަށް ލިބޭ ވަރަށް ބޮޑު ގެއްލުމެކެވެ. އިންސާނަކަށް ވީތީ ލިބެންޖެހޭ ގަދަރު ކުޑަކޮށް، އެހެން ކުދިންގެ ކުރިމަތީގައި ލަދުގަންނުވާލުމަކީ އިސްލާމީ ރީތި އަދަބުތަކާވެސް މުޅިން ޚިލާފު ކަމެކެވެ. އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް މިއީ "ސަމާސާއަކަށް" ވީ ނަމަވެސް، އެކަމުގެ ޝިކާރައަކަށްވާ ކުއްޖާއަށް އެއީ މުޅި ދިރިއުޅުން އަނދިރިވެގެންދާ ފަދަ ކަމެކެވެ.
ގަނާކުރުމުގެ ސަބަބުން ކުދިންގެ ކިޔެވުމަށް ނޭދެވޭ އަސަރުކުރެއެވެ. ސްކޫލަށްދާން ބިރުގަތުމާއި އެކަނިވެރިވުމާއި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލިގެން ދެއެވެ. ބައެއް ފަހަރު މިފަދަ ކަންކަމުގެ ސަބަބުން ބޮޑެތި ނަފްސާނީ ބަލިތަކަށް ކުދިން ހުށަހެޅި މުޅި އުމުރަށް އެ ހިތްދަތިކަން ދެމިގެންދެއެވެ. އަޅުގަނޑުމެން ހަނދާންކުރާން ޖެހޭ ކަމަކީ މިއަދު އަޅުގަނޑުމެން ކޮށްލާ މަލާމާތަކީ އަނެކާގެ މުޅި މުސްތަގުބަލު ބަރުބާދުކޮށްލާނެ ކަމަކަށް ވެދާނެ ކަމެވެ. ކުލާސްރޫމުގެ ކަނެއްގައި އިސްޖަހާލައިގެން އެކަނި އިށީދެގެން އިންނަ ކުއްޖާގެ ހިތުގެ ރީތި ކުލަތައް ފޮހެލެވެނީ ހަމަ އަޅުގަނޑުމެންގެ އިހުމާލުންނެވެ.

މި މައްސަލަ ހައްލުކުރުމުގައި މުދައްރިސުންނާއި ބެލެނިވެރިންގެ ދައުރު ވަރަށް ބޮޑެވެ. ކުދިންގެ އުޅުމަށް އަންނަ ބަދަލުތަކަށް ސަމާލުވެ އެކުދިންނާ ވާހަކަދައްކައި، އެހީތެރިކަން ފޯރުކޮށްދޭންޖެހެއެވެ. އަދި ސްކޫލްތަކުގައި އެކަކު އަނެކަކަށް އިހްތިރާމްކުރުމާއި އަޅާލުމުގެ ސިފަ އަށަގަންނުވަން ޖެހެއެވެ. ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ދަސްކޮށްދެއްވާފައިވަނީ މުސްލިމަކީ އޭނާގެ ދުލާއި އަތުގެ ނުބައިކަމުން އެހެން މީހުން ސަލާމަތްވެގެންވާ މީހާ ކަމަށެވެ. މި މަތިވެރި ސިފަ އަޅުގަނޑުމެންގެ ދަރިންގެ ކިބައިގައި ހަރުލެއްވުމަކީ މިއަދު މަޖުބޫރު ކަމެކެވެ.

މިއަދު އަޅުގަނޑުމެންގެ ސްކޫލްތަކުން ގަނާކުރުމުގެ ވަބާ ފޮހެލުމަކީ ހަމައެކަނި ފަރުދީ ޒިންމާއެއް ނޫނެވެ. އެއީ މުޅި ގައުމީ ފެންވަރެއްގައި އުފުލަންޖެހޭ ދީނީ އަދި އިޖުތިމާއީ ވާޖިބެކެވެ. ކޮންމެ ކުއްޖަކީވެސް އިހުތިރާމާއި ގަދަރު ލިބިގެންވާ، ރައްކާތެރި މާހައުލެއްގައި އުނގެނުމުގެ ހައްގު ލިބިގެންވާ ކުއްޖެކެވެ. އެހެންކަމުން، އަޅުގަނޑުމެންގެ ދަރިންގެ ހިތްތަކުގައި އަނެކާއަށް ރަހުމުކުރުމާއި އެހީތެރިވުމުގެ މާތްސިފަ އަށަގަންނުވަމާ ހިނގާށެވެ. ބާކީކޮށްލެވޭ ކުއްޖާގެ ހިތުގެ އާހުގެ އަޑު އެހުމުގެ ގާބިލުކަން އަޅުގަނޑުމެންގެ ކިބައިގައި ހުންނަންޖެހެއެވެ. ހަނދާންކުރާށެވެ؟ މިއަދު އަޅުގަނޑުމެން ދައްކާ އޯގާތެރިކަމުގެ ކުޑަ މިންވަރަކީ މާދަމާގެ ޖީލު ނަފްސާނީ ގޮތުން ދުޅަހެޔޮ، ވަރުގަދަ ބައެއްގެ ގޮތުގައި ބިނާކުރުމަށް އެޅޭ އެންމެ ހަރުދަނާ. ބިންގަލެވެ. ފުރައްސާރައަށް "ނޫނެކޭ" ބުނެ، ލޯތްބާއި އެކުވެރިކަމުގެ އަތެއް ކޮންމެ ކުއްޖަކަށްވެސް. ދިއްކޮށްލަމާ ހިނގާށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *